ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު އަދި ބީއެންޕީގެ ޗެއަރޕާސަން ބޭގަމް ޚާލިދާ ޒިޔާގެ ޞިއްޙީ ޙާލަތު ދަތުރުކުރެވޭ ވަރަށް ރަނގަޅު ނުވާތީ، މިވަގުތަށް އެކަމަނާ ލަންޑަނަށް ފަރުވާއަށް ބަދަލުކުރުމުގެ މަސައްކަތް ހުއްޓާލައިފިއެވެ. އެކަމަނާއަށް ފަރުވާ ދެމުން ގެންދަނީ ޑާކާގެ އެވަރކެއަރ ހޮސްޕިޓަލްގައި ސީސީޔޫ ޔުނިޓްގައެވެ.
ޚާލިދާ ޒިޔާއަށް ފަރުވާދޭ މެޑިކަލް ބޯޑުގެ މެންބަރަކު، ނަން ނުޖެހުމުގެ ޝަރުޠުކޮށް، ހޯމަ ދުވަހު ޔޫއެންބީއަށް ވިދާޅުވީ، އެކަމަނާގެ ޞިއްޙީ ޙާލަތު އުޅެނީ އެއް ވަރެއްގައި ކަމަށެވެ. ޑޮކްޓަރު ވިދާޅުވީ، "އެއްކަމެއް ރަނގަޅުވާއިރު، އަނެއް ކަމެއް ފެންނަނީ. އެއް ޞިއްޙީ މިންގަނޑެއް ކޮންޓްރޯލް ކުރެވޭއިރު އަނެއް މިންގަނޑު މައްޗަށް ދަނީ." އެކަމަނާގެ ފުރަމެއަށް ދިމާވެފައިވާ ދިގުދެމިގެންދާ މައްސަލަތައް ކޮންޓްރޯލް ކުރެވިފައިވީ ނަމަވެސް، ކިޑްނީގެ ޙާލަތާ މެދު ފާރަވެރިވާން ޖެހިފައިވާ ކަމަށް ވެސް ޑޮކްޓަރު ވިދާޅުވިއެވެ. "އެކަމަނާގެ ޙާލަތު އިތުރަށް ރަނގަޅުވަންދެން ބޭރަށް ފޮނުވައި ނުލުމަށް އަޅުގަނޑުމެންގެ މެޑިކަލް ޓީމުން ނިންމާފައިވަނީ،" އޭނާ ވިދާޅުވިއެވެ.
ޢުމުރުފުޅުން 80 އަހަރުގެ ޚާލިދާ ޒިޔާއަށް ނޮވެމްބަރު 23 ވަނަ ދުވަހުން ފެށިގެން އެވަރކެއަރ ހޮސްޕިޓަލްގައި ފަރުވާދެމުން ގެންދެއެވެ. އަދި ޙާލަތު ގޯސްވުމުގެ ސަބަބުން ހަތަރު ދުވަސް ފަހުން އެކަމަނާ ވަނީ ކްރިޓިކަލް ކެއަރ ޔުނިޓަށް ބަދަލުކޮށްފައެވެ. އެކަމަނާއަށް ފަރުވާދެނީ ކާޑިއޮލޮޖިސްޓް ޕްރޮފެސަރ ޝަހާބުއްދީން ތާލޫކްދަރުގެ ލަފާގެ މަތިން ބާއްވާ މެޑިކަލް ބޯޑެއްގެ ބެލުމުގެ ދަށުންނެވެ. މި ބޯޑުގައި ބަންގްލަދޭޝްއާއި ޔޫކޭ، ޔޫއެސްއޭ އަދި ޗައިނާގެ ޚާއްޞަ ޑޮކްޓަރުން ހިމެނެއެވެ. ކުރީގެ ބޮޑުވަޒީރުގެ ޞިއްޙީ މައްސަލަތަކުގެ ތެރޭގައި ރާއްޖެބަލި، ހަކުރު ބަލި، ފުރަމޭގެ ލިވަރ ސިރޯސިސް، ކިޑްނީގެ ބަލިތައް، ފުއްޕާމޭއާއި ހިތުގެ މައްސަލަތަކާއި، ލޮލުގެ މައްސަލަތައް ވެސް ހިމެނެއެވެ. މިހާރުވެސް ދުވާލަކު 20 އަށް ވުރެ ގިނަ ޚާއްޞަ ޑޮކްޓަރުން އެވަރކެއަރގައި އެއްވެ، އެކަމަނާގެ ޙާލަތު މުރާޖަޢާކޮށް، ފަރުވާއާ ބެހޭ މައުލޫމާތު ބަދަލުކުރެއެވެ.
ޚާލިދާ ޒިޔާގެ ޙާލަތު އިތުރަށް ގޯސްވެފައި ނުވިޔަސް، އެކަމާނާ އަދިވެސް އޮންނެވީ ނުރައްކަލުގެ ޙާލަތުގައި ކަމަށް ޑޮކްޓަރުން ބުނެއެވެ. "ސީސީޔޫގައި އެޑްވާންސްޑް ފަރުވާ ދެމުންދަނީ. ކޮންމެ ރެއަކު ވެސް މެޑިކަލް ބޯޑުން އެކަމަނާގެ ޙާލަތު މުރާޖަޢާކުރޭ. ޚާއްޞަ ޑޮކްޓަރުން ވަކިވަކި ކޮމްޕްލިކޭޝަންތަކާ މެދު މަޝްވަރާކޮށް، ބޭސް ބަދަލުކޮށް، ޑޯޒް ބަދަލުކޮށް، ނުވަތަ ބޭސް ހުއްޓާލައި އަލުން ފަށަނީ،" ޑޮކްޓަރަކު ވިދާޅުވިއެވެ. މީގެ އިތުރުން، ބީއެންޕީގެ އެކްޓިންގ ޗެއަރމަން ތާރިޤް ރަޙްމާންގެ އަނބިކަނބަލުން އަދި ޚާލިދާ ޒިޔާގެ ދަރިފުޅުގެ އަނބިކަނބަލުން ޑރ. ޒުބައިދާ ރަޙްމާން ވެސް މެޑިކަލް ބޯޑުގެ ބައްދަލުވުންތަކުގައި ބައިވެރިވެވަޑައިގަންނަވާ ކަމަށް ބުނެއެވެ. ޚާލިދާ ޒިޔާއަށް ދޭ ކާނާ ތައްޔާރުކުރަނީ އެކަމަނާގެ ގުލްޝަންގެ ގެކޮޅުން ކަމަށާއި، މެޑިކަލް ލަފާގެ މަތިން ކޮންމެ ދުވަހަކު ހޮސްޕިޓަލަށް ފޮނުވާ ކަމަށް ވެސް ރިޕޯޓް ކޮށްފައި ވެއެވެ.
ޚާލިދާ ޒިޔާ ފަރުވާއަށް ލަންޑަނަށް ގެންދިއުމަށް ޚާއްޞަ އެއަރ އެމްބިއުލާންސް އިންތިޒަމު ކޮށްދެއްވީ ޤަތަރުގެ އަމީރު އެވެ. ނަމަވެސް ފަންނީ މައްސަލައެއްގައި އެ ބޯޓ ްލަސްވުމުން ޖަރުމަނުވިލާތުގެ އެފްއޭއައި އެވިއޭޝަން ގްރޫޕުން އެހެން ބޯޓެއް ހަމަޖެއްސިއެވެ. މިހަރު އެ ބޯޓުވެސް ވަނީ ކެންސަލް ކޮށްފައެވެ.






