ރާއްޖޭގެ ހެލްތު ސެކްޓަރަށް ޚާއްސަ މަގުޗާޓެއް އެކުލަވާލަނީ

ދިވެހިރާއްޖޭގެ ސިއްހީ ދާއިރާ އިތުރަށް ހަރުދަނާކޮށް، ހުރިހާ ރައްޔިތުންނަށް ފެންވަރު ރަނގަޅު ސިއްހީ ޚިދުމަތްތަކެއް ފޯރުކޮށްދިނުމުގެ އަމާޒަށް ވާސިލުވުމަށްޓަކައި، ހެލްތު މިނިސްޓްރީން މިހާރު ވަނީ ޚާއްސަ މަގުޗާޓެއް އެކުލަވާލުމުގެ މަސައްކަތް ފަށާފައެވެ. މި މަސައްކަތުގެ ދަށުން "ނޭޝަނަލް ޔުނިވަރސަލް ހެލްތު ކަވަރޭޖް ފޯރަމް" މިހާރު ދަނީ ކުރުނބާ މޯލްޑިވްސްގައި ކުރިއަށެވެ.

މި ފޯރަމަކީ އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ) އާއި ވޯލްޑް ހެލްތް އޯގަނައިޒޭޝަން (ޑަބްލިއުއެޗްއޯ) ގުޅިގެން އިންތިޒާމުކޮށްފައިވާ ފޯރަމެކެވެ.

ރާއްޖޭގެ ސިއްހީ ދާއިރާގެ ކުރިމަގު ބައްޓަންކުރުމަށްޓަކައި އެކުލަވާލެވޭ މި މަގުޗާޓު 2026 ވަނަ އަހަރުން ފެށިގެން 2030 ގެ ނިޔަލަށް އަމަލުކުރުމަށް ވަނީ ހަމަޖެހިފައެވެ.

ހެލްތު މިނިސްޓްރީން ހާމަކުރާ ގޮތުގައި، މިހާރު ރާއްޖޭގެ ސާވިސް ކަވަރޭޖް އިންޑެކްސް ހުރީ 70 ގަ އެވެ. މި މަގުޗާޓުގެ އެންމެ ބޮޑު އަމާޒަކީ 2030 ވަނަ އަހަރާ ހަމައަށް މި އިންޑެކްސް 80 އަށްވުރެ މަތިކުރުމެވެ. މި އަމާޒަށް ވާސިލުވުމަށްޓަކައި ބޭރުގެ ތަޖުރިބާކާރުންނާއި، އިންޑިއާ، ސްރީލަންކާ، ބޫޓާން، އިންޑޮނޭޝިއާ އަދި ފިލިޕިންސް ފަދަ ގައުމުތަކުގެ ސިއްހީ ދާއިރާގެ މަންދޫބުން މި ފޯރަމްގައި ބައިވެރިވެ، އެބޭފުޅުންގެ ތަޖުރިބާ ހިއްސާކުރަމުން ދެއެވެ. މި މަގުޗާޓުގެ ސަބަބުން ރާއްޖޭގެ ސިއްހީ ދާއިރާއަށް ފުޅާ ކުރިއެރުންތަކެއް ލިބި، ރައްޔިތުންނަށް ލިބޭ ސިއްހީ ހިދުމަތުގެ ފެންވަރު އިތުރަށް ރަނގަޅުވެގެންދާނެ ކަމަށް ލަފާކުރެވެއެވެ.

 

ހިއްސާ ކުރައްވާ!