ދެ އިންތިޚާބު އެއްކޮށްލަނީ ކީއެއް ނޫން! އެއް ދުވަހެއްގައި ދެ އިންތިޚާބު ބާއްވަނީ: އުޝާމް

"އަޅުގަނޑުމެން ހުށަހަޅައިގެން މިއުޅެނީ ދެ އިންތިޚާބު އެއް ދުވަހެއްގައި ބާއްވަން. ދެ އިންތިޚާބު އެއް ދުވަހެއްގައި ބޭއްވި ނަމަވެސް މިއީ ދެ އިންތިޚާބު އެއްކޮށްލުމެއް ނޫން. އެއް ދުވަހެއްގައި ދެ އިންތިޚާބު އޮންނާނީ،" ބަންޑާރަނައިބު އަހުމަދު އުޝާމް

ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެއްކޮށްލުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން އޮޅުވާލުމަށް ދައްކަމުންދާ ވާހަކަތަކުގައި އެއްވެސް ހަގީގަތެއް ނެތް ކަމަށް ބަންޑާރަނައިބު އަޙްމަދު އުޝާމް ވިދާޅުވެއްޖެއެވެ. ޕީއެސްއެމް ނިއުސްގެ "ރާއްޖެ މިއަދު" ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން އުޝާމް ވިދާޅުވީ ސަރުކާރުގެ އަމާޒަކީ ދެ އިންތިޚާބު އެއްކޮށްލުން ނޫން ކަމަށާއި، ނަމަވެސް ދެ އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުން ކަމަށެވެ.

އިދިކޮޅު ފަރާތްތަކުން އޮޅުވާލުމަށް ދައްކަމުންދާ ވާހަކަތައް ސާފުކޮށް ދެއްވަމުން ގާނޫނީ ގޮތުން ހޭލުންތެރި ވާން ޖެހޭފަދަ ވާހަކަތަކެއް އުޝާމް ވިދާޅުވެ ދެއްވިއެވެ.

އުޝާމް ވިދާޅުވީ ދިވެހިރާއްޖޭގައި އޮތީ ރައްޔިތުންގެ ވޯޓަކުން ނިންމާފައިވާ ރިޔާސީ ނިޒާމެއް ކަމަށާއި، ގާނޫނުއަސާސީ އެކުލަވާލާފައިވަނީ ވެސް އެ ނިޒާމުގެ ސިފަތައް ހިމެނޭ ގޮތަށް ކަމަށެވެ. އެހެންކަމުން، ރައީސުލްޖުމްހޫރިއްޔާއަކު ހޮވުމަށާއި މަޖިލިސް މެންބަރުން ހޮވުމަށް ރައްޔިތުން ވަކިން ވޯޓުލާން ޖެހޭނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

މި އިސްލާހު ތަސްދީގުވެގެން ދިޔަ ނަމަވެސް، ވޯޓުލާ ދުވަހު ރައްޔިތުންނަށް ރައީސުލްޖުމްހޫރިއްޔާ އިންތިޚާބު ކުރުމަށް ވަކި ވޯޓު ކަރުދާހެއް އަދި ރައްޔިތުންގެ މަޖިލީހުގެ މަންދޫބުން ކަނޑައެޅުމަށް ވަކި ވޯޓު ކަރުދާހެއް ލިބޭނެ ކަމަށް އުޝާމް ވިދާޅުވިއެވެ. އެހެންކަމުން މިއީ އެއްވެސް ހާލެއްގައި ދެ އިންތިޚާބު އެއްކޮށްލުން ނޫންކަން އޭނާ ތަކުރާރު ކުރެއްވިއެވެ.

ދެ އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމަށް ނިންމި ސަބަބުތަކަށް އަލިއަޅުއްވާލައްވަމުން އުޝާމް ވިދާޅުވީ، މިގޮތަށް އިންތިޚާބު ބޭއްވުމުން ރާއްޖެއަށް ބޮޑެތި ފައިދާތަކެއް ކުރާނެކަން ފާހަގަކުރެވޭ ކަމަށެވެ. މީގެ ތެރޭގައި ދައުލަތުގެ ބަޖެޓުން ކުރަންޖެހޭ ހޭދަ ކުޑަވުމާއި އިދާރީ ގޮތުން ކުރަންޖެހޭ މަސައްކަތްތައް ލުއިވެގެންދާނެ އެވެ.

އެކަށީގެންވާ މަޝްވަރާ ނެތި ކަންކަން ކުރާ ކަމަށް ބުނާ ވާހަކަ އޭޖީ އުޝާމް ދޮގުކުރައްވައިފި

ހިއްސާ ކުރައްވާ!