"އަޅުގަނޑުމެންގެ ގްރޭޓަރ އައްޑޫ ވިޝަންގައި މިކަންކަން ހިމެނިފައިވާނެ. ދިރާސާކޮށްފައި މިކަންކަން އެކުލަވާލާފައިވާނީ ރައްޔިތުންގެ މަޝްވަރާއާ ވެސް އެކުގައި. އައްޑޫ ވިޝަންގައި އަޅުގަނޑުމެން ހާސިލުކުރަން ބޭނުންވާ ކަންކަން އޮންނާނީ ލިޔެފައި،" މުޝްރިފް
އައްޑޫ ސިޓީގެ މޭޔަރުކަމަށް ކުރިމަތިލީ އައްޑޫގެ ރައްޔިތުންނަށް ކޮށްދެންޖެހޭ ކަންކަން ވަރަށް ރަނގަޅަށް އެނގިތިބެ، ސާފު ތަސައްވުރަކާ އެކުގައި ކަމަށް ކޮންގްރެސް ޕާޓީގެ އައްޑޫ ސިޓީ މޭޔަރު ކެންޑިޑޭޓް މުޝްރިފް އަލީ ވިދާޅުވެއްޖެއެވެ.
އެމްއެމްޓީވީގެ "ދިވެހީންގެ ރާއްޖެ" ޕްރޮގްރާމުގައި ބައިވެރިވެވަޑައިގެން ދެއްކެވި ވާހަކަފުޅުގައި މުޝްރިފް ވިދާޅުވީ، ފާއިތުވީ 15 އަހަރަށް ބަލާއިރު އައްޑޫއަށް ހަގީގީ ކުރިއެރުމެއް ލިބިފައި ނުވާ ކަމަށެވެ. ވަކިން ހާއްސަކޮށް، އިގްތިސާދީ ގޮތުން އައްޑޫއަށް ލިބެންޖެހޭ ތަރައްގީ ނުލިބި އޮތީ ފުރުސަތުތައް ފަހިވެފައި އޮތް ނަމަވެސް އެ ފުރުސަތުތަކުގެ ބޭނުންކުރާނެ ބަޔަކު ކައުންސިލަށް އައިސްފައި ނުވާތީ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

މުޝްރިފް ވިދާޅުވީ އޭނާގެ ޓީމުން އެކުލަވާލާފައިވާ "ގްރޭޓަރ އައްޑޫ ވިޝަން" އަކީ ރައްޔިތުންގެ މަޝްވަރާއާއެކު ވަރަށް ބޮޑަށް ދިރާސާކޮށްގެން ތައްޔާރުކޮށްފައިވާ ތަސައްވުރެއް ކަމަށެވެ. "އަޅުގަނޑުމެންގެ ގްރޭޓަރ އައްޑޫ ވިޝަންގައި މިކަންކަން ހިމެނިފައިވާނެ. ދިރާސާކޮށްފައި މިކަންކަން އެކުލަވާލާފައިވާނީ ރައްޔިތުންގެ މަޝްވަރާއާ ވެސް އެކުގައި. އައްޑޫ ވިޝަންގައި އަޅުގަނޑުމެން ހާސިލުކުރަން ބޭނުންވާ ކަންކަން އޮންނާނީ ލިޔެފައި،" މުޝްރިފް ވިދާޅުވިއެވެ.
މީގެ އިތުރުން، އައްޑޫގެ ތަރައްގީއަށް ސަރުކާރުން ގެންގުޅޭ އަމާޒުތަކަށް ހުރަސް އެޅެނީ ކައުންސިލުގެ ފަރާތުން ސަރުކާރަށް ދޭންޖެހޭ އެއްބާރުލުން ނުލިބޭތީކަން އޭނާ ފާހަގަކުރެއްވިއެވެ. މުސްތަގުބަލުގައި ރާއްޖޭގެ ކުރިއެރުމުގައި އައްޑޫއަށް ވަރަށް ހާއްސަ ދައުރެއް އަދާކުރެވިދާނެ ކަމަށާއި، ވަރުގަދަ އައްޑޫއަކާއެކު މުޅި ރާއްޖޭގެ ދެކުނަށް އިންގިލާބީ ބަދަލުތަކެއް އަންނާނެ ކަމަށްވެސް މުޝްރިފް ވިދާޅުވިއެވެ.
"ގްރޭޓަރ އައްޑޫ ވިޝަން" ގެ ތަފްސީލުތައް ހާމަކުރުމަށް ބޭއްވި ރަސްމިއްޔާތުގައި މުޝްރިފް އިތުރަށް ވިދާޅުވީ، އެ ތަސައްވުރަކީ ހަމައެކަނި ޗާޓެއްގައި ކުރަހާފައިވާ ކުރެހުމެއް ނޫން ކަމަށާއި، އެއީ އަމަލީ ގޮތުން ތަންފީޒުކުރާނެ މަޝްރޫއުތަކެއް ކަމަށެވެ.





