ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބު، އަދި ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓުގެ އެންމެހައި މަރުހަލާތައް ރޭވިފައިވަނީ ވޯޓުގެ ސިއްރުކަން އެއްވެސް މިންވަރަކަށް ނުގެއްލޭނެ ފަދަ ހަރުދަނާ އުސޫލުތަކެއްގެ މަތިން ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.
އިލެކްޝަންސް ކޮމިޝަނުން މިކަން ހާމަކޮށްފައިވަނީ، އެ ކޮމިޝަނުން އިންތިޚާބުގެ ސިއްރުކަން ގެއްލޭގޮތަށް އަމަލުކުރަމުންދާ ކަމަށް ތުހުމަތުކޮށް ފަތުރަމުންދާ ވާހަކަތަކާ ގުޅިގެން ނެރުނު ބަޔާނެއްގައެވެ.

ކޮމިޝަނުން ބުނިގޮތުގައި، ވަކިގޮތަކަށް ނުވަތަ ވަކި ފަރާތަކަށް ވޯޓުލުމަށް އެ ކޮމިޝަނުން ކަނޑައަޅާފައިވާ އެއްވެސް އޮފިޝަލަކު ނާންގާނެއެވެ. އަދި ހަމަޖެހިފައިވާ އުސޫލުގެ ތެރެއިން، ކޮންމެ ވޯޓުލާ މީހަކަށްވެސް ތިން ކަރުދާސް ދޫކުރާނެ ކަމަށާއި، އެ މީހަކު ބޭނުންވާ ގޮތަކަށް ވޯޓުލުމުގެ ފުރުސަތު ފުރިހަމައަށް އޮންނާނެ ކަމަށްވެސް ކޮމިޝަނުން ބުންޏެވެ.
ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީތަކުގެ އިންތިޚާބާއި ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓްގައި ވޯޓުގެ ސިއްރުކަން ގެއްލޭ ގޮތަށް ކަންކަން ކުރަން ރާވާމުންދާ ކަމަށް ވިދާޅުވީ ސުޕްރީމް ކޯޓްގެ ކުރީގެ ފަނޑިޔާރު ހުސްނުއްސުއޫދު އެވެ.
މީގެ އިތުރުން، ކޮމިޝަންގެ މަސައްކަތްތަކާ މެދު އާންމުންގެ މެދުގައި ސުވާލު އުފެދޭ ގޮތަށް، ހަގީގަތާ ޚިލާފު ދޮގު މައުލޫމާތު ފަތުރަމުންދާތީ އެކަމާ ހިތާމަކުރާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ފާހަގަކުރިއެވެ. ވޯޓުގެ ސިއްރުކަން ގެއްލޭގޮތަށް ކޮމިޝަނުން މަސައްކަތް ކުރަމުންދާ ކަމަށް ބުނެ ދައްކަމުންދާ ވާހަކަތަކަކީ އެއްވެސް އަސާސެއް ނެތް، ހަގީގަތާ ޚިލާފު ވާހަކަތަކެއް ކަމަށްވެސް އެ ކޮމިޝަނުން ވަނީ ބުނެފައެވެ.
އިލެކްޝަންސް ކޮމިޝަނުން އިތުރަށް ބުނެފައިވަނީ، އިންތިޚާބީ އެންމެހައި ކަންކަން އިންތިޒާމު ކުރެވިފައިވަނީ ދެފުށް ފެންނަ، އިންސާފުވެރި އަދި ވޯޓުގެ ސިއްރުކަން ހިމާޔަތްކުރެވޭނެ ފަދަ ހަރުދަނާ ނިޒާމެއްގެ ތެރެއިން ކަމުގެ ޔަގީންކަން ހުރިހާ ރައްޔިތުންނަށް އަރުވާ ކަމަށެވެ.


