ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމާ މެދު ރައްޔިތުންގެ މެދުގައި ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ހޮނިހިރު ދުވަހު އޮންނަ ވޯޓު ލުމުގައި ވޯޓު ކަރުދާހުގައި ފާހަގަޖެހުމުގައި ސަމާލުވާންޖެހޭ ކަންތައްތަކެއް އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފިއެވެ.
ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ މި ވޯޓާ ގުޅޭގޮތުން އިލެކްޝަންސް ކޮމިޝަންގެ މެންބަރު ހަސަން ޒަކަރިއްޔާ ވިދާޅުވީ، ވޯޓުލާ މީހާ "އާނއެކޭ" ނުވަތަ "ނޫނެކޭ" ބުނަން ބޭނުންވިޔަސް، ވޯޓު ކަރުދާހުގައި ޖަހަންޖެހޭނީ "ރަނގަޅު" (✓) ފާހަގަ ކަމަށެވެ.

މިއީ އިންތިޚާބުތަކާ ބެހޭ ގާނޫނުގެ ދަށުން ރާއްޖޭގައި ބާއްވާ ޚިޔާލު ހޯދުމުގެ ވޯޓުތަކާއި އާންމު އިންތިޚާބުތަކުގައި އަމަލުކުރަންޖެހޭ ގާނޫނީ އުސޫލުކަން ކޮމިޝަނުން ފާހަގަކުރެއެވެ.
އިލެކްޝަންސް ކޮމިޝަނުން ތަކުރާރުކޮށް ބުނެފައިވަނީ، ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެއްކޮށް ބޭއްވުމާ މެދު އެ މީހަކަށް ފެންނަ ގޮތެއް ނިންމުމަށްޓަކައި، ކަރުދާހުގައިވާ ދެ ގޮޅިން ކުރެ އެމީހަކު ބޭނުންވާ ގޮޅިއެއްގައި "ރަނގަޅު ފާހަގަ" ޖެހުމުން އެ ވޯޓަކީ ސައްހަ ވޯޓެއްގެ ގޮތުގައި ބެލެވޭނެ ކަމަށެވެ.
މި ފެންނަ ނުފެންނަ ވޯޓުގައި ރައްޔިތުންނާ ކުރެވޭ ސުވާލަކީ:
""ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބު އެކުގައި ބޭއްވުމަށާއި، ރައްޔިތުންގެ މަޖިލީހުގެ އުމުރު ގުނުމުގެ އުސޫލު ބަޔާންކުރުމަށްޓަކައި، ރައްޔިތުންގެ މަޖިލީހުން ފާސްކުރައްވާފައިވާ 'ގާނޫނުއަސާސީ އަށް 8 ވަނަ އިސްލާހު ގެނައުމުގެ ބިލް' ރައީސުލްޖުމްހޫރިއްޔާ ތަސްދީގު ކުރެއްވުމަށް ފެނޭ ހެއްޔެވެ؟"
