ރިޔާސީ އިންތިޚާބުގައި އަޅުގަނޑު އެކަމަށް ރައްޔިތުންނަށް ވަޢުދުވިން. މިރޭ މި ސޮއިކުރި އެއްބަސްވުމުގެ ދަށުން، 25 ހެކްޓަރުގެ ބިން މި ރަށަށް އިތުރުކުރެވިގެންދާނެ. މި މަޝްރޫޢު އިރާދަކުރެއްވިއްޔާ ވަރަށް އަވަހަށް ޢަމަލީގޮތުން ފެށި، އެއްވެސް ހުއްޓުމެއް ނައިސް ގޮސް ނިމިގެންދާނެ. އާދެ، މި ތިން މަޝްރޫޢުގެ އިތުރުންވެސް، ގިނަ ކަންތައްތަކެއް މި ރަށުގައި ކުރަން އެބަހުރި." – 24 ސެޕްޓެމްބަރ 2025، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވޭމަންޑޫ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅު
ތ. ވޭމަންޑޫގެ ބިން ހިއްކުމުގެމަޝްރޫޢު އެންމެ 23 ދުވަހުގެ ތެރޭގައި ނިންމާލައިފިއެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މިދިޔަ މާޗު މަހުގެ 12 ވަނަ ދުވަހު އަމަލީ މަސައްކަތް ފެށި މި މަޝްރޫޢު މި މަހުގެ 4 ވަނަ ދުވަހަށް އެއްކޮށް ނިންމާލެވިފައިވާ ކަމަށެވެ.
މި މަޝްރޫޢުގެ ދަށުން ޖުމްލަ 27 ހެކްޓަރުގެ ބިން ވަނީ ހިއްކާފައެވެ. ރައީސް ހާމަކުރެއްވި ތަފާސްހިސާބުތަކަށް ބަލާއިރު، މި ސަރަހައްދު ހިއްކުމަށް ޖުމްލަ 882,693.00 ކިއުބިކް މީޓަރުގެ ވެލި ބޭނުންކޮށްފައިވެއެވެ. މިއީ ވޭމަންޑޫގެ ރައްޔިތުންނާ 2025 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު ބައްދަލުކުރައްވައި، އެރަށުގެ ބިން ހިއްކައިދޭނެ ކަމަށް ރައީސް ވެވަޑައިގެންނެވި ވައުދުފުޅުގެ ދަށުން ކުރިއަށްގެންދިޔަ މަޝްރޫޢެކެވެ.
މި މަސައްކަތުގައި ބޭނުންކޮށްފައިވަނީ 11,300 ކިއުބިކް މީޓަރުގެ ކެޕޭސިޓީ ހިމެނޭ "ފިލިއްޕޯ ބްރޫނެލެސްކީ" ނަމަކަށް ކިޔާ ޓްރެއިލިން ސަކްޝަން ހޮޕަރ ޑްރެޖަރެކެވެ. މިއީ ބިން ހިއްކުމުގެ ބޮޑެތި މަޝްރޫޢުތަކަށް ހާއްސަ، އުޅަނދެއްކަން ފާހަގަކުރެވެއެވެ.
ވޭމަންޑޫ ބިން ހިއްކުމުގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 113.19 މިލިއަން ރުފިޔާއަށެވެ. ބިން ހިއްކުމުގެ އިތުރުން، މި މަޝްރޫޢުގެ ދަށުން 819 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމަންޓް ޖެހުމާއި، 220 މީޓަރުގެ ސަރަހައްދެއްގައި ގްރޮއިން ޖެހުމުގެ މަސައްކަތް ވެސް ކުރިއަށްދާނެއެވެ.
އާބާދީގައި 1270 މީހުން ދިރިއުޅޭ ވޭމަންޑޫގެ ބިން ހިއްކައި ނިމުމާއެކު، އެރަށުގެ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ބޮޑު ހައްލެއް ލިބިގެންދާނެއެވެ. އަދި މީގެ ސަބަބުން ރަށުގެ އިޤްތިޞާދީ ހަރަކާތްތައް ފުޅާކުރުމަށް އިތުރު ފުރުޞަތުތަކެއް ފަހިވެގެންދާނެ ކަމަށް ބެލެވެއެވެ.



