ސްރީލަންކާގެ ކްރިކެޓް ބޯޑުގެ ހިންގުން އެ ގައުމުގެ ސަރުކާރުން އިއްޔެ ނަގައިފިއެވެ. ސަރުކާރުން މި ފިޔަވަޅު އެޅީ ކްރިކެޓް ބޯޑުގެ އޮނިގަނޑަށް އިސްލާހީ ބަދަލުތަކެއް ގެނައުމަށްޓަކައި، ނުވަ މެންބަރުންގެ މައްޗަށް އެކުލެވޭ އިންތިގާލީ އިދާރާއެއް އައްޔަންކުރުމަށްފަހުގައެވެ.
ސްރީލަންކާ ކްރިކެޓް (އެސް.އެލް.ސީ) އަކީ އެ ގައުމުގެ އެންމެ މުއްސަނދި ކުޅިވަރު އިދާރާއަށް ވީނަމަވެސް، ގިނަ ދުވަސްތަކެއް ވަންދެން އެ އިދާރާގައި ކޮރަޕްޝަނާއި ނަހަމަ ގޮތުގައި ކަންކަން ހިންގާކަމުގެ ތުހުމަތުތައް ވަނީ އަމާޒުވެފައެވެ.
ސްރީލަންކާގެ މިނިސްޓްރީ އޮފް ޔޫތު އެފެއާޒް އެންޑް ސްޕޯޓްސް އިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، މިއަދުން ފެށިގެން ސްރީލަންކާ ކްރިކެޓް ބޯޑުގެ ހުރިހާ އިދާރީ މަސައްކަތްތަކެއް ވަގުތީ ގޮތުން އެ މިނިސްޓްރީގެ ދަށަށް ބަދަލުކޮށްފައިވާ ކަމަށެވެ. މި ބަދަލާއެކު، ބޯޑު ހިންގުމަށްޓަކައި ކުރީގެ އިންވެސްޓްމަންޓް ބޭންކަރެއް އަދި އިދިކޮޅު ސިޔާސީ ބޭފުޅެއް ކަމަށްވާ އިރާން ވިކްރަމަރަތުނަ ވަނީ އިސްކޮށް އައްޔަންކޮށްފައެވެ.
މި ކޮމިޓީގައި ހިމެނޭ ފާހަގަކޮށްލެވޭ އެހެން މެންބަރުންގެ ތެރޭގައި ސްރީލަންކާގެ ކުރީގެ ކެޕްޓަން ކުމާރު ސަންގައްކާރާ އާއި، ކުރީގެ ޓެސްޓް ކުޅުންތެރިން ކަމަށްވާ ސިދާތު ވެޓިމުނީ އަދި ރޯޝަން މަހަނާމާ ހިމެނެއެވެ. ސްޕޯޓްސް މިނިސްޓްރީން ބުނި ގޮތުގައި މި އިންތިގާލީ ކޮމިޓީގެ މައިގަނޑު މަގުސަދަކީ ކްރިކެޓް ބޯޑަށް މިހާރު ދިމާވެފައިވާ މައްސަލަތަކަށް ހައްލެއް ހޯދައި، ހިންގުމުގެ އޮނިގަނޑަށް ބޭނުންވާ އިސްލާހީ ބަދަލުތައް ގެނައުމެވެ.
ސަރުކާރުގެ މި ނިންމުމާ ގުޅިގެން، ހަތަރު ދައުރު ބޯޑުގެ ރައީސްކަން ކުރެއްވި ޝައްމީ ސިލްވާ އާއި އޭނާގެ މުޅި ކޮމިޓީ ވަނީ އަންގާރަ ދުވަހު މަގާމުން އިސްތިއުފާ ދީފައެވެ.
ކްރިކެޓް ބޯޑުގެ ހިންގުމުގެ ތެރެއަށް ސިޔާސީ ނުފޫޒު ވަންނަ ކަމަށް ބުނެ، ދުނިޔޭގެ ކްރިކެޓްގެ މައި އިދާރާ، އިންޓަނޭޝަނަލް ކްރިކެޓް ކައުންސިލް އިން ވަނީ 2023-2024 ވަނަ އަހަރު ދެ މަސް ދުވަހުގެ މުއްދަތަކަށް ސްރީލަންކާ ސަސްޕެންޑްވެސް ކޮށްފައެވެ. މި މައްސަލައިގައި އައި.ސީ.ސީގެ ބަހެއް ހޯދުމަށް އޭ.އެފް.ޕީ އިން މިހާރު ވަނީ މަސައްކަތް ފަށާފައެވެ.
ސްރީލަންކާގެ ކްރިކެޓަށް މި ބަދަލުތައް އައިސްފައި މިވަނީ، މި އަހަރުގެ ފެބްރުއަރީ އަދި މާޗް މަހު އިންޑިއާއާ ގުޅިގެން ސްރީލަންކާގައި ބޭއްވި ޓީ-20 ވޯލްޑް ކަޕްގެ ކުރީކޮޅު އެ ގައުމު މުބާރާތުން ކަޓައި، ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެފައިވާ ދަނޑިވަޅެއްގައެވެ.

