ޑީޖޭއޭގެ ދެ ޑިރެކްޓަ ޖެނެރަލުން މުއްދަތެއްނެތް ގޮތަށް ސަސްޕެންޑްކޮށްފި

ޑިޕާޓްމެންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) ގެ ދެ ޑިރެކްޓަ ޖެނެރަލުން ކަމަށްވާ ޒަކަރިއްޔާ ހުސެއިން އާއި އަހުމަދު އަލީ، މުއްދަތެއް ނެތް ގޮތަށް ސަސްޕެންޑްކޮށްފިއެވެ. މި ދެ ބޭފުޅުން ސަސްޕެންޑްކޮށްފައިވަނީ ބަލަމުންދާ މައްސަލައަކާ ގުޅިގެން ކަމަށް އެ އިދާރާއިން ވަނީ އަންގާފައެވެ.

ސަސްޕެންޑް ކުރި ދެ ބޭފުޅުންގެ ތެރެއިން ޒަކަރިއްޔާ ހުސެއިން އަކީ ޑީޖޭއޭގެ ޖެނެރަލް އެޑްމިނިސްޓްރޭޝަން އެންޑް ފްރަންޓް އޮފީހުގެ އިސްވެރިޔާއެވެ. އޭނާ ވަނީ މީގެ ކުރިން ސިވިލް ސާވިސް ކޮމިޝަންގެ މެންބަރުކަން ވެސް ކުރައްވާފައެވެ. ސަސްޕެންޑް ކުރި ދެވަނަ ބޭފުޅާ ކަމަށްވާ އަހުމަދު އަލީ އަކީ ޖުޑިޝަލް އެކަޑަމީގެ ޑިރެކްޓަ ޖެނެރަލެވެ. އޭނާ ވަނީ މީގެ ކުރިން އެޑިއުކޭޝަން މިނިސްޓްރީގެ ޕާމަނެންޓް ސެކެޓްރީގެ މަގާމު ވެސް ފުރުއްވާފައެވެ.

މި ދެ ބޭފުޅުން މުއްދަތެއް ނެތް ގޮތަށް ސަސްޕެންޑް ކުރި ނަމަވެސް، އެ ބޭފުޅުންނާ ގުޅޭގޮތުން ބަލަމުންދަނީ ކޮން މައްސަލައެއް ކަމެއް މިހާތަނަށް ސާފުވެފައެއް ނުވެއެވެ.

ޑީޖޭއޭގެ އިސް ދެ އޮފިޝަލަކު ސަސްޕެންޑްކޮށްފައި މިވަނީ، އެ އިދާރާގެ އެންމެ އިސްވެރިޔާ ނުވަތަ ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރު (ސީޖޭއޭ) ގެ މަގާމުގައި ހުންނެވި އަމްޖަދު މުސްތަފާ މިދިޔަ މަހުގެ 20 ވަނަ ދުވަހު އިސްތިއުފާ ދެއްވާފައި ވަނިކޮށެވެ. އަމްޖަދު އެ މަގާމަށް އައްޔަން ކުރެއްވީ ފެބްރުއަރީ 2025 ގައެވެ.

ޑީޖޭއޭގެ އިސް މަގާމުތަކަށް މިފަހަކަށް އައިސް ބޮޑެތި ބަދަލުތަކެއް އަންނަމުންދާއިރު، އަމްޖަދުގެ ކުރިން އެ މަގާމުގައި ހުންނެވި ސޯލިހު ސަރުކާރުން އައްޔަން ކުރި އައިޝަތު ރިޒުނާ ވެސް ވަނީ ސެޕްޓެމްބަރު 2024 ގައި މަގާމުން އިސްތިއުފާ ދެއްވާފައެވެ.

ހިއްސާ ކުރައްވާ!