އިސްތިއުމާރީ ޖެނޮސައިޑް ހިންގާ ޔަހޫދީންގެ ޖަލުތަކުގައި ބަންދުކޮށްފައިވާ ފަލަސްތީނު މީހުންގެ އަދަދު 9،400 އަށްވުރެ މައްޗަށް އަރާފައިވާކަން ފަލަސްތީނުގެ ރަސްމީ އިދާރާތަކުން ހާމަކޮށްފިއެވެ.
ފަލަސްޓީނުގެ "ޕްރިޒަނާސް ކްލަބް" އިން ބުރާސްފަތި ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މިއަހަރުގެ މެއި މަހުގެ ކުރީކޮޅާ ހަމައަށް ޔަހޫދީ އިދާރާތަކުން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، ޔަހޫދީންގެ ޖަލުތަކުގައި ވަގަށް ނަގާފައިވާ 9،400 އަށްވުރެ ގިނަ ރަހީނުން އެބަތިއްބެވެ. މީގެ ތެރޭގައި އެއްވެސް ދައުވާއަކާ ނުލައި ރަހީނުކޮށްފައިވާ މީހުންވެސް ހިމެނެއެވެ.
މި ތަފާސްހިސާބުތަކުން ދައްކާގޮތުގައި، ބަންދުގައި ތިބި މީހުންގެ ތެރޭގައި 87 އަންހެނުންނާއި، ގާތްގަނޑަކަށް 360 ކުޑަކުދިން ހިމެނެއެވެ. މި ކުޑަކުދިން ބަންދުކޮށްފައިވަނީ ޔަހޫދީންގެ "މެގިއްދޯ" އަދި "އޮފަރ" ޖަލުގައެވެ. މީގެ އިތުރުން، އެއްވެސް ޝަރީއަތަކާ ނުލައި 3،376 މީހަކު ބަންދުގައި ތިބިއިރު، "ޣައިރު ގާނޫނީ ހަނގުރާމަވެރިން" ގެ ނަމުގައި 1،283 މީހަކު ވަނީ ބަންދުކޮށްފައެވެ.
ޕްރިޒަނާސް ކްލަބުން އިތުރަށް ފާހަގަކޮށްފައިވާ ގޮތުގައި، މި އަދަދުތަކުގެ ތެރޭގައި ޣައްޒާގެ އެކި ސަރަހައްދުތަކުން ރަހީނުކޮށްގެން ޔަހޫދީ އަސްކަރީ ކޭމްޕުތަކުގައި ބަންދުކޮށްފައިވާ ހުރިހާ މީހުންގެ އަދަދެއް ނުހިމެނެއެވެ. އަދި ބަންދުގައި ތިބި މީހުންގެ ތެރޭގައި ލުބުނާނާއި ސޫރިޔާއަށް ނިސްބަތްވާ އަރަބިންވެސް ހިމެނޭކަން އެ އިދާރާއިން ވަނީ ހާމަކޮށްފައެވެ.
މި މައުލޫމާތުތަކަކީ ފަލަސްތީނުގެ "ކޮމިޝަން އޮފް ޑިޓެއިނީސް އެފެއާޒް" އާއި، "ޕްރިޒަނާސް ކްލަބް" އަދި "އައްޟަމީރު ފޯ ހިއުމަން ރައިޓްސް" ފަދަ މުއައްސަސާތަކުން އެއްކޮށްފައިވާ ސައްހަ މައުލޫމާތުތަކެއްކަމަށް އެ ފަރާތްތަކުން ބުނެއެވެ.
ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ޔަހޫދީން ހިންގަމުންދާ މިފަދަ ލާއިންސާނީ އަމަލުތައް ދުނިޔޭގެ އެކި ކަންކޮޅުތަކުން ދަނީ ކުށްވެރިކުރަމުންނެވެ. ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުވެސް ވަނީ ބައިނަލްއަގުވާމީ މައިދާނުގައި ފަލަސްޠީނުގެ ހައްގުގައި ވަކާލާތުކުރައްވައި، ޔަހޫދީންގެ އިސްތިއުމާރީ ބާރުތަކުން ހިންގާ ޖަރީމާތައް ހުއްޓާލުމަށް ގޮވާލައްވާފައެވެ.




