ޖެނޮސައިޑް ޔަހޫދީ ރެޖީމްގެ ފުލުހުން، ފަލަސްތީނުގެ މަޝްހޫރު ދެ އިލްމުވެރިން ކަމަށްވާ ޝައިޚް ރާއިދު ސަލާހާއި ޝައިޚް ކަމާލް ޚަތީބަށް 6 މަސް ދުވަހަށް މަސްޖިދުލް އަޤްޞާއަށް ވަނުން މަނާކޮށްފިއެވެ.
ޖެނޮސައިޑް ޔަހޫދީ ރެޖީމްގެ ފުލުހުން ނެރުނު މި އަމުރުގައިވާ ގޮތުން، މި އޭޕްރީލް 27 އިން ފެށިގެން 2026 ވަނަ އަހަރުގެ އޮކްޓޫބަރު 27 އާ ހަމައަށް މި ދެ ބޭފުޅުންނަށް އަޤްޞާ މިސްކިތުގެ އެއްވެސް ސަރަޙައްދަކަށް ވަނުން މަނާވާނެއެވެ. "ސަލާމަތީ ސަބަބުތަކަށްޓަކައި" ކަމަށް ބުނެ ނެރުނު މި އަމުރުގައި ސޮއިކުރައްވާފައިވަނީ ޤުދުސް ސަރަޙައްދުގެ ފުލުހުންގެ ކޮމާންޑަރު އަފްޝްލޯމް ބީލްޑް އެވެ.
މި ނިންމުމާ ގުޅިގެން ޝައިޚް ކަމާލް ޚަތީބު ވިދާޅުވީ، މިއީ 2015 ވަނަ އަހަރު ހަމާސް މަނާކުރި ފަހުން މެދުނުކެނޑި ކުރިމަތިވަމުންދާ ގޯނާކުރުންތަކުގެ ބައެއް ކަމަށެވެ. އަދި ސަލާމަތީ ސަބަބުތަކެއް ކަމަށް ބުނެ ދައްކާ ވާހަކަތަކަކީ އެއްވެސް އަސާސެއް ނެތް ފުލޯކު ހޮޅި ވާހަކަތަކެއް ކަމަށްވެސް ފާހަގަކުރެއްވިއެވެ.
ޝައިޚް ރާއިދު ސަލާހަކީ މަނާކޮށްފައިވާ އިސްލާމީ ޙަރަކާތުގެ ކުރީގެ ރައީސެވެ. އަދި ޝައިޚް ކަމާލް ޚަތީބަކީ އެ ޖަމާޢަތުގެ ކުރީގެ ނައިބު ރައީސްގެ އިތުރުން، މިހާރުގެ "ލެޖެންޑް އޮފް ފްރީޑަމްސް" ކޮމިޓީގެ ރައީސެވެ. މި ދެ ބޭފުޅުންނަކީވެސް މީގެ ކުރިން ތަފާތު އެކި ފަހަރުމަތިން ހައްޔަރުކޮށް، އަޤްޞާ މިސްކިތުން ދުރުކުރުމުގެ އަމުރުތައް ނެރެފައިވާ ދެ ބޭފުޅުންނެވެ.
މި އަމުރުގައިވާ ގޮތުން، ފުލުހުންގެ ކޮމާންޑަރުގެ ޚާއްޞަ ހުއްދައެއް ލިބިގެން މެނުވީ މި މުއްދަތުގެ ތެރޭގައި އެ ދެ ބޭފުޅުންނަށް މަސްޖިދުލް އަޤްޞާގެ ހަރަމްފުޅަށް ވަނުމަކީ މަނާކަމެކެވެ. މިއީ ފަލަސްތީނުގެ ދީނީ އިލްމުވެރިންނަށާއި އަޤްޞާ މިސްކިތުގެ ދިފާޢުގައި މަސައްކަތްކުރާ ފަރާތްތަކަށް އިސްރާއީލުން ކުރިމަތިކުރަމުންދާ ފިއްތުންތަކުގެ ތެރެއިން ނިންމި ނިންމުމެއް ކަމަށް މަސްރަޙު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ.




