ރަޝިޔާއާއި ސައުދީއާ ދެމެދު ވިސާ ނެތި ދަތުރުކުރެވޭ އެއްބަސްވުމަށް އަމަލުކުރަން ފަށަނީ

ރަޝިޔާއާއި ސައުދީ އަރަބިއްޔާއާ ދެމެދު ވިސާ ނެތި ދަތުރުކުރެވޭ ގޮތަށް ވެފައިވާ އެއްބަސްވުމަށް ހޯމަ ދުވަހުން ފެށިގެން އަމަލުކުރަން ފަށާނެކަން އެ ދެ ގައުމުން އިއުލާންކޮށްފިއެވެ. މިއީ ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުން ބަދަހިކޮށް، ދަތުރުފަތުރު ކުރުމުގައި ލުއިފަސޭހަ ގޮތްތަކެއް މަގުފަހިކުރުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ.

މި އެއްބަސްވުމުގެ ދަށުން، އާދައިގެ ޕާސްޕޯޓް ގެންގުޅޭ ދެ ގައުމުގެ ރައްޔިތުންނަށް ވެސް ވިސާއާ ނުލައި އަނެއް ގައުމުގައި 90 ދުވަހުގެ މުއްދަތަށް މަޑުކުރެވޭނެއެވެ. މި މުއްދަތަކީ އެއް އަހަރު ދުވަހުގެ ތެރޭގައި އެއްފަހަރާ ނުވަތަ އެކި ފަހަރު މަތިން ބަހާލައިގެން ބޭނުންކުރެވޭނެ މުއްދަތެކެވެ.

މި ލުއިތައް ދިނުމަށް ހަމަޖެހިފައިވަނީ ވަކި ޚާއްސަ ބޭނުންތަކަކަށް ކުރާ ދަތުރުތަކަށެވެ. އޭގެ ތެރޭގައި ފަތުރުވެރިކަމުގެ ބޭނުމަށާއި، ވިޔަފާރި ދަތުރުތަކުގެ އިތުރުން، އާއިލާގެ މީހުންނާއި ރައްޓެހިންނަށް ޒިޔާރަތް ކުރުމަށް ކުރާ ދަތުރުތައް ހިމެނެއެވެ.

ނަމަވެސް، މި އެއްބަސްވުމުގެ ދަށުން ބައެއް ބާވަތުގެ ވިސާތައް އިސްތިސްނާވެއެވެ. އޭގެ ތެރޭގައި ވަޒީފާ އަދާކުރުމުގެ ވިސާއާއި، ކިޔެވުމުގެ ވިސާގެ އިތުރުން އެ ގައުމެއްގައި ދާއިމީކޮށް ދިރިއުޅުމަށް ދޫކުރާ ރެސިޑެންސް ވިސާ ހިމެނެއެވެ. މީގެ އިތުރުން، ހައްޖުގެ އަޅުކަން އަދާކުރުމަށްދާ ފަރާތްތަކުން ވެސް މިހާރު އޮންނަ އުސޫލުގެ މަތިން ހާއްސަ ވިސާ ހޯދުން މަޖުބޫރުވާނެއެވެ.

މި އެއްބަސްވުމަށް އަމަލުކުރަން ފެށުމާއެކު، ރަޝިޔާއާއި ސައުދީ އަރަބިއްޔާގެ އިގްތިސާދީ އަދި އިޖުތިމާއީ ގުޅުންތަކަށް އިތުރު ކުރިއެރުމެއް ލިބިގެންދާނެ ކަމަށް ދެ ގައުމުން ވެސް އުންމީދު ކުރެއެވެ.

 

ހިއްސާ ކުރައްވާ!