ދެކުނު ކޮރެއާގެ ކުރީގެ ފަސްޓް ލޭޑީ ކިމް ކުން ހީގެ މައްޗަށް އިއްވާފައިވާ ޖަލު ހުކުމް މިދިޔަ މަހު އިތުރުކުރި ގާޒީ ޝިން ޖޮންގް-އޯ މަރުވެފައި އޮއްވާ ބުދަ ދުވަހު ފެނިއްޖެ ކަމަށް އެ ގައުމުގެ ފުލުހުން ބުނެފިއެވެ.
ސޯޗޯ ޑިސްޓްރިކްޓް ޕޮލިސް ސްޓޭޝަނުގެ އިންވެސްޓިގޭޓަރަކު މައުލޫމާތު ދެއްވި ގޮތުގައި، ގާޒީ ޝިން މަރުވެފައި އޮއްވާ ފެނުނީ މެންދަމު 1:00 ހާއިރު ސޯލް ހައިކޯޓުގެ އިމާރާތުގެ ތެރެއިންނެވެ. އޭނާ ހޮސްޕިޓަލަށް ގެންދިޔަ އިރުވެސް އޮތީ މަރުވެފައި ކަމަށް ޑޮކްޓަރުން ވަނީ ކަނޑައަޅާފައެވެ.
ފުލުހުން ބުނި ގޮތުގައި ގާޒީގެ މަރުގައި ޝައްކު ކުރެވޭ ފަދަ އެއްވެސް ކަމެއް މިހާތަނަށް ފާހަގަކުރެވިފައެއް ނުވެއެވެ. އަދި އޭނާ އަމިއްލައަށް މަރުވުމުގެ ނޯޓެއް ދޫކޮށްފައިވާ ކަމަށް ބައެއް މީޑިއާން ރިޕޯޓުކުރި ނަމަވެސް، ފުލުހުން ވަނީ އެކަން ދޮގުކޮށްފައެވެ.
އުމުރުން 53 އަހަރުގެ ކިމް ކުން ހީގެ އިސްތިއުނާފު މައްސަލަ މިދިޔަ މަހު ބެއްލެވީ ގާޒީ ޝިން އެވެ. އެ މައްސަލައިގައި ކިމްގެ މައްޗަށް ރިޝްވަތު ހިފުމާއި ހިއްސާގެ ބާޒާރުގައި އޮޅުވާލުންތަކެއް އޮޅުވާލިކަން ސާބިތުވާ ކަމަށް ނިންމައި، އޭނާގެ ޖަލު ހުކުމް 20 މަހުން 4 އަހަރަށް ވަނީ އިތުރުކޮށްފައެވެ.





