އިސްރާއީލް ބައިވެރިވާތީ ޔޫރޯވިޝަން ބޮއިކޮޓްކޮށް ފަސް ގައުމަކުން މުބާރާތުން ވަކިވެއްޖެ

2026 ވަނަ އަހަރު އޮސްޓްރިއާގެ ވިއެނާގައި ބޭއްވުމަށް ހަމަޖެހިފައިވާ ޔޫރޯވިޝަން ލަވަ މުބާރާތުން ފަސް ގައުމަކުން ވަކިވެ، އެ މުބާރާތަށް ފާއިތުވި ދިހަވަރަކަށް އަހަރު ތެރޭގައި ކުރިމަތިނުވާ ފަދަ ބޮޑު ގޮންޖެހުމަކާ ކުރިމަތިލާން ޖެހިއްޖެއެވެ.

މެއި މަހުގެ 12 އިން 16 އަށް ބޭއްވުމަށް ތައްޔާރުވަމުންދާ މި މުބާރާތުން ގައުމުތައް ވަކިވަމުންދަނީ، ޣައްޒާގައި ޔަހޫދީ ޖެނޮސައިޑް ރެޖީމުން ހިންގަމުންދާ ލާއިންސާނީ އަމަލުތަކާ ގުޅިގެން، އިސްރާއީލް މި މުބާރާތުގައި ބައިވެރިކުރުމާ ދެކޮޅަށް އިހުތިޖާޖު ކުރުމުގެ ގޮތުންނެވެ.

މި މުބާރާތުން ރަސްމީކޮށް ވަކިވެފައިވާ 5 ގައުމަކީ ސްޕެއިން، އަޔަލޭންޑް، ސްލޮވީނިއާ، ނެދަލޭންޑްސް އަދި އައިސްލޭންޑެވެ. މީގެ ތެރެއިން ސްޕެއިންއަކީ މި މުބާރާތުގައި ގަވާއިދުން ބައިވެރިވަމުން އަންނަ ގައުމަކަށްވީ ނަމަވެސް، އެ ގައުމުން ވަނީ މިފަހަރު މުބާރާތް ބްރޯޑްކާސްޓް ނުކުރުމަށްވެސް ނިންމާފައެވެ.

މި މުބާރާތް އިންތިޒާމްކުރާ ޔޫރަޕިއަން ބްރޯޑްކާސްޓިންގް ޔޫނިއަން (އީ.ބީ.ޔޫ) އިން އިސްރާއީލް މުބާރާތުން ބޭރުކުރުމަށް ހުށަހެޅި ހުށަހެޅުންތަކަށް ވަނީ އިންކާރުކޮށްފައެވެ. އެ ޖަމިއްޔާއިން ބުނެފައިވަނީ ޔޫރޯވިޝަންއަކީ ސިޔާސީ ނޫން ހަރަކާތެއް ކަމަށާއި، ރޭވިފައިވާ ގޮތަށް މުބާރާތް ކުރިއަށްދާނެ ކަމަށެވެ.

ނަމަވެސް، ދުނިޔޭގެ މަޝްހޫރު 1،000 އަށްވުރެ ގިނަ ފަންނާނުން ވަނީ މި މުބާރާތް ބޮއިކޮޓް ކުރުމަށް ގޮވާލާފައެވެ. އޭގެ ތެރޭގައި މަޝްހޫރު މިއުޒީޝަން ބްރަޔަން އީނޯ އާއި ރެޕާ މެކްލެމޯ ހިމެނެއެވެ. ފަންނާނުން ބުނަމުންދަނީ 2022 ވަނަ އަހަރު ރަޝިޔާ މުބާރާތުން ބޭރުކޮށްފައިވާއިރު، އިސްރާއީލާ މެދު އަމަލުކުރާ ގޮތުން "ދެ މިންގަނޑުގެ އުސޫލެއް" ގެންގުޅޭކަން ހާމަވާ ކަމަށެވެ.

މި މައްސަލާގައި މުބާރާތުގެ ކުރީގެ ތަރިންވެސް ދަނީ ނުރުހުން ފާޅުކުރަމުންނެވެ. އެގޮތުން 2003 ވަނަ އަހަރުގެ މުބާރާތް ކާމިޔާބުކުރި ތުރުކީގެ މަޝްހޫރު ލަވަކިޔުންތެރިޔާ ސެރްތާބް އެރެނާ ވަނީ، ދުނިޔޭގެ ސިޔާސީ މަސްރަހު ނުތަނަވަސްވެފައިވާ މި ދަނޑިވަޅުގައި މުބާރާތުގެ ފިނާލޭގައި ލަވަކިޔުމަށް ލިބުނު ދައުވަތު ގަބޫލުނުކޮށްފައެވެ.

މި ބޮއިކޮޓްތަކާ ގުޅިގެން 2026 ވަނަ އަހަރުގެ މުބާރާތުގައި ބައިވެރިވާނީ އެންމެ 35 ގައުމެވެ. މިއީ 2003 ވަނަ އަހަރަށްފަހު މި މުބާރާތުގައި އެންމެ މަދު ގައުމު ބައިވެރިވާ އަހަރެވެ.

ހިއްސާ ކުރައްވާ!