އީރާނާ ދެކޮޅަށް އަސްކަރީ ފިޔަވަޅު އެޅުމަށް ޓްރަމްޕް ސީރިއަސްކޮށް ވިސްނަވަނީ: ސީއެންއެން

އެމެރިކާގެ ސޮލީބީ ރައީސް ޑޮނަލްޑް ޓްރަމްޕް، އީރާނާ ދެކޮޅަށް އަސްކަރީ ހަމަލާތައް ދިނުމާމެދު ކުރިއަށްވުރެ ބޮޑަށް މިހާރު ސީރިއަސްކޮށް ވިސްނަވަމުންދާ ކަމަށް އެމެރިކާގެ ސީއެންއެން ނިއުސް ނެޓްވޯކުން ރިޕޯޓްކޮށްފިއެވެ.

ސީއެންއެންއިން އެމެރިކާގެ އިސް މަސްދަރުތަކާ ހަވާލާދީ ބުނެފައިވާ ގޮތުގައި، ވޭތުވެދިޔަ ހަފުތާތަކާ އަޅާބަލާއިރު، އީރާނާ ދެކޮޅަށް އަސްކަރީ އޮޕަރޭޝަންތައް އަލުން ފެށުމުގެ ޝައުގުވެރިކަން ޓްރަމްޕްގެ ކިބައިގައި މިހާރު ވަނީ އިތުރުވެފައެވެ. މިގޮތަށް ޓްރަމްޕް ވިސްނަވަން ފެއްޓެވި މައިގަނޑު ސަބަބަކީ ހުރްމުޒް ކަނޑުއޮޅި ބަންދުކޮށްފައި އޮތުމުގެ ސަބަބުން ލިބުނު ނާކާމިޔާބީއާއި ބަދުނާމާއި ގުޅިގެން ކަމަށް އެ މީޑިއާއިން ރިޕޯޓްކުރެއެވެ.

މީގެ އިތުރުން، އީރާނުން އެންމެ ފަހުން ދިން ކާމިޔާބު ރައްދު ހަމަލަތަކުގެ ސަބަބުން، މަޝްވަރާގެ މޭޒަށް އައުމަށް ތެހެރާނުން ހަގީގަތުގައިވެސް ބޭނުންވޭތޯ އެމެރިކާގެ އޮފިޝަލުންގެ މެދުގައި ވަނީ ސުވާލު އުފެދިފައެވެ.

ޓްރަމްޕްގެ ސަރުކާރުގެ ބައެއް ބޭފުޅުން ގަބޫލުކުރައްވާ ގޮތުގައި، އީރާނަށް ބާރުބޮޑުކުރުމަށާއި އެ ގައުމުގެ މަގާމު ބަލިކޮށްލުމަށްޓަކައި ވަރުގަދަ ހަމަލާތަކެއް ދިނުމަކީ މިވަގުތަށް ބޭނުންތެރި ކަމެކެވެ. އީރާނަކީ އަދިވެސް އެމެރިކާ ހީކުރި ގޮތަށް ވުރެން ވަރުގަދަ ބާރެކެވެ.

މި މައްސަލައިގައި ޕާކިސްތާނުން މެދުވެރިއެއްގެ ދައުރު އަދާކުރާއިރު، އީރާނާ މުއާމަލާތް ކުރުމުގައި މިހާރަށްވުރެ ފާޅުކަން ބޮޑު ގޮތެއްގައި ޕާކިސްތާނުން އަމަލުކުރުމަށް ޓްރަމްޕާ ގާތް ބޭފުޅުން ބޭނުންވެއެވެ. އެމެރިކާގެ އޮފިޝަލުން ދެކޭގޮތުގައި ޕާކިސްތާނުން އީރާނުގެ މަޝްރަހު ސިފަކޮށްދެނީ ހަގީގަތަށްވުރެ ބޮޑަށް އީރާނަށް ފައިދާވާނެ ފަދަ އުއްމީދީ ގޮތަކަށެވެ.

ނަމަވެސް، އީރާނާ މެދު އަސްކަރީ ފިޔަވަޅެއް އެޅުމާ މެދު ވަކި ގޮތެއް ނިންމުން އެންމެ ގާތީ، ރައީސް ޓްރަމްޕް ޗައިނާއަށް ކުރައްވާ ދަތުރުފުޅަށްފަހު ކަމަށްވެސް އެ ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.

ހިއްސާ ކުރައްވާ!