އެމެރިކާގެ ގާނޫނު ހަދާ މަޖިލިސް ކޮންގްރެސްގެ ބައެއް މެންބަރުން މުސްލިމުންނާ ދެކޮޅަށް ފަތުރަމުންދާ ނަފްރަތުގެ ބަސްމަގާއި އިސްލާމޯފޯބިއާގެ އަމަލުތައް ރަސްމީކޮށް ކުށްވެރިކުރުމަށް، އެމެރިކާގެ މުސްލިމް ޖަމްއިއްޔާތަކާއި ޑިމޮކްރެޓިކް މެންބަރެއް ކަމަށްވާ އެލް ގްރީން ގޮވާލައްވައިފިއެވެ.
މި މައްސަލަ ބޮޑުވެފައިވަނީ ރިޕަބްލިކަން ޕާޓީގެ މެންބަރެއް ކަމަށްވާ އެންޑީ އޯގްލްސް، ސޯޝަލް މީޑިއާ ޕްލެޓްފޯމް 'އެކްސް' ގައި ކުރެއްވި ޕޯސްޓެއްގެ ސަބަބުންނެވެ. އޭނާ ވިދާޅުވެފައިވަނީ އެމެރިކާގެ މުޖުތަމައުގައި މުސްލިމުންނަށް ޖާގައެއް ނެތް ކަމަށާއި، ތަފާތު ދީންތަކުގެ މީހުން އެކުވެރިކަމާއެކު އުޅޭ ވާހަކައަކީ ހޮޅި ވާހަކައެއް ކަމަށެވެ.
މިކަމާ ގުޅިގެން ކޮންގްރެސްގެ މެންބަރު އެލް ގްރީން ވަނީ ޚާއްސަ ގަރާރެއް ހުށަހަޅުއްވާފައެވެ. އެ ގަރާރުގައި ބުނެފައިވަނީ، މިފަދަ ވާހަކަތަކަކީ އިސްލާމްދީނަށް އޮތް ނަފރަތް އުފެއްދުމުގެ އަމަލުތަކެއް ކަމަށާއި، މިއީ ކަނޑައެޅިގެން އިސްލާމޯފޯބިއާ ފެތުރުން ކަމަށެވެ. އަދި މިއީ ކޮންމެ މީހަކަށްމެ ދީނީ މިނިވަންކަން ކަށަވަރުކޮށްދޭ އެމެރިކާގެ ގާނޫނުއަސާސީގެ ފުރަތަމަ އިސްލާހުގެ ރޫހާ ޚިލާފު ކަމެއްގެ ގޮތުގައި އެ ގަރާރުގައި ސިފަކޮށްފައިވެއެވެ.
މި ހަރަކާތަށް ތާއީދުކޮށް، ޔޫ.އެސް ކައުންސިލް އޮފް މުސްލިމް އޯގަނައިޒޭޝަންސް އާއި 'ކޯޑް ޕިންކް' ފަދަ ޖަމްއިއްޔާތަކުން ދަނީ ކޮންގްރެސްގެ މެންބަރުންގެ މައްޗަށް ފިޔަވަޅު އެޅުމަށް ބާރުއަޅަމުންނެވެ. 'ކޯޑް ޕިންކް' ޖަމްއިއްޔާއިން ވަނީ މި މައްސަލައިގައި އެތިކްސް ކޮމިޓީއަށް ރަސްމީ ޝަކުވާވެސް ހުށަހަޅާފައެވެ.
މި ގަރާރުގައި މީގެ ކުރިންވެސް ބައެއް މެންބަރުން ދައްކާފައިވާ ނަފްރަތުގެ ވާހަކަތަކަށް އިޝާރާތްކޮށްފައިވެއެވެ. އެގޮތުން، ރެޕްރެޒެންޓޭޓިވް ރޭންޑީ ފައިން، މުސްލިމުން "ނައްތާލަންޖެހޭ" ކަމަށް ބުނެ ދެއްކި ހަރުކަށި ވާހަކަތައްވެސް މި ގަރާރުގައި ހިމަނާފައިވެއެވެ.
މި ގަރާރު ހުށަހެޅުއްވި އެލް ގްރީން ވިދާޅުވީ، އެމެރިކާއަކީ ހުރިހާ ދީންތަކެއްގެ މީހުންނަށްވެސް ހަމަހަމަކަމާއެކު އުޅެވޭނެ ގައުމެއްގެ ގޮތުގައި ބިނާވެފައިވާ ގައުމެއް ކަމަށެވެ. އަދި ވަކި ދީނެއްގެ މީހުންނާ ދެކޮޅަށް ދައްކާ މިފަދަ ވާހަކަތަކަށް ފުރުސަތު ދިނުމަކީ، އެންމެ ފަހުން ހުރިހާ ދީންތަކެއްގެ މީހުންގެ ސަލާމަތާއި ރައްކާތެރިކަމަށް އޮތް ބިރެއް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.




