މަގާމުގައި އޭނާ ގައުމަށް ހޯދައިދިން ކާމިޔާބީއަކީ ރިޝްވަތު ނެގުމަކާ ނުލައި ކުރު މުއްދަތެއްގެ ތެރޭގައި މަދުން ނޫނީ ނުފެންނަ މަސްއޫލުވެރިން ހޯދައި ދޭނެފަދަ ކާމިޔާބީއެކެވެ. އޭނާގެ މަގާމު ގެއްލުމުން ފުރަތަމައަށްވެސް އޭނާގެ އެކައުންޓްތައް ފްރީޒްކޮށް އޭނާގެ މުދާތައް ހިފެހެއްޓުމަށް އަމުރެއް ނެރުނެވެ. ތަހުގީގުކޮށް ބެލިއިރު އެކައުންޓްގައި ފައިސާއެއް ނެތެވެ. އުޅުނީ ކުއްޔަށެވެ. މިއީ މުޒުހިރު އައްޝާވީގެ ވާހަކައެވެ. އޭނާއަކީ އިރާގްގެ ބަސަރާއިން ފެނިގެން ދިޔަ އާދަޔާ ޚިލާފް ޝަޚުސިއްޔަތެކެވެ. އޭނާ މަގާމާ ޙަވާލުވީ އިރާގްގައި ފައިސަލް ރަސްގެފާނުގެ ވެރިކަމުގައވެ. އަބްދުލް ކަރީމް ޤާސިމްގެ އިންގިލާބަށް ފަހު އޭނާގެ މަގާމު ގެއްލުނެވެ. ނަމަވެސް ކުރު މުއްދަތެއްގައި އިރާގްގެ ބަސަރާގެ ބަނދަރަކީ ދުނިޔޭގެ ފެންވަރުގައި ކާމިޔާބު ބަނދަރަކަށް ހަދައި ދިނެވެ.
މުޒުހިރު އައްޝާވީ އަކީ އިރާގް ސިފައިންގެ މޭޖާރ ޖެނަރަލްއެކެވެ. ފަގީރުންނަށްޓަކައި ބޯހިޔާވަހިކަން ހޯދައި ދިން އިރާގުގެ ޖެނެރަލެކެވެ. އޭނާގެ ވާހަކައަކީ ކޮބައި ހެއްޔެވެ؟
1950 ގެ އަހަރުތަކުގެ ފަހުކޮޅު، މުޒްހިރު އަލްޝާވީ ނަމަކަށް ކިޔާ ޖެނެރަލަކު ބަސަރާގެ ބަނދަރު ހިނގުމުގެ މަސައްކަތާ ހަވާލުވެގެން ބަސްރާއަށް ވަޑައިގަތެވެ. އަސްކަރީ އަދަބުވެރިކަމުގެ ސިފަ ލިބިފައިވާ މި ޖެނަރަލް އައްޔަން ކޮށްފައި ވަނީ އިރާގުގެ ބަނދަރުތަކުގެ އެންމެ އިސްވެރިޔާގެ މަގާމަށެވެ. އެންމެންވެސް އުންމީދުކޮށްގެން ތިބީ ހަރުކަށި އަމުރުތަކާއެކު ސިފައިންގެ ކޮމާންޑަރަކު ފެންނާނެ ކަމަށެވެ. ނަމަވެސް، އޭނާ މަގާމާ ހަވާލުވެ ވަޑައިގަތުމާއެކު އެ މަންޒަރު މުޅިން ބަދަލުވެގެން ދިޔައެވެ.
އޭނާގެ މަގާމުގެ ފުރަތަމަ ދުވަހު އާދަޔާ ޚިލާފް ކަމެއް ތަޖުރިބާ ކުރަން ޖެހިވަޑައިގަތެވެ.
ބަނދަރުގައި މަސައްކަތް ކުރާ އާދައިގެ މަސައްކަތްތެރިއަކު މަރުވި އެވެ. އޭނާގެ 10 އަހަރުގެ ދަރިއަކު ދުނިޔޭގައި އިނެވެ. ގަވާއިދުތައް އޮތްގޮތުން، ބަނދަރުން އެމީހުންނަށް ދިރިއުޅެން ދީފައި ހުރި ބޯހިޔާވަހިކަން އެ އާއިލާއަށް ދޫކޮށްލަން ޖެހެއެވެ. އެ ބޯހިޔާވަހިކަން ދެމެހެއްޓުމަށްޓަކައި، އާއިލާއިން އެ ކުއްޖާއަކީ ބަނދަރުގެ މަސައްކަތު މީހެއް ކަމަށް ބަލައި ގަތުމަށް އެދުނެވެ. ނަމަވެސް، އުމުރުގެ ހަގު ކަމާއެކު އެޗްއާރްގެ އިސްވެރިޔާ އެކަމަށް އިންކާރު ކުރިއެވެ. އޭނާ ބުނީ ކުޑަކުއްޖަކު ވަޒީފާއަށް އައްޔަންކުރުމަކީ ގަވާއިދު ހުއްދަކުރާ ކަމެއް ނޫން ކަމަށެވެ.
މައްސަލަ އަލްޝާވީގެ މޭޒުމައްޗަށް ހުށަހެޅުނެވެ. އޭނާގެ ގަލަން ނަންގަވައި، އެއްވެސް ބަހުސަކާ ނުލައި އާއިލާއިން އޭނާއަށް ދެންނެވި ފަރިޔާދުގެ އާދޭހުގައި އިބާރާތެއް ލިޔުއްވިއެވެ: "ގާނޫނަށްވުރެ އިންސާނުންނަށް އޯގާތެރިކަން އިސްކުރާށެވެ!" އެއާއެކު ޔަތީމު ކުއްޖާ ވަޒީފާއަށް އައްޔަންކުރެވުނެވެ.
އެ ހިސާބުން ފެށިގެން، ޖެނެރަލް މުޒުހިރު އައްޝާވީ ބަސަރާ ސިޓީގެ ތަރައްގީއަށް މުޅި ނަފްސު ހުސްކޮށްލެއްވިއެވެ. އޭނާ ބަސަރާގެ ބަނދަރުތައް ބަދަލުކޮށްލީ މުޅި ގަލްފު ސަރަހައްދުގައި ފާހަގަ ވެގެން ދިޔަ އެންމެ ތަރައްގީވެފައިވާ ބަނދަރަށެވެ. އުޅަނދުފަހަރު މަރާމާތުކުރުމަށްޓަކައި ފްލޯޓިންގ ޑޮކެއް ހޯއްދެވިއެވެ. ގަލްފްގައި ތައާރަފް ކުރެވުނު އެފަދަ ފުރަތަމަ ޑޮކް އެވެ. އަދި އެތަނުގެ ދަގަނޑުތަކާއި ކްރޭންތަކުގެ މެދުގައި ހުރެ، އޭނާގެ ސަމާލުކަމާއި މަސައްކަތް އިންސާނުންނަށް ޚާލިސް ކޮށްލެއްވިއެވެ.
އައްޝާވީގެ އަމާޒަކަށްވީ މަސައްކަތުގެ މާހައުލު ރަނގަޅު ކޮށް ރައްކާތެރި ގޮތުގައި އަދި މަސައްކަތަށް ފަޚުރުވެރިވާ ގޮތަށް މުވައްޒަފުން ހެދުން އަޅައިގެން ތިބުމަށެވެ. ބަނދަރުގެ މަސައްކަތްތެރިންނަށް ރަނގަޅު ސޫޓުތައް ހޯދައިދިނެވެ. އަދި، ކޮންމެ މުވައްޒަފަކަށްވެސް ބައިސްކަލު ދިނެވެ. ކުއްޔަށް އުޅުނު މަޖޫރީންގެ ނިކަމެތި އާއިލާތަކަށް އަވަށްތައް ބިނާކޮށްދިނެވެ. އޮލިމްޕިކް ފެންވަރުގެ ހަތަރު ފަތާ ފެންގަނޑު ބިނާކޮށް ދިނެވެ. ޕޯޓްގެ މުވައްޒަފުންނަށް ކްލަބެއް އުފައްދައި ދިނެވެ. އަދި، ސިންދިބާދު ޖަޒީރާއާއި އަލްއަންދަލުސް ޕާކު ބިނާކޮށް ދިނެވެ. އަދި، ސިނަމާތަކާއި އާންމު ކުތުބުޚާނާތައް ހުޅުވައިދިނެވެ.
މި ހުރިހާ ކަމެއްގެ ތެރެއިންވެސް، އޭނާ މުސާރައަށް ވުރެން އިތުރު އެއްޗެއް ނެގުމަށް އިންކާރު ކުރެއްވިއެވެ. ފަހުންވެސް އޭނާ ދިރިއުޅުއްވީ ހަމައެކަނި އޭނާގެ ސިފައިންގެ މަގާމުގެ ޕެންޝަނުންނެވެ.
އިރާގްގެ ފައިސަލް ރަސްގެފާނުގެ ރަސްކަން އިންގުިލާބަކުން ބަދަލުކޮށްލިއެވެ. ރައީސް އަބްދުލް ކަރީމް ގާސިމްގެ ވެރިކަމުގައި އޭނާ މަގާމުން ވަކިކުރުމުގެ އަމުރެއް އައެވެ.
ރަސްގެފާނަށް ތާއީދު ކުރާ މީހެއްކަމަށް ބަލައި އޭނާގެ ފައިސާއާއި މުދާ ހިފެހެއްޓިފައިވާ ކަމަށް އައު ސަރުކާރުން އިއުލާނުކުރިއެވެ. ކަމާބެހޭ ފަރާތްތަކުން ތަހުގީގުކޮށް ބެލިއިރު، ހަގީގަތް އޮތީ ވަރަށް ސާފުކޮށެވެ: އެހެން މީހުންނަށްޓަކައި އޭނާ ބިނާކޮށްދިން ގެތަކުން ފުރިފައިވާ ސިޓީއެއްގައި، އަލްޝާވީ އަމިއްލައަށް ދިރިއުޅުއްވީ ކުއްޔަށެވެ. އަމިއްލަ އެއްވެސް ގެއެއް ނެތެވެ، އަދި ރައްކާކޮށްފައި ހުރި ފައިސާއެއްވެސް ނެތެވެ.
އަހަރުތަކެއް ފާއިތުވެގެން ދިޔައެވެ. އެއްދުވަހަކު، އަލްޔަރްމޫކް ހޮސްޕިޓަލުގެ ކޮރިޑޯއެއްގައި، އުމުރުން ދުވަސްވެ ގައިބާރު ދެރަވެފައިވާ މީހަކު ފެނުނެވެ. ހޮސްޕިޓަލުގެ އެޑްމިނިސްޓްރޭޓަރް އޭނާގ ނަން އަހާލިއެވެ. "އަޅުގަނޑު މިއީ މުޒްހިރު އައްޝާވީ،" އޭނާ ބުނެލިއެވެ.
އެ އަޑު އިވުނު ޑޮކްޓަރަށް އިތުރަށް ބުނާނެ އެއްޗެއް ނޭނގުނެވެ. އެ ޑޮކްޓަރަކީ، ބަނދަރުގެ މުވައްޒަފުންނާއި މަޖޫރީންގެ ދަރިންނަށް ކިޔަވައި ދިނުމަށް އައްޝާވީ ހިންގެވި ޚާއްސަ ޕްރޮގްރާމުގައި އިނގިރޭސިވިލާތަށް މެޑިސިން ކިޔަވން ފޮނުއްވި ޒުވާނުންގެ ތެރޭން މީހެކެވެ.
ބަސްރާގެ ރައްޔިތުން ވެސް މުޒުހިރު އައްޝާވީ މަތިން ހަނދާން ނައްތައެއް ނުލައެވެ. އެމީހުން އޭނާގެ ޝަރަފުގައި ލޮއިން ހަދާފައިވާ ބިނާއެއް ބެހެއްޓިއެވެ. އެއީ، މަގާމަކީ މުއްސަނދިކަން ޖަމާކުރުމަށް އޮންނަ ގޮނޑިއެއް ނޫންކަން ހަނދާންކޮށްދޭ ނިޝާނެއްގެ ގޮތުން ބިނާ ކުރި ހަނދާނީ ބިނާއެކެވެ.







