ރޯމަނުންގެ ކުއްތާ ނިގްފޫރަށް! ޚަލީފާ ހާރުއްރަޝީދުގެ ޖަވާބު

އިސްލާމީ ތާރީޚުގެ ރަންޒަމާނުގައި، ސިޔާސީ އަދި އަސްކަރީ ގޮތުން ފާހަގަކޮށްލެވޭ އެތައް ހާދިސާއެއް ހިނގާފައިވެއެވެ. ނަމަވެސް، އައްބާސީ ޚަލީފާ ހާރޫނުއް ރަޝީދު، ރޫމީންގެ ރަސްގެފާނު ނިގްފޫރު (Nicephorus I) އަށް ފޮނުއްވި ކުރު ސިޓީއަކީ މިއަދާ ހަމައަށްވެސް އިސްލާމީ އުންމަތުގެ ކަރާމާތާއި ބާރުވެރިކަމުގެ ރަމްޒެއްގެ ގޮތުގައި ދެމިއޮތް ސިޓީއެކެވެ. އެންމެ ދެ ފޮޅުވަތުގެ މައްޗަށް އެކުލެވޭ އެ ސިޓީއަކީ ހަމައެކަނި ރުޅިވެރިކަމުގެ ބަސްތަކެއް ނޫނެވެ. އެއީ އޭރުގެ ދުނިޔޭގެ އެންމެ ބާރުގަދަ ދައުލަތުގެ ބާރުވެރިކަން އަންގައިދިން އިއުލާނެކެވެ.

ހާރޫނުއްރަޝީދު ނިގްފޫރަށް ފޮނުއްވި ސިޓީގެ ވާހަކަ އިސްލާމީ ތާރީޚުގެ އެންމެ މުހިންމު ފޮތްތަކުގައި ރިވާކޮށްފައިވެއެވެ. އޭގެ ތެރޭގައި އަލްތަބަރީ ގެ ތާރިޚު ފޮތާއި އަލްބަލާދުރީގެ ފުތޫހުލްބުލްދާނާއި އިބްނުލްއާތީރު ގެ އަލްކާމިލްއާއި އަލްމަސްޢޫދީގެ މުރޫޖުލްޒަހަބް އަދި އަލްޔަޢުޤޫބީގެ ތާރީޚުގައި ވެސް ރިވާ ކުރައްވާފައިވެއެވެ.

ނިގްފޫރުގެ ގޮންޖެހުން: ހަނގުރާމައަށް މަގުފަހިވުން

ތާރީޚީ ފޮތްތަކުން އެނގޭ ގޮތުގައި، މި ހާދިސާ ހިނގަން މެދުވެރިވީ ރޫމީންގެ ރާނީ އީރީންގެ ފަހުން ވެރިކަމަށް އައި ނިގްފޫރު، ހާރޫނުއް ރަޝީދަށް ފޮނުއްވި އިހާނެތި ސިޓީއަކާ ގުޅިގެންނެވެ. އެ ސިޓީގައި ނިގްފޫރު ބުނެފައިވަނީ ރަނިކަމަނާ އީރީންއަކީ އަންހެނަކަށް ވީތީ ބިރުން ޚަލީފާ ހާރޫނުއް ރަޝީދަށް އެކަމަނާ ޖިޒީ މަޖުބޫރުން ދެއްކީ ކަމަށާއި، އެއީ އެކަމަނާގެ މޮޔަފުޅުކަމުން ކުރެއްވި ކަމެއް ކަމަށެވެ. އަދި ޚަލީފާއަށް އޭނާ ދެންނެވީ ކުރިން ރޫމީންގެ ދައުލަތުން ދެއްކި ހުރިހާ ފައިސާއެއް އަނބުރާ ރޫމީންގެ ޚަޒާނާއަށް ދެއްވުމަށެވެ. ނޫންނަމަ ކަނޑީގެ ބާރުން ރޫމީން ޖަވާބު ދޭނެ ކަމަށް ބުނެ ނިގްފޫރު އިންޒާރު ދިނެވެ.

ހާރޫނުއް ރަޝީދުގެ ކުރު އަދި ވަރުގަދަ ޖަވާބު

މި ސިޓީ ވިދާޅުވުމަށްފަހު ހާރޫނުއް ރަޝީދު އިންތިހާއަށް ކޯފާވިއެވެ. އެ ސިޓީގެ ޖަވާބުގައި ލިޔުމަށް ޚަލީފާ އަމުރު ކުރެއްވިއެވެ. ލިޔާށެވެ!

"ރޯމަނުންގެ ކުއްތާ ނިގްފޫރަށް! ކާފަރުގެ ދަރިޔާއެވެ! ތިބާގެ ސިޓީ ތިމަންކަލޭގެފާނު ކިޔައިފީމެވެ. އޭގެ ޖަވާބަކީ ތިބާއަށް އިވޭނެ އެއްޗެއް ނޫނެވެ. އެއީ ތިބާއަށް ފެންނާނެ އެއްޗެކެވެ."

މި ބަސްފުޅަކީ ބަހުގެ ބަދަލުގައި އަމަލުން ޖަވާބު ދެއްވާނެ ކަމުގެ ވަރުގަދަ ވަޢުދެކެވެ.

ބޮޑު އަސްކަރީ ކެމްޕޭނާއި ހެރަކްލިއާ ފަތަހަކުރުން

މި ޖަވާބު ލިޔުއްވުމަށްފަހު، ޚަލީފާ ހާރޫނުއް ރަޝީދު ވަގުތުން 135،000 ސިފައިންގެ ބޮޑު ލަޝްކަރެއް ތައްޔާރުކުރެއްވިއެވެ. އަދި އަމިއްލަފުޅަށް އެ ލަޝްކަރުގެ ކުރީގައި ހުންނަވައިގެން ރޫމީންގެ ބިމަށް އަރައިވަޑައިގަތެވެ. މި ދަތުރުގައި ރޫމީންގެ އެންމެ ވަރުގަދަ އެއް ކިއްލާ ކަމުގައިވާ 'ހެރަކްލިއާ' ވަށާލެއްވިއެވެ. އާދަޔާ ޚިލާފު އުކުޅުތަކެއް ބޭނުންކުރައްވައިގެން އެ ކިއްލާ ފަތަހަކުރެއްވުމުން، ނިގްފޫރު ބިރުގަނެ، ސުލްހައަށް އެދި އާދޭސްކުރަން ފެށިއެވެ.

ނިގްފޫރަށް ކުރިމަތިކުރެއްވި ހަރުކަށި ޝަރުތުތައް

މިފަހަރުގެ ސުލްހައިގެ އެއްބަސްވުން ކުރިއަށްވުރެ މާ ހަރުކަށިވިއެވެ. ކަލީފާ ހާރޫނުއް ރަޝީދު ކަނޑައެޅުއްވި ޝަރުތުތަކުގެ ތެރޭގައި:

  1. . އަހަރަކު 300،000 ދީނާރުގެ ޖިޒީ ދެއްކުން (މިއީ ކުރިއަށްވުރެ ހަތަރުގުނަ އިތުރު އަދަދެކެވެ).
  2. . ހަލާކުވި ކިއްލާތައް އަލުން މަރާމާތު ނުކުރުން.
  3. . ރަސްގެފާނާއި އޭނާގެ ދަރިފުޅުގެ ފަރާތުން ވަކިވަކިން ޖިޒީ ދެއްކުން.
    މިއީ ނިގްފޫރުގެ ބޮޑާކަން ކަނޑުވާލައި، އިސްލާމީ ދައުލަތުގެ ހައިބަތު ދެއްކުމަށް އެޅުއްވި ފިޔަވަޅުތަކެކެވެ.

ހާރޫނުއް ރަޝީދުގެ މި އަމަލަކީ ތާރީޚުގައި ރަން އަކުރުން ފެވިފައިވާ ހާދިސާއެކެވެ. އެއީ ޓްރަމްޕާއި ނަތަންޔާހޫއަށް ބިރު ނުގަންނަ މުސްލިމުން އުޅުނު ރަން ޒަމާނެއްގެ ވާހަކައެވެ.
މިއީ ހަމައެކަނި ކުޑަ ކުދިން ނިންދަވަން ދައްކާ ހަނގުރާމައެއްގެ ވާހަކައެއް ނޫނެވެ. މިއީ ގައުމެއްގެ އިއްޒަތާއި ކަރާމާތަށް އުނިކަން އަންނަ ހިނދު، އެކަމަށް ދޭންޖެހޭ ހަރުދަނާ ޖަވާބުގެ މިސާލެކެވެ.

ޚަލީފާގެ އެ މަޝްހޫރު ބަސްފުޅު "ޖަވާބަކީ ތިބާއަށް ފެންނާނެ އެއްޗެކެވެ!" މި ބަސްފުޅަކީ މިއަދުވެސް އީރާން ފަދަ ތަންތަނުން ހިތްވަރުގަދަ ވެރިން ދައްކާ ނަމޫނާއެކެވެ.

ހިއްސާ ކުރައްވާ!