ރާއްޖެއިން ލިބޭ ފަރުވާއަށްވެސް ބޭރަށްދާން އާސަންދަ ދޭން ނިންމައިފި

ރާއްޖެއިން ލިބެން ހުރި ފަރުވާއެއް ނަމަވެސް، ބަލިމީހާގެ ޙާލަތަށާއި ފަރުވާ ހޯދުމުގައި ހުރި ދަތިތަކަށް ބަލައި އާސަންދަ އެހީގެ ދަށުން ރާއްޖެއިން ބޭރަށް ފޮނުވޭ ގޮތަށް އުޞޫލުތައް ބަދަލުކޮށްފިއެވެ. އާސަންދަ ސްކީމް ހިންގުމުގެ ޤަވާއިދަށް މި ބޮޑު އިޞްލާޙު ގެނެސް، އިއްޔެ ވަނީ ޢާންމުކޮށްފައެވެ.

މީގެ ކުރިން އޮންނަ ގޮތުން އާސަންދައިގެ ދަށުން ރާއްޖެއިން ބޭރަށް ފޮނުވަނީ ހަމައެކަނި ރާއްޖެއިން ބޭސްފަރުވާ ކުރެވެން ނެތް ޙާލަތްތަކުގައެވެ. ނަމަވެސް ސަރުކާރުން މި ގެނައި ބަދަލާއެކު، ބޭސްފަރުވާގެ ޚިދުމަތް ހޯދާ އާންމުންނަށް ބޮޑެތި ލުއިތަކެއް ލިބިގެންދާނެއެވެ.

ބޭރަށް ފޮނުވުމުގައި ބަލާނެ އާ ކަންތައްތައް:

  • ބަލީގެ ބާވަތާއި ބަލިމީހާގެ ސިއްހީ ޙާލަތު.
  • ރާއްޖޭގައި އެ ފަރުވާ ލިބިގަތުމުގައި ހުރި ހުރަސްތަކާއި ދަތިތައް.
  • ބަލިމީހާގެ ވަށައިގެންވާ އިޖުތިމާޢީ އަދި ސިއްހީ އެހެނިހެން ކަންކަން.

މީގެ އިތުރުން، އަތޮޅުތެރޭގެ ރަށްރަށުން މާލެ އައިސް، މާލެއިން ބޭރަށް ފަރުވާއަށް ގޮސް އެނބުރި އަންނަ މީހުންނަށް ދޭ އެހީތެރިކަންވެސް މިހާރު ވަނީ ފުޅާކޮށްފައެވެ. އެގޮތުން، ދެވޭނެ އިތުރު ފަރުވާއެއް ނެތް ކަމަށް ޚާއްޞަ ޑޮކްޓަރުން ލަފާދޭ ޙާލަތްތަކުގައި، އެނބުރި ރަށަށް ދިއުމާ ހަމައަށް ހިނގާ ޚަރަދުތައްވެސް އާސަންދައިން ހަމަޖައްސައިދޭ ގޮތަށް ވަނީ އިޞްލާޙުކޮށްފައެވެ.

ނުކުޅެދުންތެރިކަން ހުންނަ މީހުންގެ އާލާތްތައް އާސަންދައަށް!

މި ބަދަލާއެކު، މީގެ ކުރިން އެންސްޕާގެ ވަކި ބަޖެޓަކުން ހަމަޖައްސަމުން އައި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ބޭނުންވާ ހިއަރިން އެއިޑް އަދި ވީލްޗެއާ ފަދަ ޚާއްޞަ އާލާތްތައް މިހާރު އާސަންދަ ސްކީމްގެ ތެރެއިން ލިބޭނެއެވެ. އެތަކެތި ވަނީ އާސަންދައިން ޚިދުމަތް ނުލިބޭ ކަންކަމުގެ ލިސްޓުން އުނިކޮށްފައެވެ.

އާސަންދަ އާއި އެންސްޕާ މެދުވެރިކޮށް މާލީ އެހީ ހޯދުމުގައި ގިނަ ވަގުތުތަކެއް ހޭދަވާތީ އާންމުން ކުރަމުންދިޔަ ޝަކުވާތަކަށް މި ބަދަލުގެ ސަބަބުން އަވަސް ޙައްލެއް ލިބި، ބަލިމީހުންނަށް ފަސޭހަކަމާއެކު ފަރުވާ ކުރިއަށް ގެންދިއުމުގެ މަގު ތަނަވަސްވެގެންދާނެއެވެ.

ހިއްސާ ކުރައްވާ!