ހިޖުރައިން އަށްވަނަ ޤަރުނަކީ (މީލާދީން 1301 އާއި 1397 އާ ދެމެދުގެ ދުވަސްވަރު)، އިސްލާމީ އުންމަތުގެ ތާރީޚުގައި ވަރަށް ތަފާތު، އަދި އެހާމެ ފުން އަސަރުތަކެއް ކުރުވި ބޮޑު ފުށުއެރުމަކާ ކުރިމަތިލާންޖެހުނު ޒަމާނެކެވެ. އެއީ އެއްކޮޅުން ސިޔާސީ ގޮތުން ބައިބައިވުމާއި، އެތެރޭގެ ހަލަބޮލިކަމާއި، ބޭރުގެ ވަރުގަދަ ޢުދްވާންތައް އޭގެ އިންތިހާއަށް ދިޔަ ވަގުތެކެވެ. އަނެއްކޮޅުން ޢިލްމާއި ފޮތްތެރިކަމާއި ފިކުރީ އުފެއްދުމުގެ ދާއިރާ އޭގެ އެންމެ އުސްމިނަށް ގޮސް، އުންމަތް ތަޖުރިބާކުރި ފާހަގަކޮށްލެވޭ ޢިލްމީ ރަން ޒަމާނެކެވެ.
ޒަމާނުގެ ސިޔާސީ ޗާޓު: އިސްލާމީ ދައުލަތްތަކާއި ނުފޫޒުގަދަ ވެރިން
ހިޖުރައިން އަށްވަނަ ޤަރުނު (މީލާދީން ސާދަވަނަ ޤަރުނުގެ) ޢާންމު ސިޔާސީ ޙާލަތަށް ބަލާއިރު، އިސްލާމީ އުންމަތަށް ވަނީ އެތެރެއާއި ބޭރުން ބޮޑެތި ނުރައްކާތަކާއި ގޮންޖެހުންތަކެއް ކުރިމަތިވެފައެވެ. އެ ދުވަސްވަރު މައިގަނޑު ގޮތެއްގައި ޙަރަކާތްތެރިވި މުހިންމު އިސްލާމީ ބާރުތަކާއި ދައުލަތްތައް 4 ބަޔަކަށް ގިންތި ކުރެވިފައި ވެއެވެ. އޭގެ ތެރޭގައި ހިމެނެނީ:
-
މަމްލޫކީ ސަލްޠަނަތު: ޝާމްކަރައާއި މިޞްރުގެ ބާރު
މިޞްރާއި ޝާމްކަރައަކީ އެ ދުވަސްވަރު އިސްލާމީ ބައްރު ޙިމާޔަތްކުރުމުގެ ސިޔާސީ އަދި އަސްކަރީ މައި މަރުކަޒެވެ. މި ޤަރުނުގައި މަމްލޫކުންގެ ވެރިކަން މައިގަނޑު ދެ ބަޔަކަށް ބެހިގެންދިޔައެވެ. މަމްލޫކުންނަކީ މިހާރުގެ ތުރުކީގެ ސަރަހައްދުން ގެނަސްގެން އަޅުންގެ ގޮތުގައި ގެންގުޅެ ލަޝްކަރުތަކުގައި ހަރާތްތެރިވި ޖެނަރަލުންގެ ޖީލެކެވެ.
- ބަޙްރީ މަމްލޫކީ ދައުލަތް: މި ދައުލަތުގެ ވެރިކަމުގައި އަމާން ދުވަސްތަކެއް ފެނިގެން ދިޔައެވެ. މީގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ ވެރިންނަކީ:
- ސުލްޠާން އަންނާޞިރު މުޙައްމަދު ބިން ޤަލާވޫން: މިސްރުގައި ވެރިކަން ކުރެއްވި ޤަލާވޫންގެ ވެރިކަމަކީ ހިޖުރައިން 709 އިން 741 އަށް (މީލާދީން 1310 އިން 1341 އަށް) ދެމިގެން ދިޔަ ވެރިކަމެކެވެ. މިއީ ހިޖުރައިން 702 ގައި (މީލާދީން 1303 ގައި) ޝާމްކަރައިގައި ހިނގި 'މަރްޖު ރާހިޠު' ހަނގުރާމާގައި ތަތާރުން ބަލިކުރެއްވުމަށް މުސްލިމު ލަޝްކަރުގައި އިސްކޮށް ހުންނެވި ކުޅަދާނަ ކޮމާންޑަރެވެ.
- ސުލްޠާން އަލްމަލިކް އަލްމަންޞޫރު ސައިފުއްދީން އަބޫ ބަކުރު: އޭނާ ވެރިކަމާ ހަވާލުވީ ހިޖުރައިން 741 (މީލާދީން 1341) ގައެވެ. އޭނާ ވެރިކަމަށް އިސްވީ ބައްޕަ ޤަލާވޫންގެ ވަޞިއްޔަތަށެވެ. ނަމަވެސް، އެތެރޭގެ ހަލަބޮލިކަމާއި ފިތުނަވެރިކަން އިންތިހާއަށް އިތުރުވެ ދައުލަތުގައި ފިތުނަވެރިކަން އާންމުވިއެވެ. މިކަމުގެ ނާޖާއިޒު ފައިދާ ނަގައިގެން ޞަލީބީން ވަނީ ހިޖުރައިން 767 ގައި (މީލާދީން 1365 ގައި) މިސްރުގެ އިސްކަންދަރިއްޔާއަށް ސޮލީބީ ޢުދްވާނީ ޙަމަލާއެއްދީ، އެ ތާރީޚީ ސިޓީ ސުންނާފަތިކޮށްފައެވެ.
- ޖަރާކިސާ (ބުރުޖީ) މަމްލޫކީ ދައުލަތް: މި ދައުލަތް ފެށުނީ މި ޤަރުނުގެ ފަހުކޮޅުގައެވެ.
- އައްސުލްޠާން އަލްމަލިކް އައްޒާހިރު ސައިފުއްދީން ބަރްޤޫޤް ބިން އަނަސް: އޭނާ ވެރިކަމާ ހަވާލުވީ ހިޖުރައިން 784 (މީލާދީން 1382) ގައެވެ. އޭނާއަކީ ކުރިން އިސްކޮށް އުޅުނު ބަޙްރީ މަމްލޫކުންގެ ލަޝްކަރު ނައްތާލައި ބައިބައިކޮށްލުމަށްފަހު، މިޞްރުގައި ޖަރާކިސާ މަމްލޫކީ ދައުލަތް ބިނާކުރެއްވި ބާނީއެވެ.
-
ޢުޘްމާނީ ދައުލަތް: ހުޅަނގަށް އަމާޒުވި އައު ބާރެއް
މި ޤަރުނަކީ އަލަށް އުފެދުނު ޢުޘްމާނީ ޚިލާފަތުގެ ޙަޤީޤީ ޙަރަކާތްތެރިކަމާއި ވަރުގަދަ ކުރިއެރުން ފެނުނު ޤަރުނެވެ. އެ ދައުލަތުން މަސައްކަތް ކުރީ މިހާރުގެ ތުރުކީ ސަރަހައްދުގެ އިސްލާމީ ބިންތައް އެއްކޮށްލުމަށާއި، މަރުކަޒީ ވެރިކަމެއްގެ ދަށުން އިރުމަތީ ޔޫރަޕަށް އިސްލާމްދީން ފުޅާކުރުމަށެވެ. އަލަށް އުފެދުނު މި ދައުލަތުގެ އެންމެ ފާހަގަކޮށްލެވޭ ވެރިންނަކީ:
- އައްސުލްޠާން ޢުޘްމާން ފުރަތަމަ: މިއީ އުސްމާނީ ދައުލަތުގެ ބާނީއެވެ. އަވަހާރަވީ ހިޖުރައިން 726 (މީލާދީން 1326) ގައެވެ.
- އައްސުލްޠާން އުރުޚާން ޣާޒީ: ވެރިކަން ކުރެއްވީ ހިޖުރައިން 726 އިން 761 އަށެވެ. (މީލާދީން 1326 އިން 1360 އަށް).
- އައްސުލްޠާން މުރާދު ފުރަތަމަ: ވެރިކަން ކުރެއްވީ ހިޖުރައިން 761 އިން 791 އަށެވެ. (މީލާދީން 1360 އިން 1389 އަށް). އޭނާއަކީ ބަލްކަން ބައްރުގައި ބިންތައް ފަތަހަ ކުރައްވައި ކާމިޔާބީތަކެއް ހޯއްދަވައި، ޤުސްޠަންޠީނިއްޔާގައި ތިބި ޞަލީބީންގެ ބާރު ކަނޑުވައި ލެއްވި އުސްމާނީ ވެރިޔާއެވެ.
- އައްސުލްޠާން ބާޔަޒީދު ފުރަތަމަ: ވެރިކަން ކުރެއްވީ ހިޖުރައިން 791 އިން 805 އަށެވެ. (މީލާދީން 1389 އިން 1402 އަށް). އޭނާއަކީ ނިކޮޕޮލިސް ހަނގުރާމާގައި، ހުޅަނގު ޔޫރަޕުގެ ޤައުމުތަކުން އެއްކުރި ޞަލީބީންގެ ބޮޑު ލަޝްކަރު ބަލިކުރެއްވި ކުޅަދާނަ ފާތިޙެވެ.
-
ޖަންގީޒް ޚާންގެ ދަރިކޮޅު އިސްލާމްވުން
މި ޤަރުނުގައި އިސްލާމީ އުންމަތުގެ މިސްރާބަށް ބޮޑު ސްޓްރެޓީޖިކް ބަދަލެއް އައެވެ. ކުރިން ތަތާރުންނާއި މޮންގޯލުން މުސްލިމުންނަށް ބޮޑެތި ހިތާމަތަކާއި އަނިޔާތަކެއް ދީފައިވީ ނަމަވެސް، ﷲގެ އޯގާވަންތަކަމުން ރަޝިޔާއާއި ތުރުކިސްތާނުގައި ތިބި އުތުރު މޮންގޯލުން (ނުވަތަ ގޯލްޑަން ހޯޑް) ދަރިކޮޅުގެ މީހުން ގަނޑުކޮށް އިސްލާމްދީން ޤަބޫލުކުރިއެވެ. މި ވެރިންގެ އެންމެ ފާހަގަ ކުރެވޭ ޝަޚުސިއްޔަތަކީ:
- އައްސުލްޠާން ޣިޔާސުއްދީން މުޙައްމަދު އުޒްބެކް ޚާން: ވެރިކަން ކުރެއްވީ ހިޖުރައިން 713 އިން 742 އަށެވެ. (މީލާދީން 1313 އިން 1341 އަށް). އޭނާއަކީ އުތުރު މޮންގޯލުން ނުވަތަ ގޯލްޑަން ހޯޑް ދަރިކޮޅުގެ ރަސްމީ ދީނަކީ އިސްލާމްދީން ކަމުގައި ހެއްދެވި ވެރިޔާއެވެ. މި ހޭލުންތެރިކަމުގެ ސަބަބުން މިއަދާ ހަމައަށްވެސް ތުރުކިސްތާނުގެ ބިންތައް ދެމިއޮތީ އިސްލާމްދީން މަތީގައެވެ.
-
ތީމޫރީ އެމްޕަޔަރ: އައު ނުރައްކަލެއްގެ ފެށުން
ހިޖުރައިން 8ވަނަ ޤަރުނުގެ ފަހުކޮޅު (މީލާދީން 14ވަނަ ޤަރުނުގެ ފަހުކޮޅު) މުސްލިމުންގެ ބިންތަކަށް މޮންގޯލުންގެ އައު އަނިޔާވެރި އަދި ސުންނާފަތިކުރަނިވި އޮއިވަރަކާ އަލުން ކުރިމަތިލާން ޖެހުނެވެ.
- ތީމޫރުލަންގް (’ކޮރު މީހާ' ގެ ލަޤަބުން މަޝްހޫރު ކޮމަންޑަރު): އޭނާއަކީ ޖަންގީޒް ޚާންގެ ކާފަދަރިންގެ ތެރެއިން އައި މީހެކެވެ. އޭނާ ހިންގި ބޮޑެތި ހަލާކު ކުރަނިވި ޙަމަލާތަކުގެ ސަބަބުން މުސްލިމުން ބައިބައިވެ، ދާޚިލީ ހަނގުރާމަތައް ފެށުނެވެ. މިކަން ދިމާވީ މުސްލިމުން ކަމަށް ހެދިގެން ތިބި ބާޠިނިއްޔާ އަދި އިސްމާޢީލިއްޔާ ޙަޝްޙާޝީން ފަދަ މަގުފުރެދިފައިވާ ޖަމާޢަތްތަކުން އުންމަތަށް ބޮޑެތި އަނިޔާތަކެއް ދެމުންދިޔަ ދަނޑިވަޅަކާއެވެ.
ޒަމާނުގެ ޢިލްމީ ޙަޔާތް — އަނދިރިގަނޑުގެ ތެރެއިން ފާއްދާލި ރަންޒަމާން
އެ ޒަމާނުގައި ފެނިގެން ދިޔަ އަސްކަރީ ބައިބައިވުންތަކާ މުޅިން ޚިލާފަށް، އިސްލާމީ އުންމަތުން އެ ދުވަސްވަރު ފެނުނީ ޢިލްމީ ގޮތުން ވަރަށް މުއްސަނދި ރަންޒަމާނެކެވެ. ސިޔާސީ ހަލަބޮލިކަމުގެ ތެރޭގައިވެސް ޢިލްމީ ޙަރަކާތްތަކަށް ހުއްޓުމެއް ނައިސް ކުރިއަށްދިޔައީ މައިގަނޑު ތިން ސަބަބަކާ ހުރެއެވެ.
- މިޞްރާއި ޝާމްކަރަ ޢިލްމީ މަރުކަޒަކަށްވުން: ހިޖުރައިން 656 ގައި (މީލާދީން 1258 ގައި) މޮންގޯލުންގެ އަތްދަށަށް ބަޣުދާދު ވެއްޓުމުން، ޢިލްމުވެރިން އެބޭފުޅުންގެ ވަޠަން ދޫކޮށް މިޞްރާއި ޝާމްކަރައަށް ހިޖުރަކުރެއްވިއެވެ. މީގެ ސަބަބުން މި ބިންތަކަކީ އިސްލާމީ ފިކުރުގެ އައު މަރުކަޒުތަކަށް ބަދަލުވެގެން ދިޔައެވެ.
- ޢިލްމުވެރިންގެ ޒިންމާދާރުކަން: ޢިލްމުތައް ނެތިގެން ހިނގައިދާނެ ކަމުގެ ބިރު އަދި އިސްލާމީ ނަސްލު ގެއްލިދާނެ ކަމުގެ ބިރުވެރިކަން ޢިލްމުވެރިންނަށް އިޙްސާސްވުމުން، އެބޭފުޅުން ވަނީ ބޮޑެތި މައުސޫޢާތައް އެކުލަވައިލުމަށާއި، އިސްލާމީ ތަރިކަ ރައްކާތެރިކުރުމަށް ޚާއްޞަ، އަދި ބުރަ މަސައްކަތްތަކެއް ކުރައްވާފައެވެ.
- މުއައްސަސާތަކުގެ އެހީތެރިކަން: މަމްލޫކް ވެރިންގެ ފަރާތުން ޢިލްމުވެރިންނަށް ބޮޑު ހިތްވަރަކާއި އެހީތެރިކަމެއް ލިބުނެވެ. މީގެ ސަބަބުން ޢިލްމީ މަދަރުސާތަކާއި ކުތުބުޚާނާތައް ގިނަވެ، އެކި ދާއިރާތަކުން ބޮޑެތި ފޮތްތައް ލިޔެވިގެން ދިޔައެވެ.
ޒަމާނުގެ ޢިލްމީ އުފެއްދުންތެރިކަމާއި ފާހަގަކޮށްލެވޭ ޢިލްމުވެރިން
މި ދައުރުގެ ޢިލްމީ މުއްސަނދިކަން އޭނާގެ الدرر الكامنة في أعيان المائة الثامنة ފޮތުގައި ޑޮކިއުމެންޓް ކޮށްދެއްވީ ޝާފިޢީ މަޒުހަބުގެ އެންމެ މަޝްހޫރު ދަންނަބޭކަލެއް ކަމަށްވާ ފަލަސްޠީނުގެ އަސްޤަލާން (އިސްރާއީލުން ހިފާފައިވާ އަޝްކަލޯން)ގެ އަލްޙާފިޡް އިބްނު ޙަޖަރު އަލްޢަސްޤަލާނީ (އަވަހާރަވީ ހިޖުރައިން 852 / މީލާދީން 1449 ގައި) އެވެ. އޭނާ ވަނީ އެ ޤަރުނުގެ ފާހަގަކޮށްލެވޭ ފަސްހާހަށްވުރެ ގިނަ ޢިލްމުވެރިންގެ ވަނަވަރު އެ ފޮތުގައި ހިމަނުއްވާފައެވެ.
އިސްލާމީ ކުތުބުޚާނާ މުއްސަނދިކޮށްދެއްވި، އެ ދުވަސްވަރުގެ އެންމެ މުހިންމު ޢިލްމުވެރިންގެ ތެރޭގައި އަންނަނިވި ބޭފުޅުން ފާހަގަ ކޮށްލެވެއެވެ. އަދި މިނަންތަކަކީ ކޮންމެ ދުވަހަކު އިސްލާމީ ލިޔުންތަކުގައި އެ ބޭފުޅުންނަށް ހަވާލާ ދެވޭ ނަންތަކެކެވެ. އޭގެ ތެރޭގައި:
| ޢިލްމުވެރިޔާ | އަވަހާރަވި އަހަރު (ހިޖުރީ) | އަވަހާރަވި އަހަރު (މީލާދީ) |
| ޝައިޚުލްއިސްލާމް އިބްނު ތައިމިއްޔާ | 728 ހ. | 1328 މ. |
| އަލްޙާފިޡް ޖަމާލުއްދީން އަލްމިއްޒީ | 742 ހ. | 1341 މ. |
| އަބޫ ޙައްޔާން އަލްއަންދަލޫސީ | 745 ހ. | 1344 މ. |
| އަލްޙާފިޡް ޝަމްސުއްދީން އައްޛަހަބީ | 748 ހ. | 1348 މ. |
| އިމާމް އިބްނު ޤައްޔިމް އަލްޖައުޒިއްޔާ | 751 ހ. | 1350 މ. |
| އަލްމުޙައްދިޘް ޢަލާއުއްދީން މުޣުލަތާއީ | 762 ހ. | 1361 މ. |
| އިމާމް ޢަފީފުއްދީން އަލްޔާފިޢީ | 768 ހ. | 1367 މ. |
| ޖަމާލުއްދީން އަލްއިސްނަވީ | 772 ހ. | 1370 މ. |
| އަލްޙާފިޡް އިސްމާޢީލް ބިން ކަޘީރު (ތަފްސީރުގެ ޢިލްމުވެރިޔާ) |
774 ހ. | 1373 މ. |
| އިބްނު ޤުދާމާ އަލްމަޤްދިސީ | 780 ހ. | 1378 މ. |
| ޝިހާބުއްދީން އަލްއަޛްރަޢީ | 783 ހ. | 1381 މ. |
| ޝަމްސުއްދީން އަލްކަރުމާނީ | 786 ހ. | 1386 މ. |
| ޢައްލާމާ ސަޢުދުއްދީން އައްތަފްތާޒާނީ | 791 ހ. | 1390 މ. |
| އަލްޙާފިޡް އިބްނު ރަޖަބް އަލްޙަންބަލީ | 795 ހ. | 1393 މ. |
| ސިރާޖުއްދީން އަލްބަލްޤީނީ | 805 ހ. | 1403 މ. |
| އަލްޙާފިޡް ޒައިނުއްދީން އަލްޢިރާޤީ | 806 ހ. | 1404 މ. |
ހިޖުރައިން އަށްވަނަ ޤަރުނުގެ (މީލާދީން 14ވަނަ ޤަރުނުގެ) ތާރީޚީ ކިޔުމަކުން އިސްލާމީ އުންމަތުގެ އަސާސީ ޙަޤީޤަތެއް ސާބިތުވެއެވެ. އެއީ ސިޔާސީ ބޮޑެތި ތޫފާންތަކާއި، މަމްލޫކް ސަލާޠީނުންގެ މެދުގައި ބާރުގެ މިސްރާބު ބަދަލުވުމާއި، ޢުޘްމާނީންގެ ކުރިއެރުމާއި، އަދި ތީމޫރުލަންގް (ލަނގަޅާ)ގެ ހަލާކުކުރަނިވި ޢުދްވާންތަކަކީ ޢިލްމީ ބިނާކުރުމަށް އެޅުނު ހުރަހަކަށް ނުވިކަމެވެ.
އެއާ ޚިލާފަށް، ސިޔާސީ ގޮތުން ދިމާވި ބޮޑެތި އިމްތިޙާނުތަކާއި މުޞީބާތްތައް ވެގެންދިޔައީ، އިޚްލާޞްތެރި ޢިލްމުވެރިން އުންމަތުގެ ނަސްލާއި ޢިލްމީ ތަރިކަ ރައްކާތެރިކުރުމަށް މަސައްކަތް ކުރުމަށް ލިބުނު ބޮޑު ބާރަކަށެވެ. މީގެ ސަބަބުން އެ ދައުރު ވެގެންދިޔައީ، ރަސްކަން ބަދަލުވުމާއި ވެރިން ބަދަލުވުމާއި ޢިލްމާއި ޢިލްމުވެރިންގެ ރައްކާތެރިކަން އެއްތަންވި ޚާއްޞަ ޤަރުނަކަށެވެ.
އިސްލާމީ ތާރީޚް3: ތީމޫރުލަންގް، ލެޔާއި ރަނުން އިސްލާމީ ދުނިޔޭގެ ޗާޓު އަލުން ކުރަހާލި
އިސްލާމީ ތާރީޚް1: ހޫލާކޫ ޚާންއާ އެކު އައްބާސީ ޚިލާފަތުގެ ރަން ޒަމާން ނިމުމަކަށް





