ޔޫރަޕުގެ ބޮޑެތި ކުތުބުޚާނާތަކުގެ ރައްކާތެރި މާހައުލުން ރަޝިޔާގެ އަދަބީ ރަންމުތްތައް ބަދަލުވަމުން ދިޔައީ ހަމަހިމޭން ކަމާއެކުގައެވެ. މިއީ ހަމައެކަނި ވައްކަމެއް ނޫނެވެ. މިއީ ޒަމާނީ ރަޝިޔާގެ އަދަބިއްޔާތުގެ ބައްޕަ ކަމަށް ބެލެވޭ އަލެކްސެންޑަރ ޕުޝްކިންގެ އަގުބޮޑު ފޮތްތަކަށް އަމާޒުކޮށްގެން ހިންގި ބޮޑު ޖަރީމާއެކެވެ. މިއަދު ފަރަންސޭސިވިލާތުގެ ކޯޓެއްގައި ފެށިގެން ކުރިއަށްދާ ޝަރީއަތަކީ މުޅި ޔޫރަޕު ހައިރާންކޮށްލި މި ބޮޑު ވައްކަމުގެ ސިއްރުތައް ހާމަވަމުންދާ ތަނެވެ.
މި ވާހަކައިގެ ފުންމިނަށް ފީނުމުގެ ކުރިން ޕުޝްކިންއަކީ ކާކުކަމާއި މިއަދުގެ ރަޝިޔާގައި އޭނާއަށް އޮތް މަގާމަކީ ކޮބައިކަން ދެނެގަތުން މުހިންމެވެ. 19ވަނަ ޤަރުނުގައި އުޅުއްވި ޕުޝްކިންއަކީ ރަޝިޔާގެ ޅެންވެރިކަމާއި އަދަބިއްޔާތަށް އިންގިލާބެއް ގެނައި އަދީބެވެ.
މިއަދުގެ ރަޝިޔާގެ ވެރިންނާއި ރައްޔިތުން އޭނާ ދެކެނީ ގައުމީ ފަޚުރެއްގެ ގޮތުގައެވެ. ރަޝިޔާގެ ސަގާފަތާއި ވަތަނިއްޔަތު ކުރިއެރުވުމަށްޓަކައި އެ ގައުމުގެ ސަރުކާރުން މިހާރު ޕުޝްކިންގެ ނަންފުޅާއި މަސައްކަތްތައް ވަރަށް ބޮޑަށް ބޭނުންކުރެއެވެ. ނަމަވެސް ޔޫކްރެއިން ހަނގުރާމައާ ގުޅިގެން މި ނަންފުޅަށް ވަނީ ސިޔާސީ ކުލަވަރެއްވެސް ޖެހިފައެވެ.
ޔޫކްރެއިންގެ ރައްޔިތުން ޕުޝްކިން ދެކެނީ ރަޝިޔާގެ އިސްތިއުމާރީ ބާރުގެ ރަމްޒެއްގެ ގޮތުގައެވެ. އެހެންކަމުން އެ ގައުމުގައި ހުރި އޭނާގެ ބިނާތައް ނައްތާލުމުގެ މަސައްކަތްވެސް ދަނީ ހިންގަމުންނެވެ.
މިފަދަ ސިޔާސީ އަދި ސަގާފީ ވާދަވެރިކަމެއްގެ ތެރެއިން ޔޫރަޕުގެ އެކި ގައުމުތަކުން ޕުޝްކިންގެ އަސްލު ފޮތްތައް ގެއްލެން ފެށިއެވެ.
ފަރަންސޭސިވިލާތާއި ޖަރުމަނުވިލާތާއި އެސްޓޯނިޔާ އަދި ސްވިޒަލޭންޑް ފަދަ 10 ގައުމެއްގެ ގައުމީ ކުތުބުޚާނާތަކުން 170 އަށްވުރެ ގިނަ އަގުބޮޑު ފޮތް ވަނީ ވަގަށް ނަގާފައެވެ. މި ތަކެތީގެ އަގު 3 މިލިއަން ޑޮލަރަށް އަރައެވެ. މި ހޯދުންތަކަށް ފުލުހުން ދިން ނަމަކީ "އޮޕަރޭޝަން ޕުޝްކިން"އެވެ.
މި ހަފުތާގައި ޕެރިހުގެ ކޯޓެއްގައި ތިބީ މި ވައްކަމުގެ ތުހުމަތު ކުރެވޭ ޖޯޖިޔާގެ 6 މީހެކެވެ. ތަހުގީގު ކުރާ ފަރާތްތަކުން ގަބޫލުކުރާ ގޮތުގައި މިއީ ރޭވުންތެރިކަމާއެކު މުޅި ޔޫރަޕުގައި ޕުޝްކިންގެ ފޮތްތަކުގެ ނާދިރު ޗާޕްތަކާއި އިސްދާރުތައް ވަގަށް ނަގަން އުޅުނު ބޮޑު ވިއުގައެކެވެ.
ވަގު އައިޑީ ކާޑު ބޭނުންކޮށްގެން ކުތުބުޚާނާތަކަށް ވަދެ އެމީހުން ކުރާ ކަމަކީ ފޮތްތައް ދިރާސާކުރާ ކަމަށް ހެދިގެން ފޮޓޯ ނެގުމެވެ. އެއަށްފަހު ވަރަށް މޮޅަށް ހަދާފައިވާ ނަކަލު ފޮތްތަކެއް އަސްލު ފޮތުގެ ބަދަލުގައި ބަހައްޓާފައި އަސްލު ފޮތް ހިފައިގެން ފިލަނީއެވެ.
މި ވައްކަމުގެ ސިލްސިލާ ފެށުނީ 2022 ވަނަ އަހަރު ރަޝިޔާއިން ޔޫކްރެއިންއަށް އެރި ދުވަސްވަރާ ދިމާކޮށެވެ.
ފަރަންސޭސިވިލާތުގެ ގައުމީ ކުތުބުޚާނާއަށް އެކަނިވެސް މީގެ ތެރެއިން އެކަކު 40 ފަހަރު ޒިޔާރަތްކުރިއެވެ. އޭނާ ބުނަމުންދިޔައީ 19ވަނަ ޤަރުނުގެ ރަޝިޔާގެ އަދަބިއްޔާތުގައި ޑިމޮކްރެސީއާ ބެހޭ ދިރާސާއެއް ކުރަނީ ކަމަށެވެ. ނަމަވެސް ފަހުން އެނގުނު ގޮތުގައި އޭނާ ވަނީ 750 ހާސް ޑޮލަރުގެ ފޮތްތަކެއް ނަކަލު ފޮތްތަކަށް ބަދަލުކޮށްފައެވެ.
މި މައްސަލައިގައި ހިމެނޭ ބައެއް މީހުންނަކީ މީގެ ކުރިންވެސް އެސްޓޯނިޔާ އަދި ލެޓްވިޔާ ފަދަ ގައުމުތަކުގައި މިފަދަ ވައްކަންތައް ކޮށްގެން ޖަލަށްލާފައިވާ މީހުންނެވެ.
ތުހުމަތު ކުރެވޭ މީހުން ބުނަނީ އެމީހުންނަކީ އެކަކު އަނެކަކާ ގުޅުމެއް ނެތް އަމިއްލައަށް މަސައްކަތްކުރާ ބައެއް ކަމަށެވެ. ނަމަވެސް އަދަބިއްޔާތުގެ މާހިރުން ބުނަނީ މި ވައްކަންތައް ކޮށްފައިވާ ގޮތުން މިއީ މި ދާއިރާ ވަރަށް ރަނގަޅަށް ދަންނަ މުއްސަނދި ބައެއްގެ ފައިސާގެ މުގާބިލުގައި ހިންގާފައިވާ ޖަރީމާތަކެއް ކަން ޔަގީންވާ ކަމަށެވެ.
މި ބޮޑު ސިއްރުގެ ތެރެއިން އަދިވެސް ދެ ސުވާލެއްގެ ޖަވާބެއް ނުލިބެއެވެ. އެއީ މި ފޮތްތައް ވަގަށް ނެގުމުގެ މުގުލުގައި ހުރީ ކާކުކަމާއި އަދި އެ ފޮތްތައް މިހާރު ހުރީ ކޮންތާކު ކަމެވެ.
ރަޝިޔާގެ މުއްސަނދި ފޮތް އެއްކުރާ މީހުންގެ މެދުގައި ޕުޝްކިން އަދި ގޯގޯލް ފަދަ އަދީބުންގެ ފުރަތަމަ ޗާޕުގެ ފޮތްތަކަށް އޮންނަ ޝައުގުވެރިކަން ވަރަށް ބޮޑެވެ.
ރަޝިޔާގެ ނީލަން ކިޔާ ކުންފުންޏެއްގެ ވެރިޔާ ބުނާ ގޮތުގައި މިއީ ޔޫރަޕުގެ ކުތުބުޚާނާތަކުގެ ސަލާމަތީ ކަންކަން ބަލިކަށިވުމުގެ ފައިދާ ނަގައިގެން، ބާޒާރުގައި އޮތް ބޮޑު ޑިމާންޑަކަށް ބަލައި ހިންގާފައިވާ އާދައިގެ ވައްކަމެކެވެ. ކޮންމެއަކަސް ކޯޓުން މި މީހުން ކުށްވެރިވެއްޖެނަމަ 10 އަހަރުގެ ޖަލު ހުކުމެއް އަންނާނެއެވެ. ނަމަވެސް ގެއްލުނު އަދަބީ ޚަޒާނާ އަނބުރާ ލިބޭނެ ދުވަހެއް އަދިވެސް ނޭނގެއެވެ.
ދިވެހި ބަހަށް ތަރުޖަމާ ކުރި ޑރ. ޒިވާގޯގެ މުއައްލިފު ނިޔައުވުން






