ސްރީލަންކާގައި ޑެންގީ ހުން ޖެހޭ މީހުންގެ އަދަދު މި އަހަރުގެ މިހާތަނަށް 44،480 އަށް އަރައިފިއެވެ. ސިއްހީ އޮފިޝަލުން ހާމަކުރެއްވި ގޮތުގައި، މި ބަލީގައި މިހާތަނަށް 28 މީހަކު ވަނީ ނިޔާވެފައެވެ.
އެގައުމުގެ ނޭޝަނަލް ޑެންގީ ކޮންޓްރޯލް ޔުނިޓުން ހާމަކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، އޭޕްރީލް މަހު 5،650 ކޭސް ފެނިފައިވީ ނަމަވެސް، ޖޫން މަހުގެ ފުރަތަމަ ދެ ހަފުތާގެ ތެރޭގައި އެ އަދަދު ވަނީ 10،600 އަށްވުރެ މައްޗަށް ގޮސްފައެވެ. މިއީ ވަރަށް ބާރަށް މި ބަލި ފެތުރެމުން އަންނަކަމުގެ ސާފު ހެއްކެކެވެ.
މި ބަލި އެންމެ ބޮޑަށް ފެތުރެމުންދާ ސަރަހައްދުތަކުގެ ތެރޭގައި ވެރިރަށް ކޮލަމްބޯ ހިމެނޭއިރު، ހަމައެކަނި ކޮލަމްބޯއިން 9،500 އަށްވުރެ ގިނަ ކޭސް ވަނީ ރިޕޯޓުކޮށްފައެވެ. މީގެ އިތުރުން ގަމްޕަހަ، މާތަރަ، ކަލުތަރަ، ރަތްނަޕޫރަ، ގޯލް، ކެންޑީ، ހަމްބަންޓޮޓާ، ކޭގައްލަ އަދި ކުރޫނެގަލާ ފަދަ ޑިސްޓްރިކްޓްތަކުގައިވެސް ބަލި ފެތުރުން އިތުރުވެފައިވެއެވެ. ނިޔާވި މީހުންގެ ތެރޭގައި ފަސް ކުޑަކުދިން ހިމެނޭކަމަށް ސިއްހީ އިދާރާތަކުން މައުލޫމާތު ދެއެވެ.
ޑެންގީ ކޮންޓްރޯލް ކުރުމުގެ ޕްރޮގްރާމްތައް މިހާރު ވަނީ ގައުމީ ފެންވަރެއްގައި ފަށާފައެވެ. ސްކޫލުތަކާއި، ގޭބިސީތަކާއި، އިމާރާތްކުރާ ތަންތަން ސާފުކޮށް، މަދިރި އާލާވާ ތަންތަން ނައްތާލުމުގެ މަސައްކަތް ސިއްހީ އިދާރާތަކުން ކުރިއަށް ގެންދެއެވެ. ސިއްހީ މާހިރުން ވަނީ ހުން އައުން ފަދަ އަލާމާތްތައް ފެންނަ ނަމަ ލަސްނުކޮށް ޑޮކްޓަރަށް ދެއްކުމަށް އާންމުންނަށް އިލްތިމާސްކުރައްވާފައެވެ.
މިދިޔަ އަހަރު ސްރީލަންކާގައި 50،000 އަށްވުރެ ގިނަ ޑެންގީ ކޭސް ރިޕޯޓުކޮށްފައިވެއެވެ. މިއަހަރުގެ މިހާތަނަށް މި ފެންނަ ހިސާބުތަކުން ދައްކަނީ މި ބައްޔަކީ އަދިވެސް އެގައުމަށް ބޮޑު ގޮންޖެހުމަކަށް ވެފައިވާކަމެވެ.




