ސެނެގޯލް ޓީމު އެމެރިކާއަށް ސިހުރު ހަދާ ތަކެތި ގެންދިޔަ ވާހަކަ ތެދެއްބާ؟

މިހާރު ކުރިއަށްދާ ދުނިޔޭގެ ފުޓްބޯޅަ މުބާރާތުގައި ބައިވެރިވުމަށް އެމެރިކާއަށް ދިޔަ ސެނެގޯލްގެ ގައުމީ ފުޓްބޯޅަ ޓީމުގެ އަތުން ސިހުރު ހެދުމަށް ބޭނުންކުރާ ތަކެއްޗާއި މަރުވެފައިވާ ދިރޭތަކެތި ފެނުނު ކަމަށް ބުނެ ސޯޝަލް މީޑިއާގައި ފަތުރަމުންދާ ވާހަކަތަކަކީ އެއްވެސް ހަގީގަތެއް ނެތް ދޮގު ވާހަކަތަކެއްކަން ކަށަވަރުވެއްޖެއެވެ.

ފާއިތުވި މަދު ގަޑިއިރުތަކެއްގެ ތެރޭގައި އިންޓަނެޓުގައި އާންމުވި ފޮޓޯއަކުން ފެންނަނީ އެމެރިކާގެ ސަލާމަތީ ފަރާތްތަކުން އެ ޓީމުގެ ސާމާނު ބަލައި ފާސްކުރަނިކޮށް ހަރުފައާއި ރަކިސްބޮނޑާއި އަދި އެހެނިހެން ތަކެތި ފެނުނު މަންޒަރެވެ.

ނަމަވެސް، މި މަންޒރުތައް ބެލުމަށްފަހު ތަހުގީގުކުރާ ފަރާތްތަކުން ހާމަކުރި ގޮތުގައި، އެ ފޮޓޯއަކީ ޒަމާނީ ޓެކްނޮލޮޖީ ބޭނުންކޮށްގެން ހަދާފައިވާ އޮޅުވާލުމެކެވެ. ފޮޓޯގައި ހުރި ތަކެތީގެ ސިފައާއި އެ މަންޒަރުތައް ހުރި ގޮތުން، އެއީ ޑިޖިޓަލްކޮށް އުފައްދާފައިވާ ފޭކް ފޮޓޯއެއްކަން ސައިންސާއި ޓެކްނޮލޮޖީގެ އެހީގައި މިހާރު ވަނީ ޔަގީންކޮށްފައެވެ.

މި ދޮގު ވާހަކަތައް ފެތުރެން ފެށީ ސެނެގޯލް ޓީމު އެއާޕޯޓެއްގައި ބަލައި ފާސްކުރާ ވީޑިއޯއެއް އާންމުވުމާ ގުޅިގެންނެވެ. އެ މައްސަލައާ ގުޅިގެން ސެނެގޯލްގެ ފުޓްބޯޅަ އިދާރާއިން ނެރުނު ރަސްމީ ބަޔާނެއްގައި ބުނެފައިވަނީ، އެ ޓީމު ބަލައި ފާސްކުރީ ރައްކާތެރިކަން ކަށަވަރުކުރުމަށް އެއާޕޯޓުތަކުގައި އާންމުކޮށް ހަދާ އާދައިގެ ބަލައި ފާސްކުރުމެއްގެ ތެރެއިން ކަމަށެވެ. އެ ފިޔަވަޅުތަކަކީ ޓީމުގެ ދަތުރުފަތުރު ފަސޭހަކުރުމަށްޓަކައި އެޅި އިންތިޒާމުތަކެއް ކަމަށާއި، އެއާ ގުޅޭގޮތުން ފެތުރޭ ސިހުރު ހެދުމުގެ ވާހަކަތަކަކީ އެ ޓީމުގެ އަގު ވައްޓާލުމަށް ފަތުރާ ހަގީގަތާ ޚިލާފު ވާހަކަތަކެއް ކަމަށް އެ އިދާރާއިން ވަނީ ހާމަކޮށްފައެވެ.

ހިއްސާ ކުރައްވާ!