އަފްޣާނިސްތާނުގެ ފުރަތަމަ ޖައްވީ ދަތުރުވެރިޔާ އަދި ޖައްވަށް ޤުރުއާނު ގެންދެވި އަބްދުލް އަހަދު މޮމަންދު، ކެންސަރު ބައްޔާ ހަނގުރާމަކުރެއްވުމަށްފަހު ޖަރުމަނުގައި އަވަހާރަވެއްޖެއެވެ.
1988 ގައި ސޯވިއެޓް ޔޫނިއަންގެ "މީރް" ޖައްވީ ސްޓޭޝަނަށް ކުރެއްވި ދަތުރުގައި މޮމަންދު ވަނީ ތާރީޚީ ގޮތުން ފާހަގަކޮށްލެވޭ ކަންތައްތަކެއް ކޮށްފައެވެ.
އެގޮތުން ޖައްވުގައި ހުންނަވައިގެން ޤުރުއާނު ކިޔަވާ ވިދާޅުވުމަކީ އޭރު ދުނިޔޭގެ ސަމާލުކަން ވަރަށް ބޮޑަށް ލިބުނު ކަމެކެވެ. މީގެ އިތުރުން، ޖައްވީ ސްޓޭޝަނުން މަންމައަށް ފޯނުކުރައްވައި، ޖައްވުގައި ވާހަކަ ދެއްކި ހަތަރުވަނަ ބަހަކަށް ޕަޝްތޫ ބަސް ހެއްދެވިއެވެ. މި ދަތުރު ކުރެއްވިއިރު އޭނާގެ އުމުރަކީ 29 އަހަރެވެ.

މޮމަންދު ދުނިޔެ ދޫކުރުމާ ގުޅިގެން އަފްޣާނިސްތާނުގެ ކުރީގެ ރައީސް އަޝްރަފް ޣަނީ ވަނީ ތައުޒިޔާ ފޮނުއްވާފައެވެ. އޭނާ ސިފަކުރެއްވީ އަފްޣާނިސްތާނުގެ ދިދައާއި މެސެޖު ޖައްވަށް ގެންދެވި، މުޅި ދުނިޔެއަށް އެ ގައުމު ތަމްސީލުކޮށްދެއްވި ބޭފުޅެއްގެ ގޮތުގައެވެ.
1959 ގައި އަފްޣާނިސްތާނުގެ ޣަޒްނީ ޕްރޮވިންސުގެ ސާދީ އަވަށުގައި އުފަންވެވަޑައިގެންނެވި މޮމަންދު، އޭވިއޭޝަންގެ ދާއިރާއިން ޚާއްސަ ތަމްރީނުތައް ހޯއްދެވީ ކުރީގެ ސޯވިއެޓް ޔޫނިއަނުންނެވެ. އަފްޣާނިސްތާނަށް އެނބުރި ވަޑައިގެން އޭނާ ވަނީ 1981 އިން 1984 އަށް ބަގްރާމް އެއަރ ބޭހުގައި ޕައިލެޓެއްގެ ގޮތުން ޚިދުމަތް ކުރައްވާފައެވެ.
އޭނާގެ ޖައްވީ ދަތުރު ކުރެއްވީ 1988 ވަނަ އަހަރުގެ އޯގަސްޓް 29 ވަނަ ދުވަހުއެވެ. އަށް ދުވަހަށް ރޭވުނު މި ދަތުރުފުޅު، ފަންނީ މައްސަލައަކާ ގުޅިގެން އިތުރު އެއް ދުވަހަށް ދިގުދެމިގެން ދިޔަ ނަމަވެސް، އެކަން ކާމިޔާބުކަމާއެކު ހައްލުކުރެވުނެވެ.
އަފްޣާނިސްތާނުގައި ހިނގި ދާޚިލީ ހަނގުރާމައާ ގުޅިގެން 1992 ވަނަ އަހަރު މޮމަންދު އާއިލާއާއެކު ޖަރުމަނަށް ހިޖުރަކުރެއްވިއެވެ. ސްޓުޓްގާޓްގައި ދިރިއުޅުއްވި ދުވަސްވަރު އޭނާ ވަނީ ސްޓުޓްގާޓް ޔުނިވަރސިޓީގެ ސްޕޭސް ރިސާޗް ސެންޓަރުގައި މަސައްކަތް ކުރައްވައި، ސައިންސާއި ދިރާސާގެ ދާއިރާއިން ގިނަ މަސައްކަތްތަކެއް ކުރައްވާފައެވެ. މޮމަންދު އަވަހާރަވީއިރު އޭނާގެ އަނބިކަނބަލުންނާއި ތިން ބޭފުޅުން ދުނިޔޭގައި އެބަތިއްބެވިއެވެ.






