އިސްރާއީލުން މީހުން ފައިބަމުން ގޮސް އާބާދީ ހުސްވެދާނެ

ޔަހޫދީ ރެޖީމްގެ އާބާދީއާ ބެހޭ އިސް މާހިރަކު ވަނީ އެ ގައުމުގެ އާބާދީގެ އޮނިގަނޑަށް މީގެ ކުރިން ދުވަހަކުވެސް ކުރިމަތިނުވާ ފަދަ ބޮޑު ލޮޅުމެއް އަރަމުންދާ ކަމަށް ބުނެ އިންޒާރު ދީފައެވެ. އޭނާ ހާމަކުރި ގޮތުގައި، އިސްރާއީލަކީ މިހާރު ބޭރުން މީހުން ހިޖުރަކުރަން ބޭނުންވާ ފަދަ ސަރަހައްދަކަށް ނުވާއިރު، ގައުމު ދޫކޮށްދާ މީހުންގެ އަދަދު ވަނީ އިންތިހާއަށް އިތުރުވެފައެވެ.

ޓެލް އަވީވް ޔުނިވަރސިޓީގެ ޕޮޕިއުލޭޝަން ސައިންސް ސެންޓަރުގެ ރައީސް، ޕްރޮފެސަރު އީޓްސިކް ޝޫޝާން ބުނި ގޮތުގައި، އާބާދީ އިތުރުވުމުގެ މައިގަނޑު ތިން އަސާސް ކަމަށްވާ އުފަންވާ ނިސްބަތް، މަރުވާ ނިސްބަތް، އަދި ހިޖުރަކުރުމުގެ ނިސްބަތަށް ވަނީ ބޮޑެތި ބަދަލުތަކެއް އައިސްފައެވެ. މީގެ ސަބަބުން ކުރިއަށް އޮތް ދިހަވަރަކަށް އަހަރުގެ ތެރޭގައި އިސްރާއީލުގެ އާބާދީ އޮންނާނެ ގޮތެއް އަންދާޒާކުރަންވެސް ވަނީ ދަތިވެފައެވެ.

އެންމެ ކަންބޮޑުވާންޖެހޭ ބަދަލެއް އައިސްފައިވަނީ ހިޖުރަކުރުމުގެ އާދަކާދައަށެވެ. ދުނިޔޭގެ އެކި ކޮޅުކޮޅުން ޔަހޫދީން އައިސް ވަޒަންވެރިވަމުންދިޔަ އިސްރާއީލުން، 2023 އާއި 2024 އާ ދެމެދު އެކަނިވެސް 90،000 އެއްހާ މީހުން ވަނީ ޔަހޫދީ ރެޖީމްގެ އަނިޔާއަށް ލަދުން އެތަން ދޫކޮށް ގޮސްފައެވެ. އަދި ބޭރުން އައި މީހުންނަށްވުރެ ގައުމުން ފޭބި މީހުންގެ އަދަދު ގިނައެވެ. 2024 ވަނަ އަހަރު، ގައުމު ދޫކޮށްދިޔަ މީހުންގެ ނިސްބަތް، އެނބުރި އައި މީހުންގެ ނިސްބަތަށްވުރެ ތިންގުނަ އިތުރެވެ. އަދި 2025 ވަނަ އަހަރުގެ ކުރީކޮޅުގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި މި ނުރައްކާތެރި މިސްރާބު ދަނީ އިތުރަށް ވަރުގަދަވަމުންނެވެ.

މީގެ އިތުރުން، ޔަހޫދީ އަންހެނުންނަށް ދަރިން ނުލިބުމަކީވެސް މައްސަލައެކެވެ. 2019 ވަނަ އަހަރުން ފެށިގެން މިވެރިންނަށް ދަރިން ނުލިބެން ފަށާފައިވާއިރު، 2024 ގައި މި އަދަދު ވަނީ ކޮންމެ އަންހެނަކަށް 2.9 ދަރިންގެ މަގުން ދަށަށް ގޮސްފައެވެ. މިއީ މައިގަނޑު ގޮތެއްގައި ޔަހޫދީ އަންހެނުންގެ މެދުގައި އުފަންވާ ނިސްބަތް ދަށަށް ދިއުމުގެ ސަބަބުން ގައުމީ ފެންވަރުގައި ހާސްވާން ޖެހޭ މައްސަލައެއް ކަމަށް ބުނެއެވެ. އިޒްރޭލަކީ ދުނިޔޭގެ ނިސްބަތުން އެންމެ ގިނައިން ވަޔާގްރާ ބޭނުންކުރާ ގައުމެވެ.

ޔަހޫދީން މަރުވާ ނިސްބަތަށް ބަލާއިރު، ކޮރޯނާވައިރަހުގެ ބަލިމަޑުކަމާއި، ހުއްޓުމެއްނެތް ހަނގުރާމައިގެ ސަބަބުން، 2019 އިން ފެށިގެން އިސްރާއީލުގެ ފިރިހެނުންގެ އެވްރެޖް އުމުރު ކުރު ވެެފައި ވެއެވެ. މި ހުރިހާ ސަބަބުތަކާ ހުރެ، ކުރިން އަހަރަކު 2 އިންސައްތައިގައި ހުރި އިސްރާއީލުގެ އާބާދީ އިތުރުވާ ނިސްބަތް، މިދިޔަ އަހަރު ވަނީ 1 އިންސައްތައަށް ދަށަށް ގޮސްފައެވެ. މާހިރުން އިންޒާރުދޭ ގޮތުގައި މި ބަދަލުތަކުގެ ސަބަބުން އިސްރާއީލުގެ ދިރިއުޅުމުގެ ފެންވަރަށާއި ސަރުކާރުގެ ދެމިއޮތުމުގެ ގާބިލުކަމަށް ބޮޑެތި ނޭދެވޭ އަސަރުތަކެއް ކުރާނެއެވެ.

ހިއްސާ ކުރައްވާ!