އަމިއްލައަށް އިސްނަގައިގެން މައުލޫމާތު ހާމަ ކުރި ފުރަތަމަ ކުންފުނި އެޗްޑީސީ

މައުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނުގެ ދަށުން، އަމިއްލަ އިސްނެގުމުގައި ހާމަކުރަންޖެހޭ ހުރިހާ މައުލޫމާތެއް ފުރިހަމައަށް އާންމުކުރި ސަރުކާރު ހިއްސާވާ ފުރަތަމަ ކުންފުންޏަކަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ވެއްޖެއެވެ.

މިކަން ހާމަކުރައްވައި އިންފޮމޭޝަން ކޮމިޝަނަރު އާހިދު ރަޝީދު ސޯޝަލް މީޑިއާގައި ވިދާޅުވީ، ގާނޫނުގެ ދަށުން އަމިއްލަ އިސްނެގުމުގެ މަތިން އާންމުކުރަންޖެހޭ ހުރިހާ މައުލޫމާތެއް އެޗްޑީސީން މިހާރު ހާމަކޮށްފައިވާ ކަމަށެވެ. މިއީ ދައުލަތުގެ ކުންފުންޏަކުން މި ލަނޑުދަނޑި ހާސިލުކުރި ފުރަތަމަ ފަހަރުކަން ފާހަގަކުރައްވައި، ސަރުކާރުގެ އެހެން ކުންފުނިތަކުންވެސް އެޗްޑީސީ ނަމޫނާއަކަށް ބަލައިގެން މަސައްކަތް ކުރުމަށް ކޮމިޝަނަރު ގޮވާލެއްވިއެވެ. ސަރުކާރު ހިއްސާވާ ކުންފުނިތަކަކީ ރައްޔިތުންގެ ފައިސާ ހިމެނޭ އަދި އަސާސީ ޚިދުމަތްތައް ފޯރުކޮށްދޭ ތަންތަނަށް ވާތީ، މައުލޫމާތަށް ރައްޔިތުންނަށް ފަސޭހައިން ވާސިލުވެވޭނެ ގޮތް ހެދުމަކީ ނުހަނު މހިންމު ކަމެއްކަމަށް އޭނާ ބަޔާންކުރެއްވިއެވެ.

މިއީ ދައުލަތުގެ މުއައްސަސާތަކުގެ ދެފުށް ފެންނަ މިންވަރު އިތުރުކުރުމަށް ކުރެވޭ މަސައްކަތްތަކަށް ލިބުނު ބޮޑު ކުރިއެރުމެކެވެ. މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނު ތަންފީޒުކުރަން ފެށިފަހުން، ސަރުކާރުގެ ހުރިހާ ވުޒާރާއަކުން ގާނޫނީ ގޮތުން ހާމަކުރަންޖޭ މައުލޫމާތު އެއްފަހަރާ ފުރިހަމައަށް ހާމަކޮށްފައިވަނީވެސް މި ސަރުކާރުގައެވެ. އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން ހާމަކޮށްފައިވާ ގޮތުގައި، ރައީސުލްޖުމްހޫރިއްޔާގެ އޮފީސް ހިމެނޭހެން ދައުލަތުގެ 16 ވުޒާރާއަކުން މިހާރު ވަނީ ގާނޫނުން ލާޒިމުކުރާ މައުލޫމާތުތައް އާންމުކޮށްފައެވެ.

އާރުޓީއައި ގާނޫނުގެ 37 ވަނަ މާއްދާގެ ދަށުން، ދައުލަތުގެ އިދާރާތަކުން އަމިއްލަ އިސްނެގުމުގައި 13 ބާވަތެއްގެ މައުލޫމާތު މަދުވެގެން އަހަރަކު އެއްފަހަރު އާންމުކުރަން ލާޒިމުކުރެއެވެ. މީގެ ތެރޭގައި އެ އިދާރާއެއްގެ މަސައްކަތްތަކާއި، ވާޖިބުތަކާއި، ޚިދުމަތްތަކުގެ ތަފްސީލުގެ އިތުރުން، ޝަކުވާ ހުށަހަޅާނެ ނިޒާމާއި، ތަނުގެ ވެރިންގެ މައުލޫމާތާއި، ނިންމުންތައް ނިންމުމުގައި އަމަލުކުރާ މަރުހަލާތަކާއި، ރައްޔިތުންގެ މަސްލަހަތާ ގުޅުންހުރި މުހިންމު ނިންމުންތަކުގެ ތަފްސީލުތައް ހިމެނެއެވެ.

ހިއްސާ ކުރައްވާ!