ހަނިމާދޫ އެއާޕޯޓު ފަރުމާކޮށްފައި އޮތީ ބޮޑެތި ބޯޓު ފަހަރަށް ޚިދުމަތްދެވޭ ގޮތަކަށް ނޫން: މިނިސްޓަރު އަމީން

އިންޑިއާގެ އެގްޒިމް ބޭންކުގެ ބޮޑު ލޯނަކުން ތަރައްގީކޮށް، ފާއިތުވި އަހަރުގެ ފަހުކޮޅު ހުޅުވި ހދ. ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓަކީ ޗައިނާ ފަދަ ދުރު ގައުމުތަކުން އަންނަ ދިގު ދަތުރުތަކުގެ ބޮޑެތި ބޯޓުފަހަރު ޖެއްސޭ ފެންވަރަށް ތަރައްގީކޮށްފައިވާ ތަނެއް ނޫން ކަމަށް ޓޫރިޒަމް އެންޑް ސިވިލް އޭވިއޭޝަން މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވެއްޖެއެވެ. ބައިނަލްއަގުވާމީ ދަތުރުތަކަށް އެއާޕޯޓުގެ ބޭނުން އެންމެ ފުރިހަމައަށް ނުހިފި ވަނީ ކީއްވެގެންތޯ ސުވާލުކުރުމުން، މިނިސްޓަރު ވަނީ އެތަނުގެ އޮޕަރޭޝަނަލް ލިމިޓޭޝަންތަކެއް ހުރިކަން ރައްޔިތުންގެ މަޖިލީހުގައި ހާމަކުރައްވާފައެވެ.

މިނިސްޓަރު އަމީން މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ހަނިމާދޫ ދާއިރާގެ އެމްޑީޕީ މެންބަރު އަބްދުލްޣަފޫރު މޫސާ ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ. މެންބަރު ޣަފޫރު ވަނީ ތިލަދުންމަތީގެ ރައްޔިތުންގެ ބޮޑު އުންމީދަކާ ގުޅިފައިވާ އެ އެއާޕޯޓަށް، ގައުމީ އެއާލައިނުގެ ބޮޑެތި މަތިންދާބޯޓު ބޭނުންކޮށްގެން ސީދާ ޗައިނާ ނުވަތަ ކޮލަމްބޯ ފަދަ މަންޒިލްތަކުން ދަތުރުތައް ބޭއްވުމުގެ ވިސްނުމެއް ސަރުކާރުގެ އެބައޮތްތޯ އައްސަވާފައެވެ.

"ހަނިމާދޫ އެއާޕޯޓު ޑިވެލޮޕްކޮށްްގެން މިހިސާބަށް އައިސްފައި އޮތީކީއެއް ވައިޑް-ބޯޑު މަތިންދާބޯޓު އޮޕަރޭޓުކުރެވޭ ކެޕޭސިޓީއަކު ނޫން. ޗައިނާއަށް ނޫނީ އެހެންވެސް ލޯންގް ޑިސްޓޭންސް އޮޕަރޭޝަންްތަކަށް ހަނިމާދޫ އެއާޕޯޓު މިހާރު ޑިވެލޮޕްކޮށްފައި އޮތް ގޮތުން ބޯޓު ޖައްސައި ނުވަތަ ހިދުމަތެއް ނުދެވޭނެ،" އަމީނު

ކުރީގެ ޕައިލެޓެއްގެ ގޮތުގައި ގިނަ ދުވަސްތަކެއްވަންދެން މަސައްކަތް ކުރެއްވި އަމީން ވިދާޅުވީ، ހަނިމާދޫ އެއާޕޯޓު ފަރުމާކޮށް، މިހާތަނަށް ހުޅުވިފައި ހުރީ އެއާބަސް އޭ320 އަދި ބޮއިން 737 ފަދަ ނެރޯ-ބޮޑީ ނުވަތަ ކުދި މަތިންދާބޯޓުތަކަށް އެކަނި ޚިދުމަތް ދެވޭ ގޮތަށް ކަމަށެވެ. އެހެންކަމުން، މިހާރު އެއާޕޯޓު އޮތް ގޮތުން އެއާބަސް އޭ330 ނުވަތަ ބޮއިން 777 މަރުކާގެ ބޮޑެތި ބޯޓުފަހަރު އެތަނަށް ބޭނުން ނުކުރެވޭނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.

"އެ ލިމިޓޭޝަން އެބަހުރި. އެހެންވީމަ، ތަފާތު ގޮތަކަށް ވިސްނަން ޖެހެނީ. ނޫނީ ރީޑިވަލޮޕްމަންޓަކަށް ދާން ޖެހެނީ، އެ އާޕޯޓުން ވައިޑް ބޮޑީ އެއާކްރާފްޓް އޮޕަރޭޓް ކުރަން ބޭނުން ވަންޏާ،" އަމީނު

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި، ޖެނުއަރީ 2023 ގައި އިންޑިއާގެ އެގްޒިމް ބޭންކުގެ ކްރެޑިޓް ލައިންގެ ދަށުން 136.1 މިލިއަން ޑޮލަރު (ގާތްގަނޑަކަށް 2.1 ބިލިއަން ރުފިޔާ) ހަރަދުކޮށްގެން ފެށި މި މަޝްރޫއުގެ ބޮޑުބައި ނިންމާފައިވަނީ މި ސަރުކާރުގެ ދައުރުގައެވެ.

މި މަޝްރޫއުގެ ދަށުން 2.46 ކިލޯމީޓަރުގެ އައު ރަންވޭއަކާއި، އަހަރަކު 1.3 މިލިއަން ފަސިންޖަރުންނަށް ހިދުމަތްދެވޭ ގިމަތައެއްގެ އިތުރުން ކާގޯ ޓާމިނަލެއް ވަނީ ގާއިމުކޮށްފައެވެ. ނަމަވެސް، މިނިސްޓަރު އަމީން އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ހަނިމާދޫ އެއާޕޯޓުން ދުރު މަންޒިލްތަކަށް ވައިޑް-ބޮޑީ އެއާކްރާފްޓް އޮޕަރޭޓް ކުރަން ބޭނުންވާނަމަ، އެތަނުގެ ފަރުމާއަށް ބޮޑެތި ބަދަލުތަކެއް ގެނެސް، މުޅިން އަލުން ތަރައްގީކުރުމުގެ މަޝްރޫއެއް ހިންގަން ޖެހޭނެއެވެ.

ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓާއެކު ހުޅިވިގެން ދަނީ ބޮޑު ތިލަދުންމަތީ ސަރަޙައްދުގެ ތަރައްޤީގެ ދޮރޯށި: ރައީސް

ހިއްސާ ކުރައްވާ!