ޕޭޕަލްގެ ޚިދުމަތާ 3،280 ސްޓާޓްއަޕަކުން ލިންކުކޮށްފި: މިނިސްޓަރު ސައީދު

އޫރީދޫ މެދުވެރިކޮށް ރާއްޖެއަށް ޕޭޕަލްގެ ޚިދުމަތް ތައާރަފުކުރި ފަހުން މިހާތަނަށް މަދުވެގެން 3،280 ސްޓާޓްއަޕަކުން އެ ޚިދުމަތް ބޭނުންކުރަން ފަށާފައިވާ ކަމަށް އިގުތިސާދީ ތަރައްގީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން މިނިސްޓަރު ވަނީ، ޕޭޕަލްގެ ހިދުމަތްތައް އެންމެ ފުރިހަމައަށް ނުލިބޭ ކަމަށް ބުނެ ކުރަމުންދާ ޝަކުވާތަކަކީ ހަގީގަތާ ޚިލާފު، ސިޔާސީ މަގްސަދެއްގައި ދައްކަމުންދާ ވާހަކަތަކެއް ކަމަށް ވިދާޅުވެ އެ ފާޑުކިއުންތަކަށް ރައްދުދެއްވާފައެވެ.

މި ޚިދުމަތް ރާއްޖޭގައި ހިނގަމުންދާކަން ސާބިތުކޮށްދެއްވުމަށް ބައެއް ތަފާސްހިސާބުތައް ހިއްސާކުރައްވަމުން މިނިސްޓަރު ސައީދު ވިދާޅުވީ، ވިޔަފާރިތަކުގެ އިތުރުން އާންމު 2،159 ވޮލެޓެއްވެސް މިހާތަނަށް އެކްޓިވޭޓްކޮށްގެން ބޭނުންކުރަމުންދާ ކަމަށެވެ. މިނިސްޓަރު ފާހަގަކުރެއްވި ގޮތުގައި، ރާއްޖެއަކީ ކުޑަ ގައުމަކަށް ވުމުން ޕޭޕަލްގެ ޚިދުމަތް ނުގެނެވޭނެ ކަމަށް ކުރިން ގިނަ ބަޔަކު ބުނަމުންދިޔަ ނަމަވެސް، ސަރުކާރާއި ޕޭޕަލް އަދި އޫރީދޫ ގުޅިގެން ކުރި މަސައްކަތުން މިހާރު އެ ޚިދުމަތް ލިބޭނެ މަގު ވަނީ ފަހިކޮށްދެވިފައެވެ. އަދި ސަރުކާރާ ހިޔާލު ތަފާތު ސިޔާސީ ފަރާތްތަކުން ޕޭޕަލް ރާއްޖޭގައި ނެތް ކަމަށް ދައްކަން އުޅުނަސް، އަމަލީ ގޮތުން އެ ޚިދުމަތް ބޭނުންކުރަމުންދާ މީހުންގެ އަދަދުތަކުން އެކަން ސާފުވާ ކަމަށް ވަޒީރު ވިދާޅުވިއެވެ.

ރާއްޖޭގެ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށާއި އަމިއްލަ މަސައްކަތްކުރާ ފަރާތްތަކަށް ބައިނަލްއަގުވާމީ މާލީ މުއާމަލާތްތައް ކުރުމުގައި ދިމާވާ ހުރަސްތައް ނައްތާލުމަކީ މި ސަރުކާރުގެ މުހިންމު ސިޔާސަތެކެވެ. މިނިސްޓަރު ސައީދު އިތުރަށް ވިދާޅުވީ، ޕޭޕަލްގެ ހިދުމަތް ރާއްޖެއަށް ލިބުން މިއީ ހަމައެކަނި ފެށުމެއް ކަމަށާއި، ކުރިއަށް އޮތް ތަނުގައި އެ މަންސައިގައި ހިމެނޭ އިތުރު ފައިނޭންޝަލް އޮޕްޝަންތަކާއި ޚިދުމަތްތައް ދިވެހި ބާޒާރަށް ތައާރަފުވެ، ދިވެހި ސްޓާޓްއަޕްތަކަށް ލިބޭ ފުރުސަތުތައް ބޮޑުވެގެންދާނެ ކަމަށެވެ.

ހިއްސާ ކުރައްވާ!