ޔަހޫދީ ރެޖީމުގެ ޤާނޫނު ހަދާ މަޖިލިސް، ކްނެސެޓުން ބުދަ ދުވަހުގެ ރޭ ވަނީ "މުއައްޛިން ބިލު" ނުވަތަ ބަންގި ގޮވުން މަނާކުރުމާ ބެހޭ ބިލުގެ އިބްތިދާއީ ކިޔުމަކުން ފާސްކޮށްފައެވެ. މި ބިލުގައިވާ ގޮތުން ހިފާފައިވާ ފަލަސްޠީނުގެ ވެރިރަށް ޤުދުސް އާއި ގްރީން ލައިންގެ އެތެރޭގައި ހުންނަ މިސްކިތްތަކުގައި ލައުޑް ސްޕީކަރު ބޭނުންކޮށްގެން ބަންގި ގޮވުން މަނާކުރެވޭނެއެވެ. ފަލަސްތީނުގެ މިނިވަންކަަމށް މަސައްކަތް ކުރާ އިސްލާމީ ޖަމާޢަތް، ހަމާސް އިން މި ފިޔަވަޅު ސިފަކޮށްފައިވަނީ ޔަހޫދީ ރެޖީމުން އިސްލާމީ މުޤައްދަސް ތަންތަނާއި، އިސްލާމީ ވަންތަކަމާ ދެކޮޅަށް ކުރަމުންދާ "ދީނީ ހަނގުރާމަ" އިތުރަށް ހޫނުކުރުމުގެ އަމަލެއްގެ ގޮތުގައެވެ.
ޔަހޫދީންގެ "ޔިސްރާއީލް ހަޔޮމް" ނޫހުން ރިޕޯޓުކުރާ ގޮތުގައި، މިސްކިތްތަކުން ބަންގި ގޮވުމުން "އަޑުގަދަވުމުގެ މައްސަލަ" ދިމާވެގެން ޔަހޫދީންގެ ކަންފަތަށް އުދަގޫވާ ކަމަށް ބުނެ އެކަން ކޮންޓްރޯލް ކުރުމަށް ކްނެސެޓުން މި ބިލު ފާސްކޮށްފައިވަނީ އިތުރު ތަފުސީލުތަކަކާ ނުލައެވެ.
"ޔަދިއޮތް އަހްރޮނޮތް" ނޫހުން ބުނާ ގޮތުގައި، 120 މެންބަރުން ހިމެނޭ ކްނެސެޓުގައި މި ބިލަށް ވޯޓު ދީފައިވަނީ 50 މެންބަރުންގެ ތާއީދާ އެކުގައެވެ. މި ބިލާ ދެކޮޅަށް 36 މެންބަރަކު ވޯޓު ދީފައިވެއެވެ.
މި ބިލު ހުށަހެޅީ ގައުމީ ސަލާމަތާ ބެހޭ ހަރުކަށި ޓެރަރިސްޓް ވަޒީރު އިރާގުގެ ކުރުދީ އާއިލާއަކަށް އުފަން އިތަމާރު ބެންގްވީރުގެ އޮޓްޒްމާ ޔެހޫދިތު ޕާޓީންނެވެ. މި ބިލަށް އަވީގްޑޯ ލީބަމަންގެ އިސްރާއީލް ބައިތުނާ ޕާޓީންވެސް ތާއީދުކޮށްފައިވެއެވެ. އިސްރާއީލުގެ ގާނޫނުތައް ބުނާ ގޮތުން، މި ބިލު ގާނޫނަކަށް ވުމަށްޓަކައި އަދި ތިން ފަހަރެއްގެ މަތިން މަޖިލީހުގައި ކިޔައި ފާސްކުރަން ޖެހޭނެއެވެ.
އިސްރާއީލުގެ 14 ވަނަ ޗެނަލުން ބުނާ ގޮތުގައި، މި ބިލު ފާސްވެއްޖެނަމަ، މިސްކިތްތަކުގައި ލޯޑްސިސްޓަމް ހަރުކުރުމަށް ނުވަތަ ބޭނުންކުރުމަށް ދުރާލައި ޚާއްސަ ހުއްދައެއް ހޯދަން ޖެހޭނެއެވެ. މި ހުއްދަ ދޭނީ މިސްކިތް ހުންނަ ސަރަހައްދާއި، އަޑުގަދަވާ މިންވަރާއި، އަވަށްޓެރިންނަށް ކުރާ އަސަރު ދިރާސާކުރުމަށް ފަހު، ވަރަށް ފަރުވާތެރިކަމާ އެކު ކަމަށް އެ ޗެނަލުން ބުނެފައިވެއެވެ.
يُرِيدُونَ لِيُطْفِـُٔوا۟ نُورَ ٱللَّهِ بِأَفْوَٰهِهِمْ وَٱللَّهُ مُتِمُّ نُورِهِۦ وَلَوْ كَرِهَ ٱلْكَـٰفِرُونَ ٨
އެއުރެން އެދެނީ، اللَّه ގެ نور ފުޅު (އެބަހީ: إسلام دين) އެއުރެންގެ އަނގަތަކުންފުމެ، ނިއްވައިލުމަށެވެ. އަދި كافر ން ނުރުހުނުކަމުގައިވިޔަސް اللَّه، އެކަލާނގެ نور ފުޅު ފުރިހަމަކުރައްވާހުށްޓެވެ. (61:8)
މީގެ އިތުރުން، މި ބިލުގެ ދަށުން ފުލުހުންނަށް ކުރިން ލިބިފައިނުވާ ފަދަ ބާރުތަކެއް ލިބިގެންދާނެއެވެ. ގަވާއިދާ ޚިލާފުވާނަމަ، އެތަނެއްގައި އަޑު މަޑުކުރުމަށް ނުވަތަ ހުއްޓުވުމަށް ފުލުހުންނަށް އަމުރު ކުރެވޭނެއެވެ. އަދި އެކަން ތަކުރާރު ކުރާނަމަ، މިސްކިތުގެ ލޯޑު ސިސްޓަމް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ލިބޭނެއެވެ. މި ބިލުގައި ބޮޑެތި ޖޫރިމަނާތަކެއް ވެސް ކަނޑައަޅާފައިވެއެވެ؛ ހުއްދައަކާ ނުލައި ސައުންޑް ސިސްޓަމް ހަރުކުރާނަމަ 50،000 ޝެކެލް (ގާތްގަނޑަކަށް 17،000 ޑޮލަރު) އިން ޖޫރިމަނާ ކުރެވޭނެއެވެ.
މި ބިލާ ގުޅޭގޮތުން ވާހަކަ ދައްކަމުން ޓެރަރިސްޓް ވަޒީރު ބެން ގްވީރު ބުނީ، "ގިނަ ސަރަހައްދުތަކުގައި ބަންގީގެ އަޑަކީ ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު ދަށްކޮށްލައި މީހުންގެ ކަންފަތް ބީރުކޮށްލައި އެމީހުންގެ ސިއްހަތަށް ގެއްލުންދޭ އަޑުގަދަވުމެެއް" ކަމަށެވެ. އަދި މިއީ ކޮށްގެން ނުވާނެ ކަމެއް ކަމަށާއި، މި ބިލުގެ ސަބަބުން މިކަން ހުއްޓުވުމަށް ފުލުހުންނަށް އިތުރު ބާރުތަކެއް ލިބޭނެ ކަމަށެވެ.
ފަލަސްތީނުގެ ގައުމީ މަޖިލީހުގެ ރައީސް ރޫހީ ފައްތޫހު މިކަން ސިފަކޮށްފައިވަނީ "ގާނޫނީ ޓެރަރިޒަމެއް"ގެ ގޮތުގައެވެ. އޭނާ ނެރުނު ބަޔާނެއްގައި ވިދާޅުވެފައިވަނީ، މިއީ އަޅުކަން ކުރުމުގެ މިނިވަންކަމަށް އަރައިގަތުމެއް ކަމަށާއި، އިސްރާއީލަކީ ނަސްލީ ތަފާތުކުރުމުގެ އަޕާތައިޑް ނިޒާމެއްކަން މިކަމުން ސާބިތުވާ ކަމަށެވެ.
ހަމާސް އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މި ބިލަކީ ފަލަސްތީނުގެ ރައްޔިތުންނާއި އެމީހުންގެ މުޤައްދަސް ތަންތަނާ ދެކޮޅަށް އިސްރާއީލުން ކުރަމުންދާ ދީނީ ހަނގުރާމައިގެ ތެރެއިން އައިސްފައިވާ އިތުރު ފިޔަވަޅެއް ކަމަށެވެ.
"ބަންގިއަކީ ފަލަސްތީނާއި ޤުދުސްގެ ވަންތަކަމުގެ އަސްލެކެވެ. އިސްރާއީލުގެ މި ފިޔަވަޅުތަކުން މިތަނުގެ ތާރީޚާއި ދީނީ ސިފަތައް ފޮހެލެވޭނެ ކަމަށް ދެކޭނަމަ އެއީ ކުށްހީއެކެވެ." ބަޔާނުގައިވެއެވެ. ހަމާސް އިން ވަނީ މިކަމާ ދެކޮޅަށް ތެދުވުމަށް ބައިނަލްއަގުވާމީ މުޖުތަމައަށާއި އިސްލާމީ ގައުމުތަކަށް ގޮވާލާފައެވެ.







