ނަސްލީ ތަފާތުކުރުމުގެ މާޒީއެއް އޮތް ޖަރުމަނުން ފަލަސްތީނުގެ އެކްޓިވިސްޓުން ބޭރުކުރަނީ

މާޒީގައި ވަކި ނަސްލުތަކަކާ މެދު ހިންގާފައިވާ ރަހުމެއްނެތް ލާއިންސާނީ ޖަރީމާތަކާއި އަނިޔާވެރިކަމުގެ ސަބަބުން މުޅި ދުނިޔޭގެ ކުރިމަތީގައި ލަދުވެތިވާންޖެހުނު ޖަރުމަނުވިލާތް، މިއަދު ފެންނަނީ އެ ތާރީޚުން އެއްވެސް އިބުރަތެއް ހާސިލުނުކޮށް، އެފަދަ ނަސްލީ ތަފާތުކުރުމާއި ދައުލަތުގެ ބާރު ބޭނުންކޮށްގެން ބިރުދެއްކުމުގެ ސިޔާސަތެއް އަލުން އިއާދަކުރަމުންދާ ތަނެވެ. ނަމަވެސް، މިފަހަރު އެގައުމުގެ އަނިޔާވެރިކަމުގެ އަމާޒަކީ ހަމައެކަނި ފަލަސްޠީނު މީހުންނެއް ނޫނެވެ. ޣައްޒާގައި ހިންގަމުންދާ ނަސްލު ނައްތާލުމުގެ ހަނގުރާމައާ ދެކޮޅަށް އަޑުއުފުލާ ހުޅަނގުގެ މީހުންނާއި ބޭރުގެ އެކްޓިވިސްޓުންވެސް މިއަދު ވަނީ ޖަރުމަނުގެ ދައުލަތާއި އަަނިޔާވެރި ފުލުހުންގެ ނުބައި ރޭވުމުގެ ޝިކާރައަކަށް ވެފައެވެ.

އެމެރިކާގެ އެކްޓިވިސްޓެއް ކަމަށްވާ ކޫޕާ، ޣައްޒާގެ ދިފާއުގައި އަޑުއުފުލުމުން ޖަރުމަނު ސަރުކާރުން އޭނާއަށް ކުރިމަތިކުރި ބިރުދެއްކުންތަކަކީ އޭނާ ހުވަފެނުންވެސް ތަސައްވަރުކުރި ކަންކަމެއް ނޫނެވެ. ޖަރުމަނުން ބޭނުންވަނީ ޣައްޒާގެ މައްސަލާގައި ދައުލަތުގެ އިސްރޭލަށް ވާގިވެރިވާ ރަސްމީ ވިސްނުމާ ދެކޮޅަށް ތެދުވާ ކޮންމެ މީހަކަށް ހަރުކަށި އަދަބުދީ، ބިރުވެރިކަމުގެ މެސެޖެއް މުޅި މުޖުތަމައަށް ދިނުމަށެވެ.

7 އޮކްޓޫބަރު 2023 ގެ ފަހުން، ފަލަސްތީނަށް ތާއީދުކުރާ ކޮންމެ މީހަކު ޖަރުމަނުގައި ވެގެންގޮސްފައިވަނީ އެމީހެއްގެ މުސްތަގުބަލާއި، ދިރިއުޅުމުގެ ހުއްދަ އަތުލައި، ގައުމުން ފޮނުވާލުމުގެ ނުރައްކާ އޮތް ގާނޫނީ މަޅިއަކަށެވެ.

  • ލުއިސް ކޯރޓޭޒް (ޗިލީގެ އެކްޓިވިސްޓް): ބާލިންގެ ފްރީ ޔުނިވަރސިޓީގައި ބޭއްވި އިށީނދެގެން ތިބުމުގެ މުޒާހަރާއެއްގައި ބައިވެރިވުމުން އޭނާ ހައްޔަރުކޮށް، އޭނާގެ ވިސާ ވަނީ ހިފަހައްޓާފައެވެ. ކޯޓުން އޭނާ ކުށްވެރި ނުވާކަމަށް ހުކުމްކުރި ނަމަވެސް، އިމިގްރޭޝަން އިދާރާއިން އޭނާގެ ވިސާ އައުކޮށްނުދީ، އާންމު ދިރިއުޅުމެއް ނޫޅެވޭ ފަދަ ސަރަހައްދެއްގައި އޭނާ ވަނީ ބަންދުކޮށްފައެވެ.

  • ޝޭން އޯބްރަޔަން (އަޔަރލޭންޑްގެ އެކްޓިވިސްޓް): ޔޫރަޕްގެ ރައްޔިތަކު ޖަރުމަނުން ފޮނުވާލާނެ ކަމަށް އޭނާ ދުވަހަކުވެސް ހީނުކުރެއެވެ. އޭނާގެ ވަކީލުންނަށް ލިބުނު އެތެރޭގެ ލިޔެކިޔުންތަކުން އެނގޭގޮތުގައި، އޭނާ ގައުމުން ފޮނުވާލާނެ އެއްވެސް ގާނޫނީ އަސާސެއް އިމިގްރޭޝަނަށް ނުފެނުނު ނަމަވެސް، ޖަރުމަނުގެ ދާޚިލީ ވުޒާރާގެ ސީދާ ސިޔާސީ ފިއްތުންތަކާއެކު އޭނާ ފޮނުވާލުމުގެ މައްސަލަ ކުރިއަށްގެންދެއެވެ.

މި ހުރިހާ އެކްޓިވިސްޓުންނަށް ލިބުނު އެންމެ ބޮޑު ސިހުމަކީ، ހުޅަނގުގެ ޕާސްޕޯޓެއް އޮތުމުން ލިބޭނެ ކަމަށް ހީކުރި ހިމާޔަތް ބާލިންގެ މަގުތަކުގައި ފުނޑުފުނޑުވެގެން ދިއުމެވެ. ޖަރުމަނުން ކުރިން ބޮޑު ހަނގުރާމައަިގެ ކުރިންވެސް ހެދިހެން މިއަދު ގާނޫނުތައް ބޭނުންކުރަމުންދަނީ އިންސާފު ގާއިމުކުރުމުގެ ބަދަލުގައި، ސަރުކާރުގެ ބައިވެރިވުމާއެކު ހިނގަމުންދާ "ނަސްލު ނައްތާލުމުގެ" ޖަރީމާއާ ދެކޮޅަށް ވާހަކަދައްކާ މީހުންގެ ދޫތައް ބަންދުކުރުމުގެ ސިޔާސީ ހަތިޔާރެއްގެ ގޮތުގައެވެ.

މި އެކްޓިވިސްޓުން ބަޔާންކުރާ ގޮތުގައި، ނަސްލު ނައްތާލުމާ ޖެނޮސައިޑާ ދެކޮޅަށް ތެދުވުމަކީ ހަނގުރާމައިގެ މާޒީއެއް އޮތް ކޮންމެ ގައުމަކުން އެންމެ ފުރަތަމަ އަދާކުރަން ޖެހޭނެ "އަޚްލާގީ ވާޖިބެވެ". ނަމަވެސް ޖަރުމަނުގެ ޔުނިވަރސިޓީތަކާއި ރަސްމީ އިދާރާތަކުން ދަނީ އިންސާނީ ވިސްނުމުގެ މައްޗަށް ބިރުވެރިކަމާއި ފާރަވެރިވުން އިސްކުރަމުންނެވެ.

މި ތަޖުރިބާތަކަށްފަހު، އެކްޓިވިސްޓުންގެ ނަޒަރުގައި ޔޫރަޕާއި އޭގެ "ޑިމޮކްރަސީ" އަދި "އިންސާނީ ހައްގުތަކުގެ" އަގުތައް މިއަދު ވަނީ މުޅިން ކަރުދާހަށްވެ، ބޭޒާރުވެފައެވެ. ޖަރުމަނު މުޖުތަމައުގެ އެތެރޭގައި އޮތް ފާޅުކަން ބޮޑު ނަސްލީ ތަފާތުކުރުމާއި، ފަލަސްތީނުގެ މައްސަލަ އައުމުން ހިޔާލުފާޅުކުރުމުގެ މިނިވަންކަން ބޭނުންކުރާ ހޮވާލެވޭ ގޮތް މިއަދު ދުނިޔެއަށް ވަނީ ހާމަވެފައެވެ.

މިއަދު ޖަރުމަނަކީ އިންސާނީ ހައްގުތަކަށް ވަކާލާތުކުރާ ގައުމެއް ނޫނެވެ. އެއީ މާޒީގައި ހިންގި ލޭއޮހޮރުވުންތަކުގެ ހަނދާންތައް ގަސްތުގައި ފޮހެލައި، މިއަދު ފަލަސްތީނުގެ ރައްޔިތުން ނައްތާލުމަށް ބާރުދޭ، އަދި އެކަމާ ދެކޮޅުވާ ކޮންމެ އިންސާނަކަށް އަނިޔާވެރިވާ ބައިބައިވެފައިވާ މުނާފިގު ދައުލަތެކެވެ.

ހިއްސާ ކުރައްވާ!