ސޫރިޔާގެ ވެރިރަށް ދިމިޝްޤުގައި ހުންނަ ޓޫރިޒަމް މިނިސްޓްރީ ކައިރިއަށާއި، ފަރަންސޭސި ރައީސް އެމަނުއެލް މެކްރޮން ހުންނަވާ ހޮޓަލާ ކައިރީގައި ދެ ގޮވުމެއް ގޮއްވައފިއެވެ.
މީޑިއާއިން ސަލާމަތީ މަސްދަރަކާ ހަވާލާދީ ބުނިގޮތުގައި، މި ގޮވުންތައް ގޮވާފައިވަނީ ފަރަންސޭސި ރައީސް ހުންނަވާ ހޮޓާ ކައިރީގައި ހަރުކޮށްފައި ފޮރުވާފައި ހުރި ގޮއްވާލެވޭ ބާވަތްތަކެއް އެކްޓިވޭޓް ވުމުގެ ސަބަބުންނެވެ.
ފުރަތަމަ ގޮވުމަކީ ކުޑަ ގޮވުމެކެވެ. އެއީ ޓޫރިޒަމް މިނިސްޓްރީ ކައިރީގައި އޮތް ކާރެއްގެ ތެރޭގައި ގޮވި ގޮވުމެކެވެ. މިއީ މެކްރޮން ހުންނަވާ ސަރަހައްދާ ވަރަށް ކައިރި ހިސާބެކެވެ. މި ހާދިސާއާ ގުޅިގެން ފުލުހުން ވަނީ އެ ސަރަހައްދަށް ވަރަށް ބޮޑަށް ފެތުރިގަނެ، އެތަނަށް ވަދެވޭ ހުރިހާ މަގުތަކެއް މުޅިން ބަންދުކޮށްފައެވެ.
މި ގޮވުން ގޮވުމުގެ ކުރިން ފަރަންސޭސި ރައީސް ވަނީ ސޫރިޔާގެ ރައީސް އަޙްމަދު އަލްޝަރަޢުއާ ބައްދަލުކުރެއްވުމަށް ޤަޞްރުއްޝަޢުބަށް ވަޑައިގަތުމަށްޓަކައި ހޮޓަލުން ނިކުމެވަޑައިގަންނަވާފައެވެ. އަދި މިވަގުތު މެކްރޮން ހުންނެވީ ސަލާމަތްތެރިކަމާއެކު ރިޔާސީ ގަނޑުވަރުގައެވެ.
ރިޕޯޓަރު ބުނިގޮތުގައި، ދެވަނަ ގޮވުން ގޮވާފައިވަނީ ދިމިޝްޤުގެ މެދުތެރޭގައި ހުންނަ މުޙާފަޒާ މައިދާން ކައިރީގައެވެ. މި ހާދިސާތަކުގައި އެއްވެސް މީހަކަށް އަނިޔާވި ކަމުގެ ރިޕޯޓެއް އަދި ލިބިފައެއް ނުވެއެވެ. އަދި މި ގޮވުންތަކުގެ އަސްލަކީ ކޮބައިކަމާއި، މީގެ ފަހަތުގައިވަނީ ކޮން ބައެއްކަން އަންގައިދޭ ރަސްމީ އެއްވެސް މައުލޫމާތެއް ސަރުކާރުން އަދި ހާމަކޮށްފައެއް ނުވެއެވެ.







