ޗައިނާގެ ރައީސް އެ ގައުމުގެ ތާރީޚު އަލުން ލިޔުއްވަމުންދަނީ ކިހިނެއް؟

ޗައިނާގެ ރައީސް ޝީ ޖިންޕިންގް ހަމައެކަނި އެ ގައުމުގެ ސިޔާސަތުތައް ބަދަލުކުރައްވަނީއެއް ނޫނެވެ. އޭނާ ދަނީ ޗައިނާގެ ކޮމިއުނިސްޓް ޕާޓީގެ ރަސްމީ ތާރީޚީ ސާގަފަތްވެސް އަލުން ބައްޓަންކުރައްވަމުންނެވެ. އެއީ ކުރީގެ ވެރިންނާ ވަކިން، ތާރީޚުގައި އަމިއްލަ މިނިވަން މަގާމެއް ކަށަވަރުކުރެއްވުމަށްޓަކައި ކަމަށް ޗައިނާގެ ލިޔުންތެރިއެއް އަދި ދިރާސާވެރިއެއް ކަމަށްވާ ޑިންގް ޔުއެން ވިދާޅުވެ އެވެ.

"ފޮރިން ޕޮލިސީ" މަޖައްލާގައި ޝާއިޢުކޮށްފައިވާ މަޒުމޫނެއްގައި ޔުއެން ވިދާޅުވެފައިވަނީ، 1970 ގެ އަހަރުތަކުގެ ފަހުކޮޅުން ފެށިގެން ޗައިނާ ކުރިއަށްގެންދިޔަ އިސްލާހީ ދައުރު ނިމުމަކަށް އައިސްފައިވާކަން ރައީސް ޝީ މިހާރު ރަސްމީކޮށް އިއުލާނުކުރައްވައިފި ކަމަށެވެ. އަދި އޭގެ ބަދަލުގައި އޭނާ ގެންނަވާފައިވަނީ އާ ދައުރެކެވެ.

ލިޔުންތެރިޔާ ބާރުއަޅުއްވަނީ ޖުލައި 1 ގައި ކޮމިއުނިސްޓް ޕާޓީ އުފެދުނުތާ 105 އަހަރު ފުރުމުގެ މުނާސަބަތުގައި ޝީ ދެއްވި ތަގުރީރެއްގެ މައްޗަށެވެ. އެ ތަގުރީރުގައި ޕާޓީގެ ތާރީޚު ވަނީ ވިދިވިދިގެން އައި ހަތަރު މަރުހަލާއަކަށް ބައްސަވާފަ އެވެ. އެއީ: އިންގިލާބު ގެ ޒަމާނާއި ބިނާކުރުމުގެ ޒަމާނާއި، އިސްލާހު ކުރުމުގެ ޒަމާނާއި، އަދި "އާ ދައުރު"ގެ ޒަމާނެވެ.

މި ބަހާލުމަކީ ހަމައެކަނި ތާރީޚީ ސިފަކުރުމެއް ނޫނެވެ. އޭގެ ފަހަތުގައި ފުން ސިޔާސީ މާނަތަކެއް އެބަހުއްޓެވެ. ސަބަބަކީ 2012 ވަނަ އަހަރު ޝީ ވެރިކަމަށް ވަޑައިގަތުމާއެކު ފެށުނު މަރުހަލާ، 1978 ގައި ޑެންގް ޝިއާއޯޕިންގް ފެއްޓެވި އިސްލާހީ ދައުރާ މުޅިން ވަކިކޮށްލާތީ އެވެ.

އިސްލާހީ ދައުރު ނިމުނީ

ޑިންގް ޔުއެން ފާހަގަކުރެއްވި ގޮތުގައި، މީގެ ކުރިން ޕާޓީގެ ރަސްމީ ވިސްނުމަކީ އިސްލާހީ އަދި ހުޅުވާލެވިފައިވާ ސިޔާސަތަކީ މެދުނުކެނޑި ކުރިއަށްދާ މަރުހަލާއެއްގެ ގޮތުގަ އެވެ. އަދި ކުރިން ޝީ އަމިއްލަފުޅަށްވެސް ވިދާޅުވެފައިވަނީ އިސްލާހީ މަސައްކަތްތައް "އަދިވެސް އޮތީ މަގުމަތީގައި" ކަމަށެވެ. ނަމަވެސް "އާ ދައުރު" އަމިއްލަ ވަކި މަރުހަލާއެއްގެ ގޮތުގައި ކަނޑައެޅުމުން މާނަކުރެވެނީ، އިސްލާހީ ބާބު ރަސްމީކޮށް ނިމި، ޗައިނާ މިހާރު އޮތީ ހަމައެކަނި ޝީގެ ނަމާ ގުޅިފައިވާ ތަފާތު މަރުހަލާއެއްގައި ކަމެވެ.

ކޮމިއުނިސްޓް ޕާޓީގެ ތެރޭގައި ތާރީޚު ފައްތަރުތަކަށް ބަހާލުމަކީ ހަމައެކަނި ހާދިސާތަކާ ގުޅުންހުރި ކަމެއް ނޫނެވެ. އެއީ ސިޔާސީ ގާނޫނީ ހައްގުވެރިކަން ބަހާލުމެވެ. ކޮންމެ މަރުހަލާއެއްވެސް ގުޅިފައިވަނީ ވަކި ލީޑަރެއްގެ ނަމާއެވެ. އިންގިލާބާއި ދައުލަތް ބިނާކުރުމުގެ މަރުހަލާ މާއޯ ޒެޑޮންގް އަށް ޚާއްޞަވާއިރު، އިސްލާހީ ދައުރު ގުޅެނީ ޑެންގް ޝިއާއޯޕިންގްއާ އެވެ.

އެކަމަކު "އާ ދައުރު" ތަމްސީލުކޮށްދެނީ ރައީސް ޝީ އެކަނި ވެރިކަން ކުރައްވާ މަރުހަލާ އެވެ. މިއިން ދޭހަކޮށްދެނީ ކުރީގެ ވެރިންގެ ސިޔާސަތުތަކުގެ ކުރިއެރުމެއްގެ ގޮތުގައި ހުންނެވުމުގެ ބަދަލުގައި، އާ ތާރީޚީ ބާބެއްގެ ބާނީގެ ގޮތުގައި އަމިއްލަ ނަންފުޅު ފަވާލުމަށް އޭނާ ބޭނުންފުޅުވާ މިންވަރެވެ.

އޭނާ ސީދާ މާއޯއާ ވާދަކުރައްވަން ނޫޅުއްވައެވެ. ޗައިނާގެ ހަނދާނުގައި މާއޯގެ މަގާމު އަދިވެސް އޮތީ ވަރުގަދަކޮށެވެ. ނަމަވެސް އޭނާގެ އަމާޒަކީ ޑެންގްގެ ތަރިކައަށްވުރެ ކުރިއަރައިދިއުމެވެ. ޑެންގްގެ މަސައްކަތްތަކުގައި "ޗައިނާ މުއްސަނދިކުރާނީ ކިހިނެއް؟" މި ސުވާލަށް ޖަވާބު ހޯއްދެވިއެވެ. އަދި ޝީ މަސައްކަތް ކުރައްވަނީ "ޗައިނާ ވަރުގަދަކުރާނީ ކިހިނެއް؟" މި ސުވާލުގެ ޖަވާބުދޭ ލީޑަރަށް ވުމަށެވެ. އެގޮތުން ގައުމީ ސަލާމަތާއި ބާރުވެރިކަމަށް އޭނާ ބޮޑު އިސްކަމެއް ދެއްވަ އެވެ.

އިސްލާހީ ދައުރު ނިމުނުކަން އިއުލާނުކުރުމަކީ އިސްލާހީ ވާހަކަތައް ދެއްކުން ހުއްޓާލުން ނުވަތަ އިގްތިސާދީ ފިޔަވަޅުތައް ދޫކޮށްލުމެއް ނޫނެވެ. ޗައިނާގެ ލީޑަޝިޕުން އަދިވެސް ދަނީ އިސްލާހުތައް ކުރިއަށް ގެންދިއުމުގެ ރޭވުންތައް ހުށަހަޅަމުންނެވެ.

ނަމަވެސް "އިސްލާހު" މި ލަފުޒުގެ މާނަ މިހާރު ވަނީ މުޅިން ބަދަލުވެފަ އެވެ. އެއީ މިހާރު އަމިއްލަ ޒާތުގައި އޮތް ސިޔާސީ އަގަކަށް ނުވަތަ ތާރީޚީ މަރުހަލާއެއްގެ ނަމަކަށް ނުވެ، ޝީ ކަނޑައަޅުއްވާ "އާ ދައުރު" ގެ ލަނޑުދަނޑިތަކަށް ޚިދުމަތްކުރާ ހަތިޔާރަކަށް ވަނީ ބަދަލުވެފަ އެވެ.

ޑެންގްގެ އިސްލާހުތައް ބިނާވެފައި އޮތީ ސިޔާސީ ނުފޫޒުން އިގްތިސާދާއި މުޖުތަމައު މަޑުމަޑުން މިނިވަންކުރުމުގެ މައްޗަށެވެ. އަދި ދުނިޔެއަށް ހުޅުވާލުމާއި، ހުޅަނގުގެ ތަޖުރިބާގެ ބޭނުން ހިފުމަށް ބާރުއެޅި އެވެ. ނަމަވެސް ޝީގެ އިސްލާހުތައް ދަނީ މުޅިން ތަފާތު މިސްރާބަކަށެވެ. އޭނާ އިސްކަންދެއްވަނީ ގައުމީ ސަލާމަތަށާއި، ޕާޓީގެ ލީޑަޝިޕަށާއި، އަމިއްލަ ފައިމައްޗަށް ތެދުވުމަށެވެ. އަދި އިގްތިސާދާއި މުޖުތަމައުގެ މައްޗަށް ޕާޓީގެ ކޮންޓްރޯލް ވަނީ ވަރަށް ބޮޑަށް ވަރުގަދަކުރައްވާފަ އެވެ.

މި ބަދަލުތައް ރަސްމީ ބަސްމަގުންވެސް ފެނެ އެވެ. ކުރީގެ ޝިއާރުތައް ކަމަށްވާ "ވިސްނުން މިނިވަންކުރުން" އަދި "ދުނިޔެއަށް ހުޅުވާލުން" ފަދަ ލަފުޒުތަކުގެ ބަދަލުގައި، މިހާރު ބޭނުންކުރަނީ "ޕާޓީގެ ފުރިހަމަ ލީޑަޝިޕް"، "ސަލާމަތްތެރިކަން"، "ބުރަ މަސައްކަތް"، "އަމިއްލަ ނަފްސަށް ބަރޯސާވުން"، އަދި "އިރުމަތީގެ ކުރިއެރުމާއި ހުޅަނގުގެ ފަހަތަށްޖެހުން" ފަދަ މާނަތަކެވެ.

ޑިންގް ޔުއެން އޭނާގެ މަޒުމޫނު ނިންމާލައްވަމުން ވިދާޅުވީ، ޗައިނާއިން "އިސްލާހު" މި ލަފުޒު ދޫކޮށްނުލި ކަމުގައި ވިޔަސް، އޭގެ މާނަ މުޅިން ބަދަލުކޮށްލައިފި ކަމަށެވެ. އެތައް އަހަރެއް ވަންދެން ވެރިކަންކުރާ ޕާޓީގެ ގާނޫނީ ހައްގުގެ އަސާސްގެ ގޮތުގައި އޮތް އިސްލާހީ ސިޔާސަތު، މިހާރު ވަނީ "އާ ދައުރު" ގެ އިސްކަންދޭ ކަންތައްތަކުގެ ދަށަށް ގެނެސްފަ އެވެ.

ހިއްސާ ކުރައްވާ!