ބޮސްނިޔާ ގައުމީ ޓީމުގެ ކުޅުންތެރިޔާގެ އީމާންތެރި މެސެޖު

ފުޓްބޯޅަ ދަނޑުތަކުން މިސްކިތްތަކުގެ މިންބަރަށް، ބޮސްނިޔާ އެންޑް ހެރްޒެގޮވީނާގެ ގައުމީ ޓީމުގެ ކުޅުންތެރިޔާ އަމާރު ދީދިޗް ވަނީ ގިނަ ބައެއްގެ ސަމާލުކަން އަތުލައިފަ އެވެ. ނަމަވެސް މިފަހަރު ފެހި ދަނޑާ މާ ދުރުންނެވެ. އޮސްޓްރިއާގެ ގްރާޒް ސިޓީގެ މިސްކިތެއްގައި އޭނާ ބަންގިގޮވައި، ދެއްވި ދީނީ މެސެޖެއްގެ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އާންމުވުމާއެކު، ގިނަ ބައެއްގެ ތައުރީފު އޭނާއަށް ދަނީ އޮހެމުންނެވެ.

އެ ވީޑިއޯއިން ފެންނަ ގޮތުގައި ދީދިޗް ވަނީ ނަމާދަށް ރައްކާތެރިވުމާއި މިސްކިތްތައް ބިނާކޮށް ދިރުވުމުގެ މުހިންމުކަމުގެ މައްޗަށް އެތަނަށް އެއްވެފައި ތިބި މީހުންނާ މުޚާތަބުކޮށް ވާހަކަދައްކާފަ އެވެ. އަދި ދިރިއުޅުމުގެ އިމްތިހާނުތަކާއި ކުރިމަތިލާއިރު، މިސްކިތްތަކަށް ގަވާއިދުން ދިޔުމަކީ "ހަމައެކަނި ސަލާމަތުގެ އައްސޭރި" ކަމަށް އޭނާ ފާހަގަކުރިއެވެ.

"މިތަނަށް، މިސްކިތަށް އައުންމަތީ ދެމިތިބޭށެވެ. މިއީ ހަމައެކަނި ސަލާމަތުގެ އައްސޭރިއެވެ. އެންމެ ފަހުން، މި ދުނިޔޭގެ ކޮންމެ އެއްޗަކީވެސް ފަނާވެދަނިވި އެއްޗެކެވެ. ދުނިޔެއަކީ އިމްތިހާނުތަކުން ފުރިގެންވާ ތަނެކެވެ. އަހަރެންގެ ދިރިއުޅުންވެސް ބިނާވެފައި އޮތީ އެގޮތަށެވެ. އަދި އަބަދުވެސް އޮންނާނީ އެގޮތުގައެވެ." ދީދިޗް އޭނާގެ ވާހަކައިގައި ބުންޏެވެ.

މި ޒުވާން ކުޅުންތެރިޔާގެ ވާހަކަތަކަށް ސޯޝަލް މީޑިއާގައި ބޮޑު ތަރުހީބެއް ލިބެމުންދާއިރު، ގިނަ ބަޔަކު ވަނީ އޭނާގެ މަގުބޫލުކަމާއި މަޝްހޫރުކަން ދީނީ އަދި އަޚްލާގީ އަގުތަކެއް ފެތުރުމަށް ބޭނުންކުރުމުން އެކަމަށް ތައުރީފުކޮށްފަ އެވެ. އެކްޓިވިސްޓުން ފާހަގަކުރި ގޮތުގައި ކުޅިވަރުގެ ތަރިން މިފަދަ ދީނީ އަދި އަޚްލާގީ ވާހަކަތައް ދެއްކުމަކީ ދަނޑުން ބޭރުގައިވެސް ޒުވާނުންނަށް ނަމޫނާއަކަށްވެ، އެމީހުންގެ ނުފޫޒު ހެޔޮގޮތުގައި ފޯރުވޭނެ ކަމެކެވެ.

އަދި ބައެއް މީހުން ދެކޭގޮތުގައި ދީދިޗްގެ ވާހަކައިން ހަނދާންކޮށްދެނީ ދިރިއުޅުމުގެ ގޮންޖެހުންތަކާ ކުރިމަތިލާއިރު އީމާންތެރިކަމާއި ކެތްތެރިކަން އިސްކުރުމަށެވެ. އަދި ކާމިޔާބީއާއި މަޝްހޫރުކަމަކީ ކިތަންމެ ބޮޑު އެއްޗަކަށް ވިޔަސް، މާތްالله އާ ކުއްތަންވުމާ ނުލައި އޭގެ އެއްވެސް ބޭނުމެއް ނެތްކަމެވެ.

ބޮސްނިޔާގެ ޒުވާން ތަރި އަމާރު ދީދިޗް އަކީ ޕޯޗުގަލްގެ ބެންފީކާގެ ޑިފެންސްލައިނުގައި އެންމެ މުހިންމު ދައުރެއް އަދާކުރާ އެއް ކުޅުންތެރިޔާ އެވެ. އޭނާ ވަނީ މި ސީޒަނުގައި އޭނާގެ ހުނަރާއި ހަށިގަނޑުގެ ވަރުގަދަކަން ސާބިތުކޮށްދީފަ އެވެ.

ޔޫރަޕްގެ މުބާރާތްތަކާއި ލޯކަލް ލީގުގެ އިތުރުން، އޭނާ ވަނީ 2026 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި ބޮސްނިޔާގެ ގައުމީ ޓީމާއެކު ބައިނަލްއަގުވާމީ ގޮތުން ބޮޑު ކުރިއެރުމެއް ހޯދާފަ އެވެ. އޭނާ ވަނީ ބޮސްނިޔާގެ ޑިފެންސް ވަރުގަދަކޮށްދީ، މުބާރާތުގެ ގަދަ 32 އާ ހަމައަށް އެ ގައުމު ގެންގޮސްދީފަ އެވެ. ބޮސްނިޔާ މުބާރާތުން ކެޓީ އެމެރިކާ އަތުން ބަލިވުމުންނެވެ.

ދީދިޗް އަކީ ޓެކްޓިކަލް ގޮތުން ކޮންމެ މަގާމަކަށްވެސް ހޭނޭ، ޑިފެންސް ކުރުމުގެ އިތުރުން އެޓޭކްތަކުގައިވެސް ބައިވެރިވުމުގެ ފުރިހަމަ ގާބިލްކަން ލިބިފައިވާ، މިހާރުގެ ފުޓްބޯޅަ ދުނިޔޭގައި ފާހަގަކޮށްލެވޭ ވިދުންގަދަ ނަމެކެވެ.

ހިއްސާ ކުރައްވާ!