ދުނިޔޭގެ ނާދިރު މައުދަނުގެ މާކެޓުގެ ބޮޑު ބައެއް ޗައިނާއިން ކޮންޓްރޯލް ކުރި ނަމަވެސް، އެ ގައުމުގެ ބާރުވެރިކަމުގެ ތެރޭގައި އޮތް ބޮޑު ބަލިކަށިކަމެއް ދިރާސާއަކުން ހާމަވެއްޖެއެވެ. އެންމެ ފަހުގެ ހައި-ޓެކް އުފެއްދުންތަކަށް ބޭނުންވާ މުހިންމު އީޖާދީ ޙައްޤުތައް ގިނައިން ހުރީ އެމެރިކާ އާއި ޖަޕާނުގެ އަތުގައި ކަމަށް މި ދިރާސާއިން ދައްކައެވެ.
ހޮންކޮންގުގެ 'ސައުތު ޗައިނާ މޯނިންގ ޕޯސްޓް' އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، ދުނިޔޭގެ ރެއަރ އާރތު ސަޕްލައި ޗެއިންގެ މައިގަނޑު ކޮންޓްރޯލް ޗައިނާގެ އަތުގައި އޮތް ނަމަވެސް، ވަކިވަކި ޓެކްނޮލޮޖީގެ ދާއިރާތަކުން އެންމެ ކުރިއަރާފައިވާ މުހިންމު އީޖާދުތައް މާސްޓަރ ކުރުމުގައި ޗައިނާއަށް އަދި ކުރިހޯދިފައެއް ނުވެއެވެ.
ދުނިޔޭގެ ރެއަރ އާރތު މައުދަންތައް ކޮނުމުގެ 70 އިންސައްތަ އަދި އެ ތަކެތި ސާފުކޮށް ޕްރޮސެސް ކުރުމުގެ 90 އިންސައްތަ ކެޕޭސިޓީ އޮތީ ޗައިނާގައެވެ. މި ބާރުވެރިކަމުގެ ބޭނުން ހިފައިގެން، އެމެރިކާއާއެކު އޮންނަ ވިޔަފާރީގެ ވާދަވެރިކަމުގައި ބެއިޖިންގްއިން ފާއިތުވި އަހަރުތަކުގައި ބައެއް މައުދަންތައް އެކްސްޕޯޓް ކުރުން ހަރުކަށިކުރިއެވެ. މީގެ ސަބަބުން އިންޑިއާ، ޖަޕާން އަދި ޔޫރަޕްގެ ސަޕްލައި ޗެއިންތަކަށް ބޮޑެތި ބުރޫތަކެއް އެރިއެވެ.
މި މައުދަންތަކަކީ ހަނގުރާމަމަތީ ބޯޓުތަކާއި، މިސައިލް، ރާޑަރު، ސްމާޓްފޯން އަދި ސެޓެލައިޓް ފަދަ ޒަމާނީ އަސްކަރީ އަދި މަދަނީ އާލަތްތައް އުފެއްދުމަށް ކޮންމެހެން ބޭނުންތެރި އެއްޗެހިތަކެކެވެ.
ދިރާސާގެ މައިގަނޑު ހޯދުން: ރެއަރ އާރތު ސާފުކޮށްގެން އުފައްދާ މެގްނެޓް، ކެޓަލިސްޓް، އަދި ޕޮލިޝިންގް މެޓީރިއަލްސް ފަދަ އުފެއްދުންތަކަކީ މި ސިނާއަތުގައި އެންމެ ވިޔަފާރީގެ ފައިދާ ބޮޑު އުފެއްދުންތަކެވެ. ދުނިޔޭގެ މިފަދަ ޕޭޓަންޓްތަކުގެ 80 އިންސައްތަ ހިއްސާކުރަނީ މިފަހުގެ މަރުހަލާގެ އުފެއްދުންތަކެވެ.
މި ދާއިރާއިން ޖަޕާނުން ދާއިމީ މެގްނެޓް އުފެއްދުމުގެ ޓެކްނޮލޮޖީގައި ދުނިޔޭގެ ލީޑް ނަގާފައިވާއިރު، އެމެރިކާއިން ދަނީ ކެޓަލިސްޓް އަދި ލުމިނެސެންޓް މެޓީރިއަލްސްގެ ކޯރ ޓެކްނޮލޮޖީތަކުގައި ކުރިހޯދަމުންނެވެ. ޗައިނާއަށް ބާރު އޮތީ މަދު ޓެކްނޮލޮޖީއެއްގައެވެ.
ދިރާސާކުރި ފަރާތްތަކުން ބުނާގޮތުގައި ޗައިނާއިން ގިނަ އަދަދަކަށް ޕޭޓަންޓްތަކަށް ފައިލްކުރި ނަމަވެސް، އޭގެ ތެރެއިން ބައިނަލްއަޤްވާމީ ބާޒާރުގައި ނުފޫޒުގަދަ، މަތީ އަގުހުރި ޕޭޓަންޓްތަކަށް ވަނީ ވަރަށް މަދު މިންވަރެކެވެ. އަދި ޗައިނާގެ ޔުނިވަރސިޓީތަކާއި، ސިނާއަތްތަކާއި، އިންޓެލެކްޗުއަލް ޕްރޮޕަޓީ މެނޭޖްމަންޓާ ދެމެދު އޮތް ގުޅުން ބަލިކަށިވުމަކީވެސް މި ފަރަގު އުފެދެން ދިމާވި ސަބަބެކެވެ.
މިކަން ހައްލުކުރުމަށްޓަކައި، ޗައިނާގެ ސިނާއަތްތަކާއި އެކަޑެމީތައް ގުޅިގެން، މަތީ އަގުގެ ރެއަރ އާރތު ޓެކްނޮލޮޖީތަކަށް ޚާއްޞަ ދިރާސާތަކެއް ކުރުމަށް ސައިންސްވެރިން ވަނީ ގޮވާލާފައެވެ.





