ޕީއެންސީގެ އެތެރޭގެ އިންތިޚާބު: ދެފުށްފެންނަ ޑިމޮކްރެޓިކް ނިޒާމެއްގެ ތެރެއިން ޕާޓީގެ އިތުބާރު ކަށަވަރުކޮށްފި

ރާއްޖޭގެ ސިޔާސީ މަސްރަހުގައި އެންމެ ހަލުވިކަމާއެކު ކުރިއަރަމުން އަންނަ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އިން މިއަދު ބާއްވަމުންދާ އެތެރޭގެ އިންތިޚާބަކީ އެ ޕާޓީގެ ހިންގުން ހަރުދަނާކޮށް، ދެފުށްފެންނަ ނިޒާމެއްގެ ތެރެއިން މެންބަރުންގެ އިތުބާރު ކަށަވަރުކުރުމަށް އެޅުނު އެންމެ މުހިންމު ފިޔަވަޅުކަމަށް ޕީއެންސީގެ ޕާލިމަންޓްރީ ގުރޫޕުގެ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާޙް ވިދާޅުވެއްޖެއެވެ.

ރެކޯޑު އަދަދެއްގެ މެންބަރުން

އެމްއެމްޓީވީން ގެނެސްދިން ޚާއްސަ ކަވަރޭޖެއްގައި ވާހަކަފުޅު ދައްކަވަމުން ފަލާޙް ވިދާޅުވީ، ޕީއެންސީގެ އުމުރު ކުރު ނަމަވެސް، މިހާރު ވެސް 69،000 އަށްވުރެ ގިނަ މެންބަރުން އެ ޕާޓީގައި އެބަތިބި ކަމަށެވެ. މިއީ އިދިކޮޅު އެމްޑީޕީގައި ތިބި މެންބަރުންގެ އަދަދަށްވުރެ 20،000 އަށްވުރެ ގިނަ މެންބަރުންގެ އިތުރުވުމެއްކަން ފާހަގަކުރައްވައި، މެންބަރުންގެ މި އިތުރުވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސިޔާސަތުތަކާއި ވެރިކަމުގެ ބަދަލުތަކަށް ރައްޔިތުން ދޭ އިތުބާރުގެ ވަރުގަދަ ހެއްކެއް ކަމަށް އޭނާ ސިފަކުރެއްވިއެވެ.

ދެފުށްފެންނަ ޑިމޮކްރެޓިކް ވާދަވެރިކަން

"ޕާޓީގެ އެތެރެ ހިނގަމުންދަނީ ވަރަށް ދެފުށް ފެންނަ ގޮތަކަށް. ކެންޑިޑޭޓުންނަށް ވެސް ހަމަހަމަކަމާއެކު ވާދަކުރުމުގެ ފުރުސަތުދީ ވަކި މީހެއްގެ ނުފޫޒުން ވަކި ކަމެއް ނުވާނެގޮތަކަށް އެއްވެސް ކަމެއް ބައްޓަން ނުވެ، ޒުވާނުންނަށް ވެސް އިސްކަންދޭ ޕާޓީއެއް. ޕާޓީގެ އިސް މަގާމުތަކަށް ޒުވާނުން އައުމުގެ ފުރުސަތު ހުޅުވާލާފައި އޮތް ޕާޓީއެއް، މިއީ ޕާޓީއެއްގެ އެތެރޭގައި މިހާތަނަށް ބޭއްވޭނެ އެންމެ ބިޔަ ބޮޑު އިންތިޚާބު." މިއަދުގެ އިންތިޚާބާ ގުޅޭގޮތުން ފަލާޙް ވިދާޅުވީ،

ރާއްޖޭގެ އެހެން ބައެއް ސިޔާސީ ޕާޓީތައް ހީނަރުވެ، އުވާލަން ޖެހޭ ހިސާބަށް ދަނީ ވެސް ދެފުށްފެންނަ ގޮތަކަށް ކަންކަން ނުކޮށް، ނުފޫޒު ފޯރުވާތީ ކަމަށް ފަލާޙް ތުހުމަތު ކުރެއްވިއެވެ. އެފަދަ ޕާޓީތަކުން ހަގީގީ ސިޔާސީ މަސައްކަތް ނުކުރާކަމަށާއި، ޕީއެންސީގައި އެންމެންނަށް ވެސް ވާދަކޮށްގެން މަގާމުތަކަށް އައުމުގެ ފުރުސަތު ފަހިވެފައި އޮތުމަކީ ރައްޔިތުންގެ ޝައުގުވެރިކަން އެ ޕާޓީއަށް ބޮޑުވި ސަބަބު ކަމަށް އޭނާ ވިދާޅުވިއެވެ.

އިންތިޚާބުގެ ބިޔަ އޮޕަރޭޝަން

މިއަދުގެ އިންތިޚާބުގައި 40،000 މެންބަރުންނަށް ވޯޓުލުމުގެ ހައްގު ލިބިފައިވާއިރު، 131 ރަށުގައި ވޯޓު ފޮށިތައް ބަހައްޓައިގެން ކުރިއަށްދާ މި އިންތިޚާބުގައި 2،000 އަށްވުރެ ގިނަ މަގާމަށް މީހުން އިންތިޚާބު ކުރެވިގެންދާނެއެވެ. މިއީ ރާއްޖޭގެ ޕާޓީއެއްގެ އެތެރޭގެ އެންމެ ގިނަ މަގާމަށް މީހުން އިންތިޚާބު ކުރުމަށް ބާއްވާ އިންތިޚާބެވެ.

އިންތިޚާބުގެ ކަންކަން ބައްލަވައިލެއްވުމަށް، ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފާއި، ޕާޓީގެ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ އާއި ޕާޓީގެ ޕާލިމަންޓްރީ ގުރޫޕުގެ ލީޑަރު އިބްރާހީމް ފަލާޙް ހިމެނޭހެން ޕާޓީގެ އިސްވެރިން ވޯޓުލާ މަރުކަޒުތަކަށް ޒިޔާރަތްކުރައްވާފައިވެއެވެ.

ކުރިއަށް އޮތް ކޮންގްރެސް

ސިޔާސީ ޕާޓީތައް ވަރުގަދަވުމަކީ ގައުމުގެ ހިންގުން ވަރުގަދަވުން ކަމަށް ފަލާޙް ވިދާޅުވިއެވެ. ރައްޔިތުން އެދޭ ބަދަލުތައް ގެނެސްދޭނެ ހަމައެކަނި ޕާޓީއަކީ ޕީއެންސީކަން ފާހަގަކުރައްވައި، މިއަދުގެ އިންތިޚާބަކީ އަންނަ އޮކްޓޯބަރު މަހު ބާއްވާ ޕާޓީގެ ކޮންގްރެސްއަށް ތައްޔާރުވުމުގެ ގޮތުން ޕާޓީގެ އެތެރޭގެ އިންތިޒާމުތައް ފުރިހަމަކުރުމަށް އަޅާ އެންމެ މުހިންމު ފިޔަވަޅުކަމަށް ޕާޓީގެ ލީޑާޝިޕުން ބުނެއެވެ.

މި އިންތިޚާބުގައި ސްޓިއަރިން ކޮމިޓީތަކުގެ ރައީސުންނާއި ނައިބުރައީސުންނާއި މެންބަރުންގެ އިތުރުން، ދާއިރާތަކުގެ ރައީސުންނާއި ނައިބުރައީސުން އިންތިޚާބުކުރުމަށް ވަނީ ހަމަޖެހިފައެވެ.

ހިއްސާ ކުރައްވާ!