އެންޑީ ބާންހަމް އިނގިރޭސިވިލާތުގެ ލޭބަރ ޕާޓީގެ ލީޑަރުކަމާ ހަވާލުވެވަޑައިގަންނަވާނެކަން ކަށަވަރުވެއްޖެއެވެ. "ދަ ގާޑިއަން" ނޫހުން ރިޕޯޓުކުރާ ގޮތުގައި، ޕާޓީގެ މެމްބަރުންގެ ބޮޑު ތާއީދެއް އޭނާއަށް ލިބިފައިވުމުން، ޕާޓީގެ ލީޑަރުކަމަށް ވާދަކުރުމުގެ ޝަރުތު ފުރިހަމަކުރެވޭ ހަމައެކަނި ކެންޑިޑޭޓަކީ އޭނާއެވެ. މިއީ ޕާޓީގެ ލީޑަރުކަމާ ރަސްމީކޮށް ހަވާލުވެވަޑައިގެން، އެއަށްފަހު ބޮޑުވަޒީރުކަމާ ހަވާލުވެވަޑައިގަތުމަށް އަޅާ ފިޔަވަޅެކެވެ.
ހޯމަ ދުވަހު ޕާޓީގެ މެމްބަރުންގެ އިތުރު 27 ނޮމިނޭޝަނެއް ލިބުމާއެކު، އޭނާއަށް ލިބުނު ޖުމްލަ ނޮމިނޭޝަންގެ އަދަދު 349 އަށް ވަނީ އަރާފައެވެ.
މިދިޔަ ހަފުތާގައި ލިބުނު 322 ނޮމިނޭޝަނާއެކު މި ލިބުނު އިތުރު ތާއީދުގެ ސަބަބުން، ޕާޓީގެ ލީޑަރުކަމަށް ވާދަކުރުމަށް ބޭނުންވާ އެންމެ މަދު އަދަދު ކަމަށްވާ 81 ނޮމިނޭޝަން ހޯދުމުގެ ފުރުސަތު އެހެން އެއްވެސް ކެންޑިޑޭޓަކަށް މިހާރު ވަނީ ބަންދުވެފައެވެ.
މިދިޔަ ހަފުތާގައި ލޭބަރ ޕާޓީގެ މެމްބަރުންގެ 80 ޕަސެންޓް ބޭފުޅުން އޭނާއަށް ތާއީދުކުރެއްވި އިރު، ހޯމަ ދުވަހު ލިބުނު އިތުރު ތާއީދުތަކާއެކު އޭނާގެ ކާމިޔާބީ ވަނީ ކަށަވަރުވެފައެވެ. އޭގެ ތެރޭގައި ކީރް ސްޓާމާގެ އެންމެ އަރިސް ބޭފުޅެއް ކަމަށްވާ ކޮމިއުނިޓީސް މިނިސްޓަރު ސްޓީވް ރީޑްގެ ތާއީދުވެސް ހިމެނެއެވެ.
ރީޑަކީ މިދިޔަ ހަފުތާގައި ބާންހަމަށް ނޮމިނޭޝަން ނުދެއްވި ކެބިނެޓްގެ ހަމައެކަނި މެމްބަރެވެ. އުސޫލެއްގެ ގޮތުން ލޭބަރ ޕާޓީގެ ނޭޝަނަލް އެގްޒެކެޓިވް ކޮމިޓީގެ ރައީސް ޝަބާނާ މަހްމޫދު އާއި ޕާޓީގެ ރައީސް އާނާ ޓޯލީ، އެއްވެސް ކެންޑިޑޭޓަކަށް ތާއީދެއް ނުކުރައްވައެވެ. ހަމައެފަދައިން، ޕާޓީގެ ލީޑަރުކަމުން ވަކިވެވަޑައިގަންނަވާ ކީރް ސްޓާމާ ވެސް އުސޫލުގެ ގޮތުން މި ޕްރޮސެސްގައި ބައިވެރިއެއް ނުވެއެވެ.
ސްޓާމާގެ ފަހުން ލީޑަރުކަމަށް ވަޑައިގަންނަވާ ހަމައެކަނި ކެންޑިޑޭޓުގެ ހައިސިއްޔަތުން، އަންނަ ހުކުރު ދުވަހު ބާއްވާ ޕާޓީގެ ޚާއްސަ ކޮންފަރެންސްގައި ބާންހަމް ލޭބަރ ޕާޓީގެ ލީޑަރުކަމާ ރަސްމީކޮށް ހަވާލުވެވަޑައިގަންނަވާނެއެވެ. އަދި ޖުލައި 20 ވަނަ ދުވަހު އޭނާ އިނގިރޭސިވިލާތުގެ ބޮޑުވަޒީރުކަމުގެ ހުވާކުރައްވާނެއެވެ.
ބާންހަމް އުފަންވެވަޑައިގަތީ 1970 ވަނަ އަހަރު ލިވަޕޫލްގައެވެ. އޭނާގެ ބައްޕައަކީ ފޯނު އިންޖިނިއަރެކެވެ، އަދި މަންމައަކީ ކްލިނިކެއްގެ ރިސެޕްޝަނިސްޓެކެވެ. އޭނާ ބޮޑުފުޅުވީ ޗެޝަޔާގެ ކޯލްޗެތު އަވަށުގައެވެ.
އޭނާއަކީ އަޔަލެންޑުގެ ދަރިކޮޅުގެ ބޭފުޅެކެވެ. ސެއިންޓް އައިލްރެޑް ކެތޮލިކް ހައި ސްކޫލުން ތައުލީމު ހާސިލުކުރެއްވުމަށްފަހު، ކޭމްބްރިޖް ޔުނިވަރސިޓީން އިނގިރޭސި ބަހުގެ ދާއިރާއިން ކިޔަވައިވިދާޅުވިއެވެ. ކިޔަވައި ނިމުމަށްފަހު ސިޔާސީ މަގުން ކުރިއަރަމުން އައިސް، އެންމެ ފުރަތަމަ މަސައްކަތްކުރެއްވީ އެމްޕީ ޓެސާ ޖޮވެލްގެ ދަށުންނެވެ. އެއަށްފަހު އޭރުގެ ކަލްޗަރ މިނިސްޓަރު ކްރިސް ސްމިތުގެ އެޑްވައިޒަރަކަށް މަސައްކަތްކުރެއްވިއެވެ.
ކޭމްބްރިޖްގައި އުޅުއްވި ދުވަސްވަރު ނެދަލެންޑްސްއަށް އުފަން މެރީ-ފްރާންސް ވެން ހެލްއާ ބައްދަލުވެ، ފަހުން އެ ދެ ބޭފުޅުން ކައިވެނިކުރެއްވިއެވެ. އެ ދެ ބޭފުޅުންނަށް ތިން ކުދިން ލިބިފައިވެއެވެ.
2001 ވަނަ އަހަރު ލީ ނޯތު ދާއިރާއިން އެމްޕީއަކަށް އިންތިޚާބުވެވަޑައިގަތުމަށްފަހު، ޓޯނީ ބްލެއާގެ ވެރިކަމުގައި ލޭބަރ ޕާޓީގެ ސަރުކާރުގެ އެކި ވުޒާރާތަކުގައި އޭނާ ޚިދުމަތްކުރެއްވިއެވެ.
ޖޯޑަން ބްރައުންގެ ވެރިކަމުގައި ބާންހަމް ކެބިނެޓަށް ކުރިއަރައި، ޗީފް ސެކްރެޓަރީ ޓު ދަ ޓްރެޝަރީގެ މަގާމާއި، ކަލްޗަރ، މީޑިއާ އެންޑް ސްޕޯޓްސް މިނިސްޓަރުގެ މަގާމު އަދާކުރެއްވިއެވެ. އެއަށްފަހު ހެލްތު މިނިސްޓަރުގެ މަގާމުވެސް ފުރުއްވިއެވެ.




