ގަތަރުގެ ކުރީގެ އަމީރު ޝައިޚް ޙަމަދު ބިން ޚަލީފާ އާލަޘާނީ އަވަހާރަވުމާ ގުޅިގެން، އެ ގައުމުގެ ޝާހީ އާއިލާއަށް ތައުޒިޔާ ދެންނެވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގަތަރަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު އެނބުރި މާލެ ވަޑައިގެންފައެވެ.
މި ދަތުރުފުޅުގެ ތެރެއިން، ގަތަރުގެ އަމީރު، ޝައިހު ތަމީމް ބިން ހަމަދު އާލަސާނީއާ ރައީސް ޑރ މުޙައްމަދު މުޢިއްޒުބައްދަލު ކުރައްވައި ތައުޒިޔާ ދެންނެވި އެވެ.
ގަތަރުގެ ވެރިރަށް ދޯހާގައި ހުންނަ ލޫސައިލް ގަނޑުވަރުގައި ކުރިއަށްގެންދެވި މި ބައްދަލުވުމުގައި ރައީސް މުއިއްޒު ވަނީ، ގަތަރުގެ ކުރީގެ އަމީރު، ޝައިހު ހަމަދު ބިން ހަލީފާ އާލް ސާނީ އަވަހާރަވުމާ ގުޅިގެން، ދިވެހި ރައްޔިތުންގެ ނަމުގައްޔާއި އެމަނިކުފާނުގެ އަމިއްލަފުޅު ނަންފުޅުގައި ތައުޒިޔާ ވިދާޅުވެފަ އެވެ.
މީގެ އިތުރުން ދެ ބޭފުޅުންވަނީ، ދެ ގައުމުގެ ދެމެދުގައި އޮންނަ އުހުއްވަތްތެރި ގުޅުމާ މެދު މަޝްވަރާކުރައްވައި، އެ ބަދަހި ގުޅުން އިތުރަށް ހަރުދަނާކުރުމުގެ އަޒުމު ދެ ގައުމުން ހިއްސާކުރާކަން ހާމަކުރައްވާފަ އެވެ.
ރައީސްގެ މި ދަތުރުފުޅަކީ، ގަތަރުގެ ކުރީގެ އަމީރު ރާއްޖެއަށް ދެއްވާފައިވާ ފާހަގަކޮށްލެވޭފަދަ ދީލަތި އެހީތެރިކަމާއި އެއްބާރުލުން ރަމްޒުކޮށްދޭ ދަތުރުފުޅެކެވެ.
ގަތަރުގެ ކުރީގެ އަމީރު، ޝައިހު ހަމަދު ބިން ހަލީފާ އާލަސާނީ ވަނީ ދެ ގައުމުގެ ގުޅުން ބަދަހިކުރެއްވުމުގައި މުހިންމު ދައުރެއް އަދާކުރައްވާފަ އެވެ. މީގެ ތެރޭގައި، ގަތަރު އެއާވޭޒް ރާއްޖެއަށް އޮޕަރޭޓްކުރަން ފެށުމާއި، ހައްދުންމަތީގައި ހަމަދު ބިން ހަލީފާ އަލަސާނީ ސްކޫލު ގާއިމުކުރުމާއި، ހުޅުމާލޭގައި މަސްޖިދުއްޝައިޚް ޤާސިމް ބިން ޢަލަސާނީ ބިނާކުރުން ހިމެނެ އެވެ.







