ޚާން ޔޫނިސްގެ ދެކުނުގައިވާ "އަލްމަވާސީ" ސަރަހައްދުގެ ރެފިއުޖީ ކެމްޕެއްގައި ހުރި ފޭލިގެއެއްގެ ތެރޭގައި، ނާދިޔާ އޭނާގެ ތިން ދަރިންނާއެކު ވަރަށް ކެތްތެރިކަމާއެކު ދުވަސްތައް ގުނަމުންދަނީ، ޣައްޒާގެ ހޮސްޕިޓަލްތަކަށް ބާރުގަދަ ބޮން އެޅުންތަކަށްފަހު ހިންގި ހައްޔަރުކުރުމުގެ ކެމްޕޭނެއްގެ ތެރެއިން އިސްރާއީލުގެ ޖަލުތަކަށް ލާފައިވާ އޭނާގެ ފިރިމީހާ، ޑޮކްޓަރ ޙަސަން އަލްމުޤައްޔަދު މިނިވަންވާނެ ދުވަހަކަށެވެ.
ނާދިޔާއަށް އޭނާގެ ފިރިމީހާ އެންމެ ފަހުން ފެނުނީ 2024 ވަނަ އަހަރުގެ އޮކްޓޯބަރު މަހު، ކަމާލް އަދުވާން ހޮސްޕިޓަލުންނެވެ. އެއީ އޭނާ ލޭހޮޅިތަކުގެ ސާޖަރީ ޑޮކްޓަރެއްގެ ގޮތުގައި މަސައްކަތް ކުރަމުންދިޔަ ހޮސްޕިޓަލެވެ. އިސްރާއީލުގެ ޙިޞާރުގެ ތެރޭގައިވެސް އޭނާ އެންމެ ފަހު ވަގުތާ ހަމައަށް އެ ހޮސްޕިޓަލުގައި ޚިދުމަތް ކުރުމުގައި ދެމިހުއްޓެވެ.
ޑޮކްޓަރ ޙަސަން އަލްމުޤައްޔަދަކީ މިހާރު އިސްރާއީލުގެ ޖަލުތަކުގައި ވަގަށް ނަގާފައި ތިބި ޣައްޒާގެ 15 ޑޮކްޓަރުންގެ ތެރެއިން އެކެކެވެ. މީގެ ތެރެއިން އެންމެ ފާހަގަކޮށްލެވެނީ ކަމާލް އަދުވާން ހޮސްޕިޓަލުގެ ޑިރެކްޓަރ ޙުސާމް އަބޫ ޞަފިއްޔާއެވެ.
ދައުވާއަކާ ނުލައި ހައްޔަރުކުރުން
ޑޮކްޓަރ ޙުސާމް އަބޫ ޞަފިއްޔާއަކީ، އިސްރާއީލު ސިފައިން ހޮސްޕިޓަލް ހުސްކުރުމަށް މަޖުބޫރުކޮށް އަމުރު ނެރުމުންވެސް، އެ ހޮސްޕިޓަލުގައި ފަރުވާ ހޯދަމުންދިޔަ ތުއްތު އެތައް ކުދިންނެއް ދޫކޮށްލާފައި ދިއުމަށް ދެކޮޅު ހެއްދެވި ޑޮކްޓަރުންގެ ތެރެއިން އެކަކެވެ.
ޖެނޮސައިޑް ސިފައިން ޓޭންކުތަކާއެކު ހޮސްޕިޓަލަށް ވަދެގަނެ، އާއިލާތަކަށް އެތަން ދޫކޮށް ދިއުމަށް އެންގިއެވެ. ޑޮކްޓަރ ޙަސަންގެ އަންހެނުން ބުނިގޮތުގައި، ސިފައިން ޑޮކްޓަރުންނަށް އެއްވެސް ގޯނާއެއް ނުކުރާނެ ކަމަށް ވައުދުވިއެވެ. ނަމަވެސް އެމީހުން އެ ވައުދާ ޚިލާފުވިއެވެ. އެރެއަކީ އޭނާއަށް ފިރިމީހާ ފެނުނު އެންމެ ފަހު ރެއެވެ.
އިސްރާއީލުގެ ޖަމްޢިއްޔާއެއް ކަމަށްވާ "އޮގަނައިޒޭޝަން އޮފް ޑޮކްޓާސް ފޯ ހިއުމަން ރައިޓްސް" ގެ މެންބަރެއް ކަމަށްވާ ނާޖީ ޢައްބާސް ބުނިގޮތުގައި، ޑޮކްޓަރ ޙަސަން ހައްޔަރުކޮށްފައިވަނީ 25 އޮކްޓޯބަރު 2024 ގައެވެ. އެއީ ޑޮކްޓަރ އަބޫ ޞަފިއްޔާ ހައްޔަރުކުރުމުގެ ދެ މަސް ކުރިންނެވެ.
އިސްރާއީލުގެ ޤާނޫނެއްގެ ދަށުން "ޣައިރު ޤާނޫނީ ހަނގުރާމަވެރިން" ގެ ގޮތުގައި ކަނޑައަޅާ މީހުން މުއްދަތެއް ނެތްގޮތަށް ހައްޔަރުކޮށްފައި ބޭތިއްބުމުގެ ބާރު ޔަހޫދީންނަށް ލިބިދެއެވެ. ނަމަވެސް ޢައްބާސް ފާހަގަކުރި ގޮތުގައި މިފަދަ މާއްދާއެއް ބައިނަލްއަޤުވާމީ ޤާނޫނުތަކުގައި ވުޖޫދަކު ނެތެވެ.
އެހެންނަމަވެސް، ޑޮކްޓަރ އަބޫ ޞަފިއްޔާ މިހާރު ވަނީ އިސްރާއީލުގެ ޖަލުތަކުގައި 18 މަހަށްވުރެ ގިނަ ދުވަސް ހޭދަކޮށްފައެވެ. އޭނާގެ ވަކީލުންނާއި އިންސާނީ ޙައްޤުތަކަށް މަސައްކަތްކުރާ ޖަމްޢިއްޔާތަކުން ބުނާގޮތުގައި، އޭނާއަށް ވަރަށް ބޮޑަށް އަނިޔާކޮށް، ލާއިންސާނީ އަމަލުތައް ހިންގާފައިވާ ކަމުގެ އިތުބާރު ހުރި ރިޕޯޓްތައް ލިބިފައިވާތީ، އޭނާގެ ފުރާނައަށް ވަނީ ނުރައްކާވެފައެވެ.
އަނެއްކޮޅުން، ޑޮކްޓަރ ޙަސަން އަލްމުޤައްޔަދު ވަނީ އެއްވެސް ދައުވާއަކާ ނުލައި ވަގަށް ނަގައި އިސްރާއީލުގެ ބަންދުގައި ގާތްގަނޑަކަށް 21 މަސް ހޭދަކޮށްފައެވެ. ފުރަތަމަ އޭނާ ގެންދެވުނީ ނަންހުތުރު އަނިޔާކުރުމަށް މަޝްހޫރު "ސިދޭ ތީމާން" ޑިޓެންޝަން ކެމްޕަށެވެ. އެތަނުގައި 7 މަސް ވަންދެން ބެހެއްޓިއިރު، އޭނާގެ ބައްޕަ ނިޔާވިކަންވެސް އޭނާއަށް އެނގިފައިނުވާ ކަމަށް އޭނާގެ އަންހެނުން ބުންޏެވެ.
ނާޖީ ޢައްބާސް ބާރުއަޅައި ވިދާޅުވި ގޮތުގައި، ކަމާލް އަދުވާން ހޮސްޕިޓަލަށް ދެވުނު ހަމަލާތަކަކީ ޣައްޒާގެ ހޮސްޕިޓަލްތައް ނައްތާލައި، ފަލަސްޠީނުގެ ރައްޔިތުން އެ ބިމުން ބޭރުކޮށްލުމަށް އިސްރާއީލުން ރާވައިގެން ހިންގާ ނިޒާމީ މަސައްކަތްތަކުގެ ބައެކެވެ.




