އީރާނާއި އެމެރިކާއާ ދެމެދު އަލުން ކުރިމަތިލުންތައް ފެށުމާއެކު، ޖޯޑަން މިވަނީ މި ހަމަނުޖެހުންތަކުގެ މެދުތެރެއަށް ވެއްޓިފައެވެ. ފާއިތުވި ދުވަސްތަކުގައި ޖޯޑަންގެ ބިމަށް އީރާނުން ވަނީ ފުލުފުލުގައި މިސައިލްތަކެއް ފޮނުވާފައެވެ. އޭގެ ތެރޭގައި ބެލިސްޓިކް މިސައިލްތައް ވެސް ހިމެނެއެވެ. މިކަމުގެ ސަބަބުން ޖޯޑަންގެ އަސްކަރީ އަދި ސަލާމަތީ އިދާރާތަކުން ވަނީ އެލާޓް މަތިކޮށްފައެވެ. އަދި ޖޯޑަންގައި އެމެރިކާގެ ސިފައިން ތިބޭ ގޮތާމެދު އަލުން ބަހުސްތައް ފެށި، އީރާނުން މި ހަމަލާތަކުގެ ޒަރީއާއިން ދޭން އުޅޭ މެސެޖުތަކާމެދު ސުވާލު އުފެދިއްޖެއެވެ.
އީރާނުގެ އިންޤިލާބީ ލަޝްކަރުގެ ބަޔާންތަކުގައި ހިމެނެީ ހަމައެކަނި އަސްކަރީ ވާހަކަތަކެއް ނޫނެވެ؛ އެމީހުން ވަނީ ޖޯޑަންގެ ރައްޔިތުންނާ މުޚާޠަބުކޮށް، އެމެރިކާގެ ސިފައިން ތިބުމާ ދެކޮޅަށް ތެދުވުމަށް ގޮވާލާފައެވެ. ޢައްމާނުން މިކަން ސިފަކުރީ "ފިތުނަ އުފެއްދުމުގެ" އަމަލެއްގެ ގޮތުގައެވެ. އަދި އީރާނަށް ހަމަލާދިނުމަށް ޖޯޑަންގެ ބިން ބޭނުންކުރާ ކަމަށް އީރާނުން ކުރާ ތުހުމަތުތައް ޖޯޑަން ވަނީ ދޮގުކޮށްފައެވެ.
ޖޯޑަންގެ އޮފިޝަލަކު ވިދާޅުވީ، އީރާނުގެ މި ހަމަލާތަކަކީ ޖޯޑަންގެ ސިޔާދަތަށް ދިން ސީދާ ހަމަލާއެއް ކަމަށެވެ. އަދި އެހެން ގައުމަކަށް ހަމަލާދިނުމަށް ޖޯޑަންގެ ބިން ބޭނުންކުރަން ދުވަހަކުވެސް ފުރުސަތު ނުދޭނެ ކަމަށާއި، ޖޯޑަންގެ ސިފައިންގެ ވާޖިބަކީ ގައުމުގެ ވައިގެ ސަރަހައްދު ހިމާޔަތްކުރުން ކަމަށް އޭނާ ވިދާޅުވިއެވެ.
ޖޯޑަންގައި އެމެރިކާގެ އަސްކަރީ މަރުކަޒުތައް ހުރޭތަ؟
އީރާނުން ބުނާ ވާހަކަތަކާ ޚިލާފަށް، ޖޯޑަން ސަރުކާރުން ކަށަވަރުކޮށްދެނީ އެ ގައުމުގައި އެމެރިކާގެ މިނިވަން އަސްކަރީ މަރުކަޒުތަކެއް ނެތް ކަމަށެވެ. އެމެރިކާ ސިފައިން ތިބެނީ އަސްކަރީ އެއްބާރުލުން ދިނުމުގެ އެއްބަސްވުންތަކެއްގެ ދަށުން، ޖޯޑަންގެ ސިޔާދަތުގެ ދަށުންނެވެ.
ޖޯޑަންގެ ޚާރިޖީ ވަޒީރު އައިމަން ސަފާދީ ތަކުރާރުކޮށް ވިދާޅުވެފައިވަނީ، "އަސްކަރީ މަރުކަޒު"ގެ މާނައަކީ އެ ގައުމަކުން މިނިވަންކަމާއެކު އެތަނެއް ހިންގުން ކަމަށެވެ. އެއީ ޖޯޑަންގައި އޮތް ކަމެއް ނޫނެވެ. ޖޯޑަންގެ އޮފިޝަލަކު ވިދާޅުވީ، އީރާނުން ބުނާ "ޝަހީދު މުވައްފަޤް ސަލްޠީ" ވައިގެ މަރުކަޒަކީ ފުރިހަމަ ޖޯޑަންގެ މަރުކަޒެއް ކަމަށެވެ. އެތަނުގައި ހުންނާނީ ހަމައެކަނި ޖޯޑަންގެ ދިދައެވެ. އެމެރިކާގެ ފަރާތުން ތިބެނީ ފަންނީ މަސައްކަތްތަކަށް ހާއްސަ މަދު ބަޔަކު ކަމަށާއި، އެމީހުންނަށް އެއްވެސް ސިޔާދަތީ ބާރެއް ނޯންނާނެ ކަމަށް ވިދާޅުވިއެވެ.
މިހެން ޖޯޑަން ބުނި ނަމަވެސް އެތަނުން އެމެރިކާ ބޯޓުތަކަށް ތެޔޮ އަޅައި ދިނުމާއި ފުރުވުން ފަދަ ކަންކަން ކުރެއެވެ.
ދިފާއީ އެއްބާރުލުމުގެ އެއްބަސްވުން
2021 ވަނަ އަހަރު ޖޯޑަން އާއި އެމެރިކާއާ ދެމެދު ސޮއިކުރެވުނު ދިފާއީ އެއްބާރުލުމުގެ އެއްބަސްވުމުގެ ދަށުން، ތަމްރީނުތަކާއި، ލޮޖިސްޓިކް ސަޕޯޓް އަދި ކުއްލި ހާލަތްތަކުގައި އެމެރިކާ ސިފައިންނަށް ޖޯޑަންގެ ބައެއް ތަންތަން ބޭނުންކުރެވޭނެއެވެ. ޖޫން 2024 ގައި އެމެރިކާގެ ކުރީގެ ރައީސް ޖޯ ބައިޑަންގެ އިދާރާއިން ކޮންގްރެސްއަށް ފޮނުވި ސިޓީއެއްގައިވާ ގޮތުން، ޖޯޑަންގައި ތިބި އެމެރިކާ ސިފައިންގެ އަދަދަކީ 3813 އެވެ. މިއީ ދާއިމީކޮށް ތިބޭ ބައެއް ނޫން ކަމަށާއި، މި އަދަދު ބަދަލުވަމުންދާނެ ކަމަށް ޖޯޑަންގެ އޮފިޝަލުން ބުނެއެވެ.
ޖޯޑަން ފަހަނައަޅައި ދާ މެސެޖުތައް
ޖޯޑަންގެ ކުރީގެ ނެޝަނަލް ކްރައިސިސް މެނޭޖްމަންޓް ސެންޓަރުގެ ވެރިޔާ ރިޓަޔާޑް މޭޖާ ޖެނެރަލް ރިޟާ އަލް ބަޠޫޝް ވިދާޅުވަނީ، އީރާނުން ޖޯޑަންނަށް އަމާޒުކުރާ މި ހަމަލާތަކަކީ ސަރަހައްދީ ބޮޑެތި ބަދަލުތަކެއްގެ ބައެއް ކަމަށެވެ. އީރާނުން ދެކޭ ގޮތުގައި އެމެރިކާގެ އަސްކަރީ ހާޒިރީއަކީ އެމީހުންނަށް އޮތް ނުރައްކަލެކެވެ. އެހެންކަމުން އެ ހާޒިރީއާ ގުޅިފައިވާ ކޮންމެ ތަނަކީ އީރާނުގެ އަމާޒެކެވެ.
ނަމަވެސް ބަޠޫޝް ވިދާޅުވީ، އީރާނުން ޖޯޑަންނަށް ދޭ ހަމަލާތަކަކީ އެމެރިކާއަށް ދޭ މެސެޖުތަކެއް ކަމަށެވެ. އީރާނުން ބޭނުންވަނީ ޖޯޑަންގެ ރައްޔިތުންނާއި ދައުލަތާ ދެމެދު ފަރަޤެއް އުފެއްދުމަށެވެ.
ޖޯޑަން ދެމިއޮންނާނީ ހަމަނުޖެހުންތަކުގެ ތެރެއަށް ނުވަދެ، ގައުމުގެ ސިޔާދަތު ހިމާޔަތްކުރުމުގެ މަތީގައެވެ. ޖޯޑަން ބޭނުންވަނީ ވާހަކަ ދެއްކުމުގެ މަގުން މައްސަލަ ހައްލުކުރާށެވެ. އެހެންކަމުން އީރާނުގެ މި ހަމަލާތަކަކީ މުސްތަޤްބަލުގައި މި ސަރަހައްދުގައި ނުތަނަވަސްކަން އިތުރުވެގެންދާނެ ކަމުގެ ނިޝާނެއް ކަމަށް އޭނާ ދެކެއެވެ.
އީރާނަށް އަސްކަރީ ހަމަލަ ދޭއިރު އިސްރާއީލުން ޖޯޑަންގ ެވައިގެ ސަރަހައްދުވެސް ބޭނުން ކުރެއެވެ.



