އިސްރާއީލުގެ އިންސާނިއްޔަތާ ޚިލާފު ޢަމަލުތަކުގެ ތެރެއިން، ފަލަސްތީނުގެ ގައިދީންނަށް އަނިޔާކުރުމަށްޓަކައި ޖަލުތަކުގެ ވަށައިގެން ކިނބޫ ގެންގުޅެން އެ ގައުމުގެ ސަރުކާރުން ނިންމައިފިއެވެ.
އިސްރާއީލުގެ އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން މިނިސްޓަރު އީޑިޓް ސިލްމަން ވަނީ ކިނބޫތައް "ވަލު ޖަނަވާރުންގެ" ލިސްޓުން ނަގައި، "އެކްސްޕްލޮއިޓޭޝަން" ނުވަތަ ސަލާމަތީ ބޭނުންތަކަށް ގެންގުޅެވޭނެ ޖަނަވާރުތަކެއްގެ ގޮތުގައި ގިންތިކޮށްފައެވެ. މި ބަދަލާއެކު، ޖަލުތަކުން ގައިދީން ފިލުން ހުއްޓުވުމަށް ޔަހޫދީންނަށް ކިނބޫ ބޭނުންކުރުމުގެ މަގު ވަނީ ފަހިވެފައެވެ.
މިއީ ފަލަސްތީނުގެ ގައިދީން ބަންދުކޮށްފައިވާ ޖަލުތަކުގެ ވަށައިގެން ކިނބޫ ފެންގނަޑު ހެދުމުގެ ޚިޔާލު ހައްދުފަހަނައަޅާފައިވާ ނޭޝަނަލް ސެކިއުރިޓީ ޓެރަރިސްޓް މިނިސްޓަރު އިޓަމާ ބެން ގްވީރް އުފަލުން ބަލައިގަތް ނިންމުމެކެވެ. ބެން ގްވީރް ފޭސްބުކްގައި އާންމުކުރި ޕޯސްޓެއްގައި ވަނީ، ކިނބޫތައް ގެންގުޅެނީ ޖަލުތައް ވަށައިގެން ކިނބޫ ފެންގަނޑަށް ލުމަށް ކަމަށް ބުނެ، އޭނާ ކިނބޫތައް ހިފަހައްޓައިގެން ހުރި އޭއައި ފޮޓޯއަކާއެކު "ފިލަން ހިތަށް އަރުވަނީތަ؟ އަލުން ވިސްނާލާ!" މިހެން ބުނެ ގައިދީންނަށް އިންޒާރު ދީފައި ވެއެވެ.
އިސްރާއީލުގެ ޗެނަލް 13 އިން ރިޕޯޓުކުރާ ގޮތުގައި، މި އަނިޔާވެރި ހުށަހެޅުމާ ދެކޮޅަށް އިސްރާއީލުގެ ނޭޗާ އެންޑް ޕާކްސް އޮތޯރިޓީން ފުރަތަމަ މަސައްކަތްކުރި ނަމަވެސް، ސަރުކާރުން ވަނީ ކިނބޫ ބެލެހެއްޓުމުގެ ބާރު ސަލާމަތީ އިދާރާތަކަށް ބަދަލުކޮށްފައެވެ.
މި އާ ގަވާއިދުގެ ދަށުން، ބެން ގްވީރްގެ ބެލުމުގެ ދަށުގައިވާ ޕްރިޒަން ސާވިސްއަށް، ދެކުނުގެ ކެޓްޒިއޮޓް ޖަލުގެ ވަށައިގެން ކިނބޫ ލުމުގެ ހުއްދަ ލިބިގެންދާނެއެވެ. މި ޖަލުގައި ވަގަށްނަގާފައިވާ ހަމާސްގެ ގިނަ އަދަދެއްގެ ލީޑަރުން ބަންދުކޮށްފައިވެއެވެ.
އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ފަރާތްތަކުން ސިފަކުރާ ގޮތުގައި، މިއީ ޖެނޮސައިޑް ރެޖީމުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ޤަތުލުއާންމުގެ ތެރެއިން، ގައިދީންނަށް ބިރުދައްކައި އަނިޔާކުރުމަށް އީޖާދުކުރި އިތުރު ނުރައްކާތެރި އުކުޅެކެވެ.





