އޮކްޓޫބަރު 2025 ގައި ޣައްޒާގެ ޖެނޮސައިޑް ހަމަލާތައް ހުއްޓާލުމަށް ވީ އެއްބަސްވުމުގެ ދެލިގަނޑު ހިކުމުގެ ކުރިން، ބިމުގެ ހަގީގަތް އެއްބަސްވުމުގެ ލިޔުންތަކާ މުޅިން ދިމާ އިދިކޮޅަށް ބަދަލުވާން ފެށިއެވެ. ބައިނަލްއަގުވާމީ މުޖުތަމައަށް ޝަރަމުއްޝައިޚުގައި ބޭއްވި ބައްދަލުވުމާއި އޭގެ ފޮޓޯތަކަކީ ޑިޕްލޮމެޓިކް ކާމިޔާބީއެކެވެ. ނަމަވެސް، އިސްރާއީލް ސަރުކާރާއި ވޮޝިންގްޓަނުން އެގައުމަށް ވާގިވެރިވާ ފަރާތްތަކަށް މިއީ ހަމައެކަނި ބޭނުމެއް ފުއްދައިދިން ކަމެކެވެ. އެއީ އެތެރޭގެ ފާޑުކިޔުންތައް ހުއްޓުވައި، ސަރަހައްދީ ފާޑުކިޔުންތެރިން ވަގުތީގޮތުން މައިތިރިކުރި، މަތީ ފަންތީގެ ޕަބްލިކް ރިލޭޝަންސް ކާމިޔާބީއެއް ލ؛ިބުނެވެ.
އެހެންނަމަވެސް، ބިމުގެ ހަގީގަތާއި މައުލޫމާތުތަކާއި، ލޮޖިސްޓިކްސްގެ ދައުރުވުމާއި، އަދި މަރުވާ މީހުންނާއި ޒަހަމްވާ މީހުންގެ އަދަދުތަކަށް ބަލާއިރު، މި އެއްބަސްވުމުގެ ސަބަބުން އަނިޔާވެރިކަން ހުއްޓިފައިނުވާކަން ހާމަވެއެވެ. އޭގެ ބަދަލުގައި، މިއީ އައު ފެންވަރަކަށް ޖެނޮސައިޑް ކުރިއަށް ގެންދިއުމަށް ދަށް ފަންތީގެ މަރުހަލާއެއް، ގާނޫނީ އިމުގެ ތެރެއަށް ފެއްތުމެއް ކަމަށްވިއެވެ.
މި ސުލްހައިގެ އެއްބަސްވުމުގެ ދަށުން ޑިޕްލޮމެޓިކް ހިމާޔަތް ހޯދައިގެން އަސްކަރީ ފުޅާކުރުންތައް ދަނީ ކުރިއަށެވެ. ހުރްމުޒް ކަނޑުއޮޅީގައި އެމެރިކާއާއި އީރާނުގެ ހަމަލަ ބަދަލު ކުރުމަށް ދުނިޔޭގެ ސަމާލުކަން ހުއްޓިފައިވާއިރު، ރޭވުންތެރިކަމާއެކު ޣައްޒާ އަލުން ބައްޓަންކުރުމުގެ މަސައްކަތް އެއްވެސް މެދުކެނޑުމެއްނެތް ގޮތެއްގައި ޔަހޫދީން ކުރިއަށް ގެންދެއެވެ.
ފޭރިގަތުމުގެ އޮނިގަނޑު
2025 ގެ އެއްބަސްވުމުގެ މާއްދާތައް ބުނާގޮތުން، ފުރަތަމަ މަރުހަލާގައި އިސްރާއީލް ސިފައިން ތިބެންޖެހޭނީ ޣައްޒާގެ އެންމެ 53 އިންސައްތަ ސަރަހައްދެއްގައެވެ. މިއީ ފިޔަވަހިތަކަކަށް ބަހާލައިގެން، ކަށަވަރުކުރެވޭ ގޮތެއްގައި ސިފައިން ބޭލުމަށް އެކުލަވާލި އޮނިގަނޑެކެވެ.
ނަމަވެސް، ޣައްޒާގެ ދާހިލީ އިދާރާތަކާއި އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމާއަތްތަކުން އެއްކުރި މައުލޫމާތުން ދައްކަނީ މުޅިން ތަފާތު މިސްރާބެކެވެ:
- ޑިސެމްބަރު 2025: އިސްރާއީލުގެ އަސްކަރީ ބާރުގެ ދަށަށްދިޔަ ސަރަހައްދު 58 އިންސައްތައަށް އިތުރުވިއެވެ.
- ޖުލައި 2026: މިހާރުގެ ހިސާބުތަކުން ދައްކާގޮތުގައި ޣައްޒާގެ 60 އިންސައްތައަށްވުރެ ބޮޑު ބައެއް އޮތީ އިސްރާއީލުގެ އަސްކަރީ ބާރުގެ ދަށުގައެވެ.
- ސަރުކާރުގެ އަމާޒުތައް: އިސްރާއީލުގެ މިހާރުގެ ސަރުކާރުގެ ރަސްމީ ބަޔާންތަކުން އެނގޭގޮތުގައި، އެމީހުންގެ އެންމެ ފަހުގެ އަމާޒަކީ މި ބާރުވެރިކަން 70 އިންސައްތައަށް ފުޅާކުރުމެވެ.
ޖެނޮސައިޑުން ބިން ހިފައި ފުޅާކުރުމަކީ އިއްތިފާގުންވާ ކަމެއް ނޫނެވެ. މިއީ އަރަބިންގެ އަޅާނުލުމާއި ނުސީދާ ބައިވެރިވުމާއި ޔަހޫދީ ރޭވުންތެރި ކަމެކެވެ. ޣައްޒާގެ ބިމުގައި ކަންކަން ހިނގަމުންދާ ހާލަތަށް ބަލާއިރު، އަސްކަރީ ސަރަހައްދުތަކާއި ފަލަސްތީނުގެ ބިމާ ވަކިކޮށްދޭ "ރީނދޫ ރޮނގު" އަކީ ދަމުންދާ ބޯޑަރެކެވެ. ޔަހުދީ މަސައްކަތްތެރިން ދަނީ މެދުކެނޑުމެއްނެތް ގޮތެއްގައި ބަރު ސިމެންތި ހުރަސްތައް ކުރިއަށް ޖައްސައި، އާ ސަރަހައްދުތައް ވަރުގަދަކުރަމުންނެވެ. ހުސްކުރަން އެއްބަސްވި ސަރަހައްދުތަކުގެ އެތެރޭގައި، އިސްރާއީލް ސިފައިން މިހާރު ވަނީ ދާއިމީ، ވަރުގަދަ 32 އަސްކަރީ މަރުކަޒެއް ގާއިމުކޮށްފައެވެ.
މި މަރުކަޒުތަކުގެ ވަށައިގެންވަނީ "އޮރެންޖު ރޮނގު" އެވެ. މިއީ ސިމެންތި ހުރަސްތަކުން ފެށިގެން 200 އާއި 500 މީޓަރަށް ދެމިގެންދާ ބަފަރ ޒޯނެކެވެ. މި ސަރަހައްދުގެ ތެރޭގައި ފަލަސްތީނުގެ ރައްޔިތަކު ހަރަކާތްތެރިވާ ކޮންމެ ހަރަކާތަކީ ނުރައްކަލެއްގެ ގޮތުގައި ޔަހޫދީ ސިފައިން ކަނޑައަޅައެވެ. މީގެ ސަބަބުން، އާންމުން އެ ސަރަހައްދުތަކަށް އެނބުރި އައުމުގެ ފުރުސަތު މުޅިން ބަންދުވެއެވެ.
އެހެން ވަސީލަތްތައް މެދުވެރިކޮށް ހަލާކުކޮށްލުން
ހަމަލާހުއްޓާލުމުގެ އެއްބަސްވުމުގެ ދަށުން ހިނގާ އަނިޔާވެރިކަން ދެބަޔަކަށް ބެހިގެންވެއެވެ: އެއީ ހަމަލާތަކާއި ލޮޖިސްޓިކްސް އެވެ. ބޮޑެތި ވައިގެ ހަމަލާތައް މަދުވިނަމަވެސް، އަމާޒުތަކަށް ދޭ ހަމަލާތަކާއި އާޓިލަރީގެ ހަރަކާތްތައް ކޮންމެ ދުވަހަކުވެސް ކުރިއަށްދެއެވެ. މި ސުލްހައިގެ އޮނިގަނޑަށް ރަސްމީކޮށް އަމަލުކުރަން ފެށިފަހުން، ރެކޯޑުކުރެވިފައިވާ މައުލޫމާތުތަކަށް ބަލާއިރު 1,144 މީހުން މަރުވެ، 3,703 މީހުން ވަނީ ޔަހޫދީންގެ ޖެނޮސައިޑް ހަމަލަތަކުިގައި ޒަޚަމްވެފައެވެ.
އަދި ހަމައެއާއެކު، އާންމުން ދިރިއުޅޭ ތަންތަން ހަލާކުކޮށްލުމަށްޓަކައި، ދިރިހުރުމަށް ބޭނުންވާ ޒަރޫރީ ތަކެތި ގަސްތުގައި ދަނީ ހިފަހައްޓަމުންނެވެ.
"ކާނާގެ ރައްކާތެރިކަން އަސާސީ މިންވަރެއްގައި ހިފެހެއްޓުމަށްޓަކައި، ދުވާލަކު މަދުވެގެން އެހީގެ 600 ލޮރީ ޣައްޒާއަށް ވަންނަންޖެހެއެވެ. ނަމަވެސް، މިހާރު ދުވާލެއްގެ މައްޗަށް ވަންނަނީ 190 އާއި 250 އާ ދެމެދުގެ އަދަދެކެވެ. މިއީ ބޭނުންވާ އަސާސީ މިންވަރަށްވުރެ 65 އިންސައްތައިގެ އުނިވުމެކެވެ." ފަލަސްތީނުގެ މިނިސްޓްރީ އޮފް ސޯޝަލް ޑިވެލޮޕްމަންޓުން ހާމަކުރެއެއެވެ.
މިކަމުގެ ނަތީޖާ ވަރަށް ސާފުކޮށް ފެންނަން ހުރިއިރު، މިއީ ނުރައްކާތެރި ހާލަތެކެވެ.
- އާންމު އާބާދީގެ 77 އިންސައްތަ މީހުން މިހާރު ތިބީ ކާނާގެ ރައްކާތެރިކަން އެންމެ ނާޒުކު ފަންތީގައެވެ.
- 100,000 އަށްވުރެ ގިނަ ކުޑަކުދިންނަށް ވަނީ ކާޑު ބަލީގެ ސީރިއަސް މައްސަލަތައް ކުރިމަތިވެފައެވެ.
- ލަފާކުރެވޭ ގޮތުގައި 37,000 މާބަނޑު އަދި ކިރު މައިންނަށް ބޭނުންވާ ސިއްހީ އަދި ކާނާގެ އެހީތެރިކަން މުޅިން ވަނީ މަހުރޫމްވެފައެވެ.
އިދާރީ ހިންގުން ހަލާކުކޮށްލުމުގެ ސްޓްރެޓެޖީ
މިހާރު ކުރިއަށްދާ މަރުހަލާގެ މުހިންމު ބަޔަކީ، އެތެރޭގެ ސަލާމަތީ ނިޒާމުތަކަށް އަމާޒުކޮށްގެން ދޭ ހަމަލާތަކެވެ. ފުލުހުންގެ ބާރުތަކަށާއި އިދާރީ މަރުކަޒުތަކަށް ދަނީ ތަކުރާރުކޮށް ހަމަލާދެމުންނެވެ.
އާންމު ހަމަޖެހުން ބެލެހެއްޓުމާއި އެހީ ބެހުމުގެ ކަންކަން ބަލަހައްޓާ މުވައްޒަފުން ނައްތާލުމުން، މުޅި ދިރިއުޅުމުގެ ވެށި ބަދަލުވަނީ ބޮޑު ހައިޖާނަކަށެވެ. މިއީ ދެ ފަރާތަކުން ފައިދާހޯދާ އަސްކަރީ ރޭވުމެކެވެ. އެއީ އެއްވެސް ދާހިލީ އިދާރާއަކުން ވެރިކަން ހިންގިޔަނުދިނުމާއި، އަދި ގާނޫނެއް ނެތް ސަރަހައްދެއް ބޭއްވުމުގެ ނަމުގައި، އަސްކަރީ ބާރު ދާއިމީގޮތެއްގައި ދެމެހެއްޓުމަށް އުޒުރެއް ހޯދުމެވެ.
ވޮޝިންގްޓަނަށް ބަލާއިރު، ޓްރަމްޕްގެ ސަރުކާރުގެ ޚާރިޖީ ސިޔާސަތު އޮތީ މި ބޮޑު އޮޅުވާލުމުގެ ތެރޭގައެވެ. ބޭރުފުށުން ސަރަހައްދީ ހަމަޖެހުމަށް ގޮވައިލައި، އެއްބަސްވުންތަކުގައި ސޮއިކުރުމުން އުފާފާޅުކުރާއިރު، އަމަލީގޮތުން އެ އެއްބަސްވުންތަކަށް ބޯނުލެނބުމަށް ބޭނުންވާ ސިޔާސީ އަދި އަސްކަރީ ހިމާޔަތް ސަރުކާރުން ނެއް ދެއެވެ.
މިއީ ސޮލީބީންނާއި ސަހުޔޫނީންގެ ނިޒާމުގެ ތެރޭގައި ހަރުލާފައިވާ ދޮގުވެރިކަމެކެވެ. ބައިނަލްއަގުވާމީ މީޑިއާ މައިތިރިކުރުމަށްޓަކައި މުއާހަދާތައް ވަގުތީ ޑިޕްލޮމެޓިކް ހަތިޔާރެއްގެ ގޮތުގައި ބޭނުންކުރާއިރު، އަޑީގައި އޮންނަ އަސްލު ސިޔާސަތަކީ އުދުވާނުގައި ކުރިއަށް ދިނުމެވެ. އަދި ބިންތައް ދާއިމީކޮށް ފޭރިގަނެ، އެތަނުގެ އަސްލު ވަޒަންވެރިން ނިޒާމީގޮތެއްގައި ބޭރުކޮށްލުމެވެ.





