އެމެރިކާގެ ސަރުކާރުގެ މުވައްޒަފުންނަށް އަލުން ޓިކްޓޮކް ކުޅުމާއި ބޭނުންކުރުމުގެ ހުއްދަ ދީފިއެވެ. މީގެ ގާތްގަނޑަކަށް 4 އަހަރު ކުރިން ސަރުކާރުގެ އާލާތްތަކުގައި ޓިކްޓޮކް ބޭނުންކުރުން މަނާކޮށްފައި އޮތް އޮތުން، އެމެރިކާގެ ޖަސްޓިސް ޑިޕާޓްމަންޓުން މިހާރު ވަނީ އުވާލާފައެވެ.
މި ބަދަލު ގެނެސްފައިވަނީ ޓިކްޓޮކްގެ އެމެރިކާގެ އޮޕަރޭޝަންތައް، އޮރެކަލް އާއި ސިލްވާ ލޭކް އަދި އެމްޖީއެކްސް ފަދަ ކުންފުނިތަކެއް ހިމެނޭ ޖޮއިންޓް ވެންޗާއަކަށް ބަދަލުކުރުމާ ގުޅިގެންނެވެ. މި އާ ސްޓްރަކްޗާގައި:
- އޮރެކަލް: ޓިކްޓޮކްގެ ސެކިއުރިޓީ ބެލެހެއްޓުމުގެ ޒިންމާ ނަގާނެއެވެ.
- ބައިޓް ޑޭންސް: ކުރިން މި އެޕްގެ ވެރިފަރާތް ކަމަށްވާ ބައިޓް ޑޭންސްއަށް މިހާރު އޮތީ އެމެރިކާގެ އޮޕަރޭޝަންތަކުގެ 19.9% ގެ ހިއްސާއެއްކަމަށް ރިޕޯޓުތައް ބުނެއެވެ.
ޖަސްޓިސް ޑިޕާޓްމަންޓުން ނެރުނު މެމޯއެއްގައިވާ ގޮތުން، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ސަރުކާރުގެ އެކި އިދާރާތަކުގެ މުވައްޒަފުންނަށް އެމީހުންގެ އާލާތްތަކުގައި ޓިކްޓޮކް އިންސްޓޯލްކުރުމުގެ ހުއްދަ ދެއްވާފައެވެ. ނަމަވެސް، މިއީ އެއިދާރާއެއްގެ ޕޮލިސީތަކާ އެއްގޮތްވާ ގޮތުގެ މަތިން އެ އިދާރާއެއްގެ ވެރިންގެ ނިންމުމުގެ ދަށުން ކުރެވޭނެ ކަމެކެވެ.





