1972 ވަނަ އަހަރުގެ މެއި 30 ވަނަ ދުވަހު، "ޖަޕާނު އަހުމަދު" ވީ ފަލަސްތީނުގެ މިނިވަންކަމަށްޓަކައި އިޒްރޭލާ ދެކޮޅަށް ހިންގި އެންމެ ހިތްވަރުގަދަ އަދި އެންމެ އުފެއްދުންތެރި ހަމަލާގެ ރަމްޒަކަށެވެ. އެ ދުވަހު، ޖަޕާނުގެ ތިން މީހުން ހިމެނޭ ޓީމަކާއެކު އޭނާ އިޓަލީގެ ރޯމް އިން ފުރައިެގން އައިސް ހިފާފައިވާ ފަލަސްޠީނުގެ ލައްދު އެއާޕޯޓު (މިހާރުގެ ބެން ގުރިއަން) އަށް ފޭބީ 1968 ގައި ބައިރޫތު އެއާޕޯޓްގައި އިޒްރޭލުން ގޮއްވާލި ލުބުނާންގެ މަތިންދާބޯޓުތަކަށް ބަދަލުހިފުމަށެވެ. އެއާޕޯޓްގެ ލަގެޖް ނަގާ ސަރަހައްދުގައި ބަޑިއާއި ގޮވާތަކެތި ބޭނުންކޮށްގެން އަހުމަދު އަލްޔާބާނީ ހިންގި ހަމަލާގައި 26 މީހަކު މަރުވެ 71 މީހުން ޒަހަމްވިއެވެ.
އޭނާއަކީ ޖަޕާނުގެ ރައްޔިޔެކެވެ. ފަލަސްޠީނަށް ހަމްދަރްދީ ވުމުގެ ސަބަބުން އޭނާ ފަލަސްޠީނާއި އަރަބުންގެ މަދުގައި މަޝްހޫރުވީ އަހުމަދު އަލްޔާބާނީގެ ނަމުންނެވެ.
ލުބްނާނުގެ ދެކުނު ބައިރޫތުގައި، ޖަޕާނުގެ "ކުމާމޮޓޯ" އަށް އަހުމަދު އޭނާގެ އުފަން ފަސްގަނޑާ އެތައް ހާސް ކިލޯމީޓަރުގެ ދުރުގައި، ފަލަސްތީނުގެ މައްސަލައަށްޓަކައި މުޅި އުމުރު ހޭދަކުރެއްވިއެވެ. "ކޯޒޯ އޮކާމޮޓޯ" ނުވަތަ "އަހުމަދު އަލްޔާބާނީ" (ޖަޕާނު އަހުމަދު) ވަނީ މިއަދު އުމުރުން 78 އަހަރުގައި ނިޔައުވެފައެވެ. މިއީ ފަލަސްތީނުގެ ހައްގުގައި ކުރި ދިގު ދަތުރެއްގެ ނިމުމެވެ.
ފަލަސްތީނު މިނިވަން ކުރުމަށް މަސައްކަތްކުރާ ޕޮޕިއުލާ ފްރަންޓް ފޯ ދަ ލިބަރޭޝަން އޮފް ފަލަސްތީން (ޕީއެފްއެލްއެފ)ް އިން ނެރުނު ބަޔާނެއްގައި، އެ ޖަމާއަތާ ގުޅިވަޑައިގެންނެވި އޮކާމޮޓޯއަށް ތައުޒިޔާ ފޮނުވާފައިވެއެވެ. އޭނާގެ ނަން ގުޅިފައިވަނީ "ލައްދު އެއާޕޯޓް އޮޕަރޭޝަން" އާއެވެ. އަދި ފަލަސްތީނުގެ މައްސަލައަށްޓަކައި އޭނާ ކުރެއްވި ގުރުބާނީތައް އެ ޖަމާއަތުން ފާހަގަކުރިއެވެ. ހަމާސް ޖަމާއަތުން ވެސް އޭނާއަށް ތައުޒިޔާ ފޮނުވައި، އިންސާނީ އަގުތަކާއި، ފަލަސްތީނުގެ ހައްގުގައި އޭނާ ކުރެއްވި މިންނެތް މަސައްކަތް ފާހަގަކޮށްފައެވެ.
ކިޔަވައިގެން ހުންނަވައި ބަޑި އުފުލި ފަހުލަވާނެއް
އޮކާމޮޓޯއަކީ މީހުންނާ ރަހުމަތްތެރި ބުއްދިވެރި އަދި ހާއްސަ ގާބިލުކަމެއް ލިބިފައިވާ ބޭފުޅެއްކަން ޕީއެފްއެލްއެފްއިން އިން ފާހަގަކުރެއެވެ. އޭނާއަކީ ގަސްގަހާގެއްސާ ބެހޭ ބޮޓެނީ އިލްމު ކިޔަވައިގެން ހުންނެވި، އަދި އަރަބި، އިނގިރޭސި، ހިބްރޫ، ޗައިނާ އަދި ރަޝިއާ ބަސްފަދަ ފަރިތަ ބޭފުޅެކެވެ. އޭނާގެ މިއިލްމީ ގާބިލުކަން ފަލަސްޠީނަށް ޓަކައި އޭނާ ޚާއްސަ ކުރިއެވެ. އޭނާގެ ޒުވާން އުމުރުގައި 1966 ވަނަ އަހަރު، ފަލަސްތީނުގެ މައްސަލައަށް ހަމްދަރްދީވި "ޖަޕަނީސް ރެޑް އާމީ" އާ ގުޅިވަޑައިގެންނެވިއެވެ.
އިޒްރޭލުގެ ޖަލުގައި 13 އަހަރު
ލައްދު އެއާޕޯޓަށް ދިން ހަމަލާގައި އޭނާގެ ދެ އެކުވެރިން މަރުވިއިރު، އޮކާމޮޓޯ ހައްޔަރުކުރެވުނީ އޭނާ ޒަހަމްވެފައި އޮތްވައެވެ. އެ މައްސަލައާ ގުޅިގެން އިޒްރޭލުގެ ޖަލުގައި އޭނާ 13 އަހަރު ހޭދަކުރިއެވެ. އޭގެ ތެރެއިން ގިނަ ދުވަސްތަކެއް ހޭދަކުރީ އެކަހެރިކޮށް އަނިޔާވެރިކޮށް ބައިންދައިގެންނެވެ. އޭނާގެ ޖިސްމާނީ އަދި ނަފްސާނީ ހިތްވަރު ނައްތާލުމަށް ޔަހުދީ ރެޖީމުން އޭނާއަށް އަނިޔާކުރިއެވެ. 1985 ވަނަ އަހަރުގެ މެއި 20 ވަނަ ދުވަހު، ފަލަސްތީނު ޖަމާއަތްތަކުން އަސީރުންނާއި ރަހީނުން ބަދަލު ކުރުމުގެ އެއްބަސްވުމުގެ ދަށުން އޭނާ މިނިވަން ކުރެވުނެވެ.
ލުބްނާނުގައި އުޅުއްވި ހަމައެކަނި ސިޔާސީ ރެފިއުޖީ
މިނިވަންވެގެން ލުބްނާނަށް ވަޑައިގެންނެވުމުން، ގަވާއިދާ ޚިލާފަށް އެގައުމަށް އެތެރެވުމުގެ ކުށުގައި 1997 ގައި ލުބުނާނުން 3 އަހަރަށް ޖަލަށް ލިއެވެ. އޭގެ ފަހުން 2000 ވަނަ އަހަރު އޭނާ ޖަލުން މިނިވަންވުމުން ޖަޕާނުން އޭނާ ހަވާލުކުރަން އެދުނެވެ. ނަމަވެސް ލުބްނާނުގެ ރައްޔިތުންނާއި ފަލަސްތީނުގެ ފަރާތްތަކުން ޖަޕާނުން އޭނާއަށް ކޮށްފާނެ އަނިޔާތަކަށް ރިއާޔަތް ކޮށް އެކަމާ ދެކޮޅަށް ތެދުވެ އޭނާ ހިމާޔަތްކުރިއެވެ. އެއަށްފަހު އޭނާއަށް ލުބްނާނުގައި ސިޔާސީ ހިމާޔަތް ދިނެވެ. އޭނާގެ އުމރުގެ ބާކީ ދުވަސްތައް ހޭދަކުރެއްވީ އެއްވެސް ސިޔާސީ ހަރަކާތެއް ނުހިންގުމުގެ ޝަރުތުގެ މަތިން، އަނބިކަނބަލުން މޭ ޝިގެނޮބޫއާއި ދެ ދަރިންނާއެކު ސިއްރު ދިރިއުޅުމެއްގައެވެ.







