ގާތް ދެ އެކުވެރިންނަށް އެއީ އެއްބަނޑުއެއްބަފާ ދެބެއިންކަން އެނގުނު ހާދިސާ

މެންޗެސްޓަރ އެއާޕޯޓުގެ އާދައިގެ ހިމޭން ވަގުތުތަކުގެ ތެރެއިން، ދެ މީހެއްގެ ދިރިއުޅުން އަބަދަށްޓަކައި ބަދަލުކޮށްލީ އެއްވެސް މީހެއްގެ ރޭވުމަކުންނެއް ނޫނެވެ.

2005 ވަނަ އަހަރު، ޑޭވް ގްރީން މަސައްކަތް ކުރަމުންދިޔައީ އެއާޕޯޓުގެ ބަސް ސްޓޭޝަން މެނޭޖަރެއްގެ ގޮތުގައެވެ. އެންޑްރިއާ އުރުމްސްޓަން އުޅުނީ އެއާޕޯޓުގައި ހުރި ވެންޑިންގ މެޝިންތަކަށް ސާމާނު އަޅައި ބަލަހައްޓާ މުވައްޒަފެއްގެ ގޮތުގައެވެ. ދެ ތަފާތު ދާއިރާއެއްގައި މަސައްކަތްކުރި މި ދެ ބީރައްޓެހިން އެއާޕޯޓުގެ ތެރެއިން ބައްދަލުވި ހިސާބުން، ދެމީހުން ކުރީގެ ދަންނަ އެކުވެރިންފަދަ ގާތް ގުޅުމެއް އުފެދުނެވެ.

އެކަކު ބުނަން އުޅޭ ޖުމްލަ އަނެކަކަށް ފުރިހަމަކޮށްދެވޭހާ ބޮޑަށް ދެމީހުންގެ ވިސްނުމާއި މިޒާޖު އެއްގޮތެވެ. ޖެހިގެން އައި ދެ އަހަރު ދުވަހުގެ ތެރޭގައި އެމީހުންގެ ގުޅުން ވަރުގަދަ އެކުވެރިކަމަކަށް ބަދަލުވިއެވެ. މަސައްކަތުގައި ނޫޅޭ ވަގުތުތަކުގައި ފޯނުން ގުޅައި، މެސެޖުކުރުން އާދައަކަށް ވިއެވެ.

ނަމަވެސް، އެ ގާތްކަމުގެ ފަހަތުގައިވަނީ އެއިން އެކަކަށްވެސް އެނގިފައިނުވާ، އަދި ހީވެސްނުކުރާ ފަދަ ބޮޑު ސިއްރެކެވެ.

ހަގީގަތް ހާމަވި ފޯނު ކޯލު

އާދައިގެ ދުވަހެއްގައި ކުރެވުނު ފޯނު ކޯލެއްގެ ތެރެއިން ޑޭވް، އެންޑްރިއާއަށް ކުރިން އެއްވެސް މީހަކަށް ކިޔައިދީފައިނުވާ ވާހަކައެއް ހިއްސާކުރިއެވެ. އެއީ އޭނާއަކީ އެހެން އާއިލާއަކަށް އެޑޮޕްޓްކޮށްފައިވާ ކުއްޖެއް ކަމާއި، އޭނާގެ އަސްލު އުފަން ނަމަކީ ސްޓުއާޓް ޕްރައުޑްލަވް ކަމަށާ ބުންޏެވެ.

"އެ ވާހަކަ އަޑުއިވުމާއެކު އަހަރެން މުޅިން ގަނޑުވިވި. އެކަކުވެސް އެއްޗެކޭ ނުބުނެ މިނެޓެއްހާ އިރު ދިޔަ،" އެންޑްރިއާ އެ ހަނދާންތައް އާކުރަމުން ބުންޏެވެ.

އެންޑްރިއާގެ ކައިވެނީގެ ކުރީގެ އާއިލީ ނަމަކީވެސް ޕްރައުޑްލަވްއެވެ. އަދި އޭނާ އުފަންވުމުގެ ކުރިން، އެހެން އާއިލާއަކަށް ދިން އެއްބަނޑުއެއްބަފާ ބޭބެއެއް ހުންނަކަން އޭނާއަށް އޮތީ އެނގިފައެވެ.

"ޕްރައުޑްލަވްއަކީ މާ އާންމު ނަމެއް ނޫން. އަހަރެންގެ އާއިލާ ފިޔަވައި އެހެން އެއްވެސް ތަނަކުން އެ ނަމެއް އަހަރެން ނާހަން. އެއީ ހަމަ އޭނާކަން އަހަރެންނަށް ޔަގީންވި،" އެންޑްރިއާ ކިޔައިދިނެވެ.

އެންޑްރިއާ ވަގުތުން އޭނާގެ މަންމަ، ސޫޒަންއަށް ގުޅައި، ހަނދާނުން ފުރޭނިގެން ގޮސްފައިވާ ބޭބެގެ އުފަން ތާރީޚު ކަށަވަރުކުރިއެވެ: 24 މާރިޗު 1966. ގެ ތާރީޚާ ދިމާވިއެވެ. އެންޑްރިއާ ވަގުތުން ޑޭވްއަށް އަނބުރާ ގުޅިއެވެ.

"އަހަރެން ބުނިން 'ތިޔައީ މަގޭ ބޭބެ ކަމް ޔަގީން. އަހަރެން ބޭނުން ވަގުތުން ބައްދަލުކުރަން.' އެހެންވެ އޭނާ ބަލާ އަހަރެން ދިޔައީ،" އެންޑްރިއާ ކިޔައި ދެއެވެ..

ދެމީހުން އެކުގައި މަންމަގެ ގެއަށް ދިޔަ މަގުމަތީގައި، ޑޭވްއަށް އޭނާ ދަތުރުކުރަމުންދިޔަ ސަރަހައްދު ފާހަގަކުރެވުނެވެ. އެއީ އެއާޕޯޓުގެ މެނޭޖަރަކަށް ވުމުގެ ކުރިން، އޭނާ ބަސް ދުއްވި ރޫޓެވެ.

އޭނާ އެތައް އަހަރެއް ވަންދެން ދުއްވި ބަސް ރޫޓު ގޮސްފައިވަނީ، އޭނާގެ އުފަން މަންމަގެ ގޭގެ ކުރިމަތިންނެވެ. އަދި އެންޑްރިއާ ތައުލީމު ހާސިލުކުރި ސްކޫލްގެ ކައިރިންނެވެ. އޭނާގެ އުފަން އާއިލާއާ އަތްފޯރާފަށުގައި އޭނާ އެތައް އަހަރެއް ހޭދަކުރި ނަމަވެސް، އެކަން އޮތީ ވަންހަނާވެފައެވެ.

އުފަން މަންމަ ސޫޒަންއާ ބައްދަލުވި ވަގުތަކީ މުޅި އާއިލާއަށްވެސް އަސަރުން ފުރިގެންވީ ވަގުތެކެވެ.

"އެތައް ކަރުނައެއް އޮހޮރިގެންދިޔަ. މުޅި އާއިލާ އެކުގައި ބައްދައިގަތިން،" އެންޑްރިއާ ބުންޏެވެ. "އަހަރެންގެ ބޭބެއާއި މަންމަ އަލުން އެއްކޮށްދެވުނުކަން ގަބޫލުކުރަންވެސް ދަތިވި." އޭނާ ބުންޏެވެ.

ވީ ވައުދެއްގެ ފުރިހަމަވުން

އެންޑްރިއާ ކުޑައިރު، މަންމަ ވަނީ ބޭބެއެއް ހުރިކަމުގެ ވާހަކަ ކިޔައިދީފައެވެ. އޭނާ އެހެން އާއިލާއަކަށް ދޭންޖެހުނީ ދަރިން ނުލިބޭ ހެޔޮލަފާ އަންހެނަކަށް ކަމަށް މަންމަ ބުނެފައިވެއެވެ.

"އޭރު އަހަރެން ބޭނުންވީ ވަގުތުން ގުޅައިގެން އޭނާއާއެކު ކުޅެންދާން،" އެންޑްރިއާ ބުންޏެވެ. "މަންމަ ކިޔައިދިން ކަންކަން ހިނގަނީ އެހެން ނޫންކަން. އެހެންވެ އަހަރެން މަންމައަށް ވައުދުވިން ކޮންމެވެސް ދުވަހަކުން ބޭބެ ހޯދައިދޭނެކަމަށް."

ސޫޒަން ވަނީ "ސެލްވޭޝަން އާމީ" ގެ އެހީގައި އޭނާގެ ދަރިފުޅު ހޯދުމަށް މަސައްކަތްކޮށްފައެވެ. ނަމަވެސް އެކަން ކާމިޔާބުވާ ގޮތެއް ނުވިއެވެ.

ސޫޒަންގެ ގޭގެ ސިޓިންރޫމު ތެރޭގައި، ޑޭވް ކުޑައިރުގެ ފޮޓޯއެއް ހުއްޓެވެ. އެއީ އެޑޮޕްޓްކުރިތާ މަދު ދުވަސްކޮޅެއްގެ ތެރޭގައި، އޭނާ ބަލާބޮޑުކުރި މައިންބަފައިން ސޫޒަންއަށް ފޮނުވި ފޮޓޯއެކެވެ. އެއީ ޑޭވް ބޮޑުވި ގޭގައިވެސް ބަހައްޓާފައި ހުރި ފޮޓޯވެ.

ޑޭވްއަށް އޭނާއަކީ އެޑޮޕްޓްކޮށްފައިވާ ކުއްޖެއްކަން އުމުރުން 10 އަހަރުގައި އެނގުނެވެ. ނަމަވެސް، އޭނާ ހޭދަކުރީ އުފާވެރި ކުޑަކުއްޖެއްގެ ހަޔާތެކެވެ. އަދި އުފަން މަންމަ ހޯދުމުގެ ޝައުގުވެރިކަމެއް އޭނާގެ ނެތެވެ.

"އަހަރެންގެ ހިތުގައި ހޯދަންޖެހޭ ޖަވާބެއް ނެތް ސުވާލެއް އޮތްކަމަކަށް އޭރަކު ނުވިސްނޭ،" ޑޭވް ބުންޏެވެ.

މި ބައްދަލުވުމަކީ އެ ތިން މީހުންގެ ދިރިއުޅުންވެސް މުޅިން ބަދަލުކޮށްލި ކަމެކެވެ.

"އަހަރެންގެ ދިރިއުޅުމުގައި މާ ބޮޑު އުއްމީދެއް ނެތް ދަނޑިވަޅެއްގައި، އެންމެ ގާތް އެކުވެރިޔާއަކީ އަހަރެންގެ ކޮއްކޯކަން އެނގުނީ،" ޑޭވް ބުންޏެވެ. "އަހަރެންގެ އުފަން މަންމަ ހޯދައި، އޭނާއަށް ހަގީގީ އުފާވެރިކަން ހޯދައިދެވުނު. އަދި އުޅޭކަންވެސް ނޭނގޭ އާއިލާއެއް ލިބުނު." އުފަލާ އެކު ޑޭވް ބުންޏެވެ.

އެމީހުންގެ މަންމަ ސޫޒަން މީގެ ދުވަސްކޮޅެއް ކުރުން ނިޔާވި ނަމަވެސް، ނިޔާވުމުގެ ކުރިން ދަރިފުޅާ އަލުން ބައްދަލުވުމުގެ ނަސީބު ލިބުނުކަމަށްޓަކައި ދެބެއިންވެސް އުފާކުރެއެވެ.

"މަންމަ ވަރަށް ބޭނުންވި ނިޔާވުމުގެ ކުރިން ބޭބެއަށް ރަނގަޅު ދިރިއުޅުމެއް ލިބުނުކަން ކަށަވަރުކުރަން،" އެންޑްރިއާ ބުންޏެވެ.

މިއަދު ޑޭވްއާއި އެންޑްރިއާ ދިރިއުޅެމުންދަނީ ކިޑްސްގްރޯވްގައެވެ. އެކުގައި އެއްގޭގައެވެ. ގެއްލިފައިވި އަހަރުތަކުގެ ބަދަލުގައި، އެކުގައި އުފާވެރި ވަގުތުތަކެއް ހޭދަކުރަމުންނެވެ. އެމީހުން ސިފަކުރާ ގޮތުގައި، އެކަކު އަނެކަކު ހޯދައިގަނެވުމަކީ "ލޮޓަރީއެއް ލިބުން" ފަދަ ބޮޑު ނަސީބެކެވެ.

ހިއްސާ ކުރައްވާ!