ބްރޯ އެއްބަސްވުމުގައި ސޮއި ނުކުރެއްވީ ކީއްވެ؟ އިރާގްގެ ބޮޑު ވަޒީރު އޭނާގެ ޓްރާންސްޕޯޓު މިނިސްޓަރަށް!

އަންކާރާގައި ބޭއްވި ރަސްމިއްޔާތެއްގައި އިރާގުގެ ޓްރާންސްޕޯޓް މިނިސްޓަރު "ޑިވެލޮޕްމަންޓް ރޯޑް" ޕްރޮޖެކްޓުގެ އެއްބަސްވުމުގައި ސޮއިނުކުރެއްވުމުން ސުއާލު އުފެދިއްޖެއެވެ.

އިރާގާއި ތުރުކީ އެއްގަމު މަގުން ގުޅާލުމަށް ހަދާފައިވާ އެއްބަސްވުންތަކުގައި ސޮއިކުރުމުގެ ރަސްމިއްޔާތެއްގައި، އިރާގުގެ ޓްރާންސްޕޯޓް މިނިސްޓަރު ވަހްބް އަލްޙަސަނީ ސޮއި ނުކުރެއްވުމުން އިރާގް ބޮޑު ވަޒީރު ލަދެއްގައި ބެދިއްޖެއެވެ.

މިކަން ހިނގީ އިރާގުގެ ބޮޑުވަޒީރު ޢަލީ އައްޒައިދީ، ތުރުކީގެ ރައީސް ރަޖަބް ޠައްޔިބް އުރްދުޣާން އާއި މީޑިއާތަކުގެ ކުރިމަތީގައި ސޮއިކުރާ މޭޒު ކައިރީގައި ތިއްބަވަނިކޮށް، އިރާގް ވަޒީރު ސޮއިކުރަން ހަމަޖައްސާފައި އޮތް ސްޓޭޖަށް ވަޑަިގަތުމަށް ފަހު އެއްބަސްވުމުގައި ސޮއި ނުކުރެއްވުމުންނެވެ. އިރާގް ބޮޑު ވަޒީރު ވަނީ ސޮއިނުކުރެއްވީ ކީއްވެތޯ މިނިސްޓަރާ ސީދާ ސުވާލު ކުރައްވާފައެވެ.

މީސްމީޑިއާގައި ދައުރުވަމުންދާ ވީޑިއޯއިން ފެންނަ ގޮތުގައި، ބޮޑުވަޒީރު ޒައިދީ މިނިސްޓަރާ ދިމާއަށް އެނބުރިވަޑައިގެން "މިނިސްޓަރު، ކީއްވެތޯ ސޮއިނުކުރެއްވީ؟ މައްސަލައަކީ ކޮބާ؟" އޭ އަައްސަވާ އަޑު އިވެއެވެ. މިއީ އެއްބަސްވެފައިވާ ޕްރޮޓޮކޯލްގެ ބޭރުން ހިނގި ކަމެއްގެ ގޮތުގައި ގިނަ ބަޔަކު ސިފަކުރެއެވެ.

އާންމުންގެ ފާޑުކިޔުން:

މީސް މީޑިއާގައި މީހުން ބުނަނީ ސޮއިކުރާ މަރުހަލާއަށް ދިޔައިރު ވެސް އެ ލިޔުމާ މެދު ގޮތެއް ނުނިންމާ ސަރުކާރުން އޮތުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި މިއީ ވަފުދުގެ ތެރޭގައި ވިލަރެސްކުރުން ދަށްކަމުގެ ހެއްކެއް ކަމަށް ބައެއް ފަރާތްތަކުން ބުނެ އެވެ.

މިކަމާ ގުޅޭގޮތުން އިރާގު ސަރުކާރުން ނުވަތަ ޓްރާންސްޕޯޓް މިނިސްޓްރީން އަދި ރަސްމީކޮށް އެއްވެސް ބަހެއް ބުނެފައި ނުވެއެވެ. މިއީ އެއްބަސްވުމުގެ މާއްދާތަކާ މެދު ހުރި ޚިޔާލުތަފާތުވުމެއްތޯ، ނުވަތަ ފަންނީ ނުވަތަ ގާނޫނީ މައްސަލައެއްތޯ، ނުވަތަ ރަސްމިއްޔާތު އިންތިޒާމުކުރުމުގައި ދިމާވި އޮޅުމެއްތޯ ކަމެއް ސާފެއް ނުވެ އެވެ.

ސޯޝަލް މީޑިއާގެ ރައްދު:

އިރާގުގެ މީޑިއާ މި ހާދިސާ ސިފަކޮށްފައި ވަނީ "ލަދުވެތި" ކަމެއްގެ ގޮތުގަ އެވެ. އެއް ބްލޮގަރަކު ބުނެފައި ވަނީ، "މިނިސްޓަރު ސޮއިކުރަން ދެކޮޅު ހަދަނީ. އެތަނަށް ދިޔައިރު ވެސް ސޮއިކުރަނީތޯ ނުވަތަ ސޮއިކުރާ ކަން ނޭނގޭނަމަ އެއީ ކޮން ކަހަލަ މިނިސްޓަރެއްތޯ؟" މިފަދައިންނެވެ.

އަނެއް ފަރާތަކުން ބޮޑުވަޒީރަށް މުޚާތަބުކޮށް ބުނެފައި ވަނީ، "އެ މިނިސްޓަރު ވަގުތުން މަގާމުން ވަކިކުރުމަކީ ތިޔަ ސަރުކާރުން ކުރަންޖެހޭނެ އެންމެ ފުރަތަމަ ކަންތައް. މިފަދަ ކަމަކަށް ފިޔަވަޅު ނާޅާނަމަ ދެން ކެބިނެޓުގެ އެހެން މިނިސްޓަރުން ވެސް ބޮޑުވަޒީރަށް އިހުތިރާމެއް ނުކުރާނެ. މިއީ އިރާގުގެ މި ޒަމާނުގެ އެންމެ މުހިންމު އިގްތިސާދީ މަޝްރޫއުގައި ސޮއިކުރަން ދެކޮޅު ހެދުމުން ލިބެންޖެހޭ އަދަބު!" ކަމަށެވެ.

ހިއްސާ ކުރައްވާ!