އީރާނަށް އިތުރަށް ހަމަލާދިނަސް ވެރިކަން ވައްޓާލެވޭނެކަމަކަށް ނުބެލެވޭ: އެމެރިކާގެ އިންޓެލިޖެންސް

އީރާނަށް އަމާޒުކޮށް އިތުރު އަސްކަރީ ހަމަލާތަކެއް ދިންނަމަވެސް، އެ ޤައުމުގެ އިސްލާމިކް ޖުމްހޫރިއްޔާގެ ވެރިކަން ވައްޓާލެވޭނެ ކަމަށް ނުބެލެވޭ ކަމަށް އެމެރިކާގެ އިންޓެލިޖެންސް އިދާރާތަކުގެ ޖާސޫސީ ވަޒަންކުރުންތަކުން ދައްކާ ކަމަށް އެމެރިކާގެ މަސްއޫލުވެރިންނާ ޙަވާލާދީ ސީބީއެސް ނިއުސްއިން ރިޕޯޓުކޮށްފިއެވެ.

މީގެއިތުރުން ޖެނޮސައިޑް ޔަހޫދީ ރެޖީމްގެ މަސްއޫލުވެރިއަކާ ޙަވާލާދީ ސީބީއެސްއިން ބުނެފައިވަނީ، އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވަނީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް އީރާނާ ދެކޮޅަށް ކުރިއަށްދާނެ ތިން އިޚްތިޔާރެއް ހުށަހަޅުއްވާފައެވެ. އެއީ؛

  1. އީރާނުގެ ނިއުކްލިއަރ މާއްދާތައް ނައްތާލުމަށް އަމާޒުކުރާ އަމަލީ އެއްބަސްވުމެއް ގާއިމުކުރުން،
  2. އިޤްތިޞާދީ ފިއްތުންތަކާއެކު ޚާއްޞަ ދަތިކުރުމުގެ ފިޔަވަޅުތަކެއް އަޅައި ދެމެހެއްޓުން،
  3. އީރާނުން އެހީތައް ފޯރުކޮށްދިނުމަށް ބޭނުންކުރާ އެއްގަމު މަގުތަކަށް އަމާޒުކޮށް އަސްކަރީ ހަމަލާތަކެއް ދިނުމެވެ.

އެ މަސްއޫލުވެރިޔާ އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ހަނގުރާމައާ ގުޅޭގޮތުން ޓްރަމްޕް ވަކި މިސްރާބަކަށް ނަތަންޔާހޫ ވަސްވާސް ލައިދެމުންދާ ކަމުގެ އިޙްސާސެއް ޓްރަމްޕަށް ވެދާނެތީ އޭނާ އެކަމަށް ހައްސާސްވެފައިވާ ކަމަށް ބުނެފައި ވެއެވެ.

ހިއްސާ ކުރައްވާ!