ބީޖޭޕީގެ ގައުމީ ތަރުޖަމާނު ޝެހެޒާދު ޕޫނަވާލާ އެ ޕާޓީން އިސްތިއުފާ ދެއްވައިފި

އިންޑިއާގެ ވެރިކަން ކުރާ ބާރަތިޔާ ޖަނަތާ ޕާޓީ (ބީޖޭޕީ)ގެ ގައުމީ ތަރުޖަމާނުގެ މަގާމުގައި ހުންނެވި ޝެހެޒާދު ޕޫނަވާލާ އެ ޕާޓީން އިސްތިއުފާ ދެއްވައިފިއެވެ.

މިކަމާ ގުޅޭ ގޮތުން އަދި އެއްވެސް ބަޔާނެއް ނެރެފައެއް ނުވެއެވެ. ނަމަވެސް، އެކްސްގައި އޭނާގެ ބަޔޯއަށް ގެނެސްފައިވާ ބަދަލުގައި ބީޖޭޕީގެ އެއްވެސް ވާހަކައެއް ހިމަނާފައެއް ނުވެއެވެ. އޭގެ ބަދަލުގައި އޭނާ އަމިއްލައަށް ސިފަކުރައްވާފައިވަނީ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ އުމުރުދުވަހުގެ ސަޕޯޓަރެއްގެ ގޮތުގައެވެ.

ޕޫނަވާލާ އޭނާގެ އެކްސް ބަޔޯ ބުރާސްފަތި ދުވަހު ބަދަލުކުރި ނަމަވެސް، އެ ނިންމުން ނިންމެވި ވަކި ސަބަބެއް ހާމަކޮށްފައެއް ނުވެއެވެ. ސީއެންއެން-ނިއުސް18 އިން މަސްދަރުތަކާ ހަވާލާދީ ރިޕޯޓްކޮށްފައިވާ ގޮތުގައި، އޭނާ ބީޖޭޕީގެ އިސް ލީޑަރުންނަށް އިސްތިއުފާގެ ސިޓީ ހުށަހެޅުއްވީ އަމިއްލަ ސަބަބުތަކަކާ ހުރެއެވެ.

ޕޫނަވާލާ ބީޖޭޕީއާ ގުޅުނީ 2017 ވަނަ އަހަރު ކޮންގްރެސް ޕާޓީގެ ރިއާސީ އިންތިޚާބުގެ މައްސަލައިގައި އުފެދުނު ޚިޔާލުތަފާތުވުންތަކަށްފަހު އެ ޕާޓީން ވަކިވުމަށްފަހުއެވެ. ބީޖޭޕީއާ ގުޅުނުފަހުން އޭނާއަށް ވަނީ އެ ޕާޓީގެ ގައުމީ ތަރުޖަމާނުގެ މަގާމު ދީފައެވެ.

އޭނާއަކީ ބޮޑުވަޒީރު މޯދީއާއި ބީޖޭޕީއަށް ވަރަށް ބޮޑަށް ތާއީދުކުރައްވާ، ބަހުސްތަކާއި އެކި ޕްލެޓްފޯމްތަކުގައި ވަކާލާތުކުރެއްވުމުގައި ފާހަގަކޮށްލެވޭ ބޭފުޅެކެވެ. ސޯޝަލް މީޑިއާ މެދުވެރިކޮށް އޭނާ ވަނީ ތަކުރާރުކޮށް ކޮންގްރެސްއަށް ހަމަލާދީ، ރާހުލް ގާންދީ ހިމެނޭ ގޮތަށް އެ ޕާޓީގެ ލީޑަރުންނަށް ފާޑުވިދާޅުވެފައެވެ.

ހުކުރު ދުވަހު ޕޫނަވާލާ ވަނީ އޭނާގެ އިންޓަވިއުއެއްގެ ކްލިޕެއް ހިއްސާކުރައްވާފައެވެ. އެ ކްލިޕްގައި އޭނާ ބުނެފައިވަނީ އާއިލީ ނުފޫޒަށް ބެލުމެއްނެތި، ކޮންމެ މީހަކަށްވެސް އިންސާފުވެރި ފުރުސަތެއް ދޭ ހަމައެކަނި ޕާޓީއަކީ ބީޖޭޕީ ކަމަށެވެ.

"ނަރެންދުރަ މޯދީ ފަދަ އަމިއްލަ މަސައްކަތުން ކުރިއަށްދިޔަ ބޭފުޅަކު ނެރެދެވޭނީ ހަމައެކަނި ބީޖޭޕީއަށް – އެހެން ޕާޓީތަކުން ފެންނާނީ ހަމައެކަނި އެމީހުންގެ ދަރިންނާއި އާއިލީ ނުފޫޒު ކުރިއަރުވާތަން. އެހެންކަމުން މި ބީޖޭޕީއަކީ ޒުވާނުންނަށް އޮތް އެންމެ ރަނގަޅު ފުރުސަތު…" ވީޑިއޯގެ ކެޕްޝަންގައި އޭނާ ލިޔެފައިވެއެވެ. ނަމަވެސް، ބީޖޭޕީން ވަކިވުމާ ގުޅޭގޮތުން އެއްވެސް ވާހަކައެއް އެ ވީޑިއޯގައި ބުނެފައެއް ނުވެއެވެ.

ޕޫނަވާލާގެ އެކްސް އެކައުންޓުން އެންމެ ފަހުން ކުރި ޕޯސްޓްތަކުގައި، އޭނާ ސިޔާސީ ދާއިރާއިން ދުރުވުމަށް ވިސްނަވަމުންދާކަމުގެ އިޝާރާތްތަކެއް ދީފައިވެއެވެ. އެގޮތުން، ސިޔާސީ ދާއިރާއިން ވަކިވުމާ ބެހޭގޮތުން ކުރިން ދީފައިވާ ބައެއް އިންޓަވިއުތަކުގެ ކްލިޕްތައް، އެއްވެސް ކެޕްޝަނަކާ ނުލައި އޭނާ ވަނީ ހިއްސާކޮށްފައެވެ.

ހިއްސާ ކުރައްވާ!