ނޭޕާލުގެ އިންޑިއާއާވީ ސަރަހައްދުގެ ބައެއް ރަށްތަކުގައި ހިންދޫންނާއި މުސްލިމުންނާ ދެމެދު ހިނގި ހަމަނުޖެހުންތަކެއްގައި 3 މީހަކު މަރުވެ، 25 މީހަކު ޒަޚަމްވުމާ ގުޅިގެން، އެ ޤައުމުގެ ކަމާބެހޭ ފަރާތްތަކުން އެ ސަރަޙައްދުތަކުގައި ކާފިއު ހިންގައި، ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކޮށްފިއެވެ. މި ހަމަނުޖެހުންތައް ކޮންޓްރޯލްކޮށް، އިތުރަށް ހަމަނުޖެހުންތައް ހިނގިޔަ ނުދިނުމަށް ސަރުކާރުން ދަނީ މަސައްކަތް ކުރަމުންނެވެ.
ކަމާބެހޭ ފަރާތްތަކުން ހާމަކުރާ ގޮތުގައި، ސުންސާރީ އާއި ސިރާހާ ޑިސްޓްރިކްޓްގެ އިތުރުން އިންޑިއާގެ ބިހާރު ސްޓޭޓާ އިންވެގެން އޮންނަ ދަނޫސާގެ ބައެއް ސަރަޙައްދުތަކުގައި އަދިވެސް ކާފިއު ދަނީ ހިންގަމުންނެވެ. ހުޅުޖެހުމާއި ގެއްލުންދިނުމުގެ އަމަލުތައް ހުއްޓުވުމަށާއި، ހިންދީންނާއި މުސްލިމުންގެ މެދުގައި އުފެދިފައިވާ ނުތަނަވަސްކަން ކޮންޓްރޯލް ކުރުމަށް ފުލުހުންނާއި ސަލާމަތީ ބާރުތަކުގެ ހަރަކާތްތައް ވަނީ އިތުރުކޮށްފައެވެ.
ނޭޕާލު ފުލުހުން ބުނާ ގޮތުގައި، މި ހަމަނުޖެހުންތައް ފެށުނީ ސުންސާރީ ޑިސްޓްރިކްޓްގެ ދިވާންޖަންގް އަވަށުގައެވެ. ހިންދޫންގެ ޙަފްލާއެއްގެ ތެރޭގައި ހަރު އަޑުން މިއުޒިކް ޖެހުމާއި ދީނީ ބެނާތައް ހިފައިގެން އުޅުމާ ގުޅިގެން އުފެދުނު ޚިޔާލު ތަފާތުވުމެއް، ފަހުން ހިންދޫންނާއި މުސްލިމުންގެ ދެމެދުގައި ހިނގި ކުރިމަތިލުމަކަށް ބަދަލުވީއެވެ.
މި ކުރިމަތިލުންތަކުގައި ސުންސާރީގައި ބަޑިޖަހައި ދެ މީހަކު މަރާލާފައިވާއިރު، އަވަށްޓެރި ސިރާހާ ޑިސްޓްރިކްޓްގައި އިތުރު މީހަކު ވަނީ ހަމަނުޖެހުންތަކުގެ ތެރޭގައި ލިބުނު އަނިޔާތަކުގެ ސަބަބުން މަރުވެފައެވެ. މީގެ އިތުރުން 25 މީހަކު ވަނީ ޒަޚަމްވެފައެވެ. މި ހާދިސާ ހިނގި ގޮތް ތަޙުޤީޤުކޮށް، ކުށްވެރިންނާ މެދު ފިޔަވަޅު އެޅުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފުލުހުންގެ ތަރުޖަމާނު ވިދާޅުވިއެވެ.
އައު ހަމަނުޖެހުންތަކެއް މިހާތަނަށް ރިޕޯޓްކޮށްފައި ނުވި ނަމަވެސް، ހާލަތު ރަނގަޅުވަންދެން އެ ސަރަޙައްދުތަކުގައި ކާފިއު ދަމަހައްޓަން ކަމާބެހޭ ފަރާތްތަކުން ވަނީ ނިންމާފައެވެ.
މި ކާރިސާ ކޮންޓްރޯލް ކުރުމަށްޓަކައި ބޮޑުވަޒީރު ބަލިންދްރާ ޝާހް ވަނީ ގޮވާލައްވައިފައެވެ. އަދި މި ހަމަނުޖެހުންތައް "އިންސާފުވެރިކަމާއެކު ތަޙުޤީޤުކޮށް"، ޒިންމާވާ ފަރާތްތަކަށް ހާމަކަން ބޮޑު ގޮތެއްގައި ފިޔަވަޅު އަޅުއްވާނެ ކަމަށް ވައުދުވެވަޑައިގެންފައެވެ.
މީގެ އިތުރުން، ރައީސް ރާމްޗަންދަރު ޕައުޑެލް ވެސް ވަނީ މި ނުތަނަވަސްކަމާ މެދު ކަންބޮޑުވުން ފާޅުކުރައްވައި، މުޖުތަމަޢުގެ ހުރިހާ ފަރާތްތަކުން ވެސް އިޖުތިމާޢީ، ދީނީ، އަދި ނަސްލީ އެކުވެރިކަން ދެމެހެއްޓުމަށް ގޮވާލައްވައިފައެވެ.
ސަރުކާރުގެ ފިޔަވަޅުތަކުގެ ތެރެއިން، ހޯމް މިނިސްޓަރު ސޫދާން ގުރޫންގް ވަނީ ސުންސާރީގައި މަރުވި ދެ މީހުންގެ އާއިލާތަކާ ބައްދަލުކުރައްވައި، ކޮންމެ އާއިލާއަކަށް 6660 ޑޮލަރުގެ މާލީ އެހީތެރިކަން ދެއްވާނެ ކަމަށް އިއުލާނު ކުރައްވައިފައެވެ. އަދި އޭނާ ސިރާހާއަށް ވަޑައިގެން ތިންވަނަ ޤުރުބާނީގެ އާއިލާއާ ވެސް ބައްދަލުކުރައްވާނެއެވެ.
ސަލާމަތީ ފިޔަވަޅުތަކާ އެކު، ވެރިރަށް ކަތަމަންޑޫގައި ގިނަ މީހުން ބައިވެރިވި ހިނގާލުމެއް ވަނީ ބާއްވައިފައެވެ. މި ހިނގާލުމުގައި އެ ފަރާތްތަކުން ވަނީ އެކުގައި ދިރިއުޅުމަށާއި، ކެތްތެރިކަން އިސްކުރުމަށާއި، ދީނީ ހަމަނުޖެހުންތައް ނައްތާލުމަށް ގޮވާލާފައެވެ.





