އީރާނުން ރައްދުގައި ދޭން އިންޒާރު ދިން ހަމަލާތަކާއި އަރަބި ގަލްފުގެ ޤައުމުތަކުން ޓްރަމްޕަށް ފިއްތުމާ ގުޅިގެން، އީރާނަށް ދޭން ރާވާފައިވާ ސޮލީބީ ސަހުޔޫނީ ހަމަލާތައް މަޑުޖައްސާލަން އެމެރިކާއިން ނިންމައިފިއެވެ. މިކަން ހާމަކުރައްވަމުން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވީ، މި ހަމަލާތައް ފަސްކުރަން އެއްބަސްވެވަޑައިގަތީ އީރާނާއި ސަރަޙައްދުގެ އެހެން ޤައުމުތަކުން އެދިވަޑައިގަތުމުން ކަމަށާއި، ނަމަވެސް މިއީ އަވަސް އެއްބަސްވުމަކަށް އާދެވޭނެ ކަމުގެ ޝަރުތުގެ މަތިން ކުރެވުނު ކަމެއް ކަމަށެވެ.
އީރާނުން ބުނަނީ އެމެރިކާއަށް އެއްވެސް ކަމަކަށް އެދިފައި ނުވާނެ ކަމަށެވެ، އަދި އެމެރިކާއަށް އެއްވެސް ގެރެންޓީއެއް ދީފައި ނުވާނެ ކަމަށެވެ.
އާދީއްތަ ދުވަހުގެ ފަތިހު ޓްރަމްޕް ވިދާޅުވީ، އީރާނާ އެކު "އެއްބަސްވުމެއްގެ އަސާސީ ކަންތައްތަކާ" މެދު އެއްބަސްވުމަކަށް އައުމުމުން އީރާނަށް ދޭން ރޭވި ހަމަލާތައް ކެންސަލް ކުރުމަށް އޭނާ ހުއްދަ ދެއްވީ ކަމަށެވެ.
"ޓްރޫތް ސޯޝަލް" ޕްލެޓްފޯމުގައި ކުރެއްވި ޕޯސްޓެއްގައި ޓްރަމްޕް ވިދާޅުވީ، އީރާނާ ދެކޮޅަށް ފިޔަވަޅު އެޅުމަށް އެމެރިކާ އޮތީ "ފުރިހަމައަށް ތައްޔާރަށް" ކަމަށާއި، އެމެރިކާގެ އަސްކަރީ ބާރު މިވަގުތު ހުރީ ދެވަނަ ބޮޑު ހަނގުރާމައަށް ފަހު ދުނިޔެ ނުދެކޭހާ މަތީ ފެންވަރެއްގައި ކަމަށެވެ.
ޓްރަމްޕްގެ މިހޮޅިވާހަކަތަކާ އެމެރިކާ ސިފައިން ބުނާ ވާހަކަތަކާ ފުށު އަރައެވެ. އެމެރކާގެ ހަތިޔާރު ގުދަން ހުސްވަމުންދާ ކަމަށް ސިފައިންގެ އިސް ޖެނަރަލުން ބުނެއެވެ.
ޓްރަމްޕް އިތުރަށް ވިދާޅުވީ، ހަމަލާތައް ފަސްކުރުމަށް އެދިވަޑައިގަތީ "ހުރުމުޒް ކަނޑުއޮޅި ވަގުތުން، ފުރިހަމައަށް އަދި ޝާމިލުވާ ގޮތަށް ހުޅުވާލުމަށާއި، އީރާނުގެ ނިއުކްލިއަރ އިންޒާރު ނިމުމަކަށް ގެނައުމަށް" އެއްބަސްވުމުގެ އޮނިގަނޑެއް އެކުލަވާލުމަށް ހުށަހެޅުމަށް ފަހު ކަމަށެވެ. މި އެއްބަސްވުމުގައި ޔަހޫދީ ރެޖީމް ވެސް ބައިވެރިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
މީގެ ކުރިން ތަކުރާރުކޮށް އީރާނުން ބުނެފައި ވަނީ ހުރުމުޒު ކަނޑުއޮޅިއަކީ ސަރަހައްދީ މައްސަލައެއް ކަމަށާއި މި ކަމުގެ ތެރެއަށް އެއްވެސް ބޭރުގެ ފަރާތެއް ޔައުނީ އެމެިރކާއާއި އިސްރާއީލަށް ފުރުސަތެއް ނެތް ކަމަށެވެ.
ހަމަލާތައް ދޭނެ ކަމަށް ބުނެ ޓްރަމްޕްގެ ބިރުދެއްކުން ކެންސަލް ކުރީ "ދުނިޔޭގެ މުސްތަޤްބަލުގެ ލާބައާއި، އީރާން ތަރައްގީވެ ކާމިޔާބު ޤައުމެއްގެ ގޮތުގައި ދެމިއޮތުމަށްޓަކައި" ކަމަށް ޓްރަމްޕް ވިދާޅުވި ނަމަވެސް، އެއްބަސްވުމެއް އަވަހަށް ޤާއިމު ނުކުރެވިއްޖެ ނަމަ ހަމަލާތައް ދިނުމުގެ އިޚްތިޔާރު އެމެރިކާއަށް އޮންނާނެ ކަމަށް އިންޒާރު ދެއްވިއެވެ.
އީރާނުން އެމެރިކާއަށް އިންޒާރު ދީފައި ވަނީ މޮޔަކަމެއް ކޮށްފިނަމަ ހަނދާނުން ފިލައިގެން ނުދާނެ ވަރުގެ ރައްދު ހަމަލައެއް ދޭނެ ކަމަށެވެ. އަދި އީރާނުން ވަނީ މެދުވެރިންނާއެކު އެ މެސެޖު ޓްރަމްޕަށް ފޮނުވާފައެވެ.
އީރާނުގެ ފޮރިން މިނިސްޓަރު އައްބާސް އަރާޤްޗީ ވަނީ ތުރުކީ، ޕާކިސްތާން އަދި ސައުދީ އަރަބިއްޔާގެ އިސް އޮފިޝަލުންނާ ފޯނުން ގުޅުއްވައި، އެމެރިކާގެ ހަމަލާތަކަށް ވަރުގަދަ ރައްދު ދޭނެ ކަމުގެ އިންޒާރު ދެއްވައިފައެވެ.





