ދުނިޔޭގެ އެންމެ ބޮޑު ބާރަށް ވުމަށް ޗައިނާއަށް ފުރުސަތެއް ނުދޭނަން: ރޫބިއޯ

އެމެރިކާގެ މަސްލަހަތުތައް ގުރުބާންކޮށްގެން، ޗައިނާއަކީ ދުނިޔޭގެ އެންމެ ބާރުގަދަ ގައުމު ކަމަށް ވުމުގެ ފުރުސަތު އެމެރިކާއިން ނުދޭނެ ކަމަށް އެމެރިކާގެ ޚާރިޖީ ވަޒީރު މާކް ރޫބިއޯ ވިދާޅުވެއެވެ. އަދި އެމެރިކާއާއި ޗައިނާގެ ދެބަސްވުންތައް ހައްލުކޮށް، "ދެ ގައުމަށާއި މުޅި ދުނިޔެއަށް ނުރައްކާތެރި އަސަރުތަކެއް ކޮށްފާނެ ކޮންމެ ހަމަނުޖެހުމަކުން ދުރުހެލިވުމަށްޓަކައި" ވޮޝިންޓަނާއި ބެއިޖިންއާ ދެމެދު ސީދާ މުއާމަލާތްތައް ދެމެހެއްޓުމުގެ މުހިންމުކަން އޭނާ ފާހަގަކުރެއްވިއެވެ. މީގެ އިތުރުން، ޓައިވާންގެ މިހާރުގެ ހާލަތު، ބާރުގެ ބޭނުންކޮށްގެން ބަދަލުކުރަން ކުރާ ކޮންމެ މަސައްކަތަކާ އެމެރިކާއިން ދެކޮޅު ހަދާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ރޫބިއޯ "ފޮކްސް ނިއުސް" އަށް ދެއްވި ބަސްދީގަތުމެއްގައި ވިދާޅުވީ، "ޗައިނާ ބޭނުންވަނީ ދުނިޔޭގެ އެންމެ ބާރުގަދަ ގައުމަށް ވާން، އަދި އެކަން ހާސިލުކުރަން ބޭނުންވަނީ އެމެރިކާގެ ފަހަތަށް ޖައްސާލާފައި. ނަމަވެސް އެކަމަށް އަހަރެމެން ފުރުސަތު ނުދޭނަން،" ކަމަށެވެ.

އޭނާ އިތުރަށް ވިދާޅުވީ އެމެރިކާއާއި ޗައިނާއަކީ ދުނިޔޭގެ އެންމެ ބޮޑު ދެ އިގްތިސާދު ކަމަށާއި، އަދި އަސްކަރީ ގޮތުންވެސް އެންމެ ބާރުގަދަ ދެ ގައުމު ކަމަށެވެ.

"އަހަރެމެންގެ އަސްކަރީ ގާބިލުކަން މާ ކުރިއަރާފައިވާކަމަކީ ތެދެއް، ނަމަވެސް މިފަދަ ބޮޑު ދެ ގައުމެއްގެ ދެމެދުގައި ގުޅުމެއް އޮތުމާއި، ސީދާ މުއާމަލާތްކުރުމުގެ ގާބިލުކަން ހުރުމާއި، ޚިލާފުތައް ކޮންޓްރޯލް ކުރަން މަސައްކަތް ކުރުމަކީ ވަރަށް މުހިންމު ކަމެއް. އެކަން ނެތިއްޖެނަމަ އޭގެ ނަތީޖާ ވަރަށް ގޯސްވެދާނެ،" ކަމަށް އޭނާ ވިދާޅުވިއެވެ.

ޚާރިޖީ ވަޒީރު ރޫބިއޯ އިތުރަށް ވިދާޅުވީ މި ގުޅުމުގެ އަސާސަކީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި ޗައިނާގެ ރައީސް ޝީ ޖިންޕިންއާ ދެމެދު އޮތް ގުޅުން ކަމަށެވެ. އެ ދެ ބޭފުޅުންގެ ދެމެދުގައި އޮތީ އިހުތިރާމުގެ މައްޗަށް ބިނާވެފައިވާ ގުޅުމެއް ކަމަށާއި، އެ ދެ ބޭފުޅުންނަށް އެކަކު އަނެކަކު ރަނގަޅަށް އެނގިވަޑައިގަންނަވާކަމީ ވަރަށް މުހިންމު ކަމެއް ކަމަށް އޭނާ ސިފަކުރެއްވިއެވެ.

"ދެ ގައުމުގެ ރައީސުންނަށް ސީދާ އެކަކު އަނެކަކާ ވާހަކަ ދެއްކޭ ގޮތް ހުރުމަކީ މުހިންމު ކަމެއް، އަދި ޗައިނާއާ ސީދާ މުއާމަލާތް ކުރެވޭނެ މަގުތައް ނެތުމަކީ ޒިންމާދާރުކަން ކުޑަ އަމަލެއް،" ކަމަށް ރޫބިއޯ ވިދާޅުވިއެވެ.

އޭނާ އިތުރަށް ވިދާޅުވީ އެމެރިކާ މަސައްކަތް ކުރަނީ ޗައިނާއާ އޮތް ގުޅުން ހަމަޖެހުމުގެ ތެރެއަށް ގެންނަން ކަމަށާއި، ދެ ފަރާތަށްވެސް އެއްބަސް ނުވެވޭނެ ކަންތައްތަކެއް ހުރިކަން އެނގޭ ކަމަށެވެ.

"އަހަރެމެންނަށް އެކުގައި މަސައްކަތް ކުރެވޭނެ ދާއިރާތައް އެބަހުރި، އެއީ ދުނިޔެއަށް ލިބޭނެ ވަރަށް ބޮޑު ރަނގަޅެއް. ނަމަވެސް ކޯޅުންތަކާއި ވާދަވެރިކަމުގެ ޕޮއިންޓުތައްވެސް އެބަހުރި،" ކަމަށް ވިދާޅުވިއެވެ. އަދި މި ޚިލާފުތައް ބަލަހައްޓަމުން ޗައިނާއާ އޮތް ގުޅުން ދެމެހެއްޓުމުގެ މުހިންމުކަން އޭނާ ތަކުރާރުކުރެއްވިއެވެ.

ޓައިވާންގެ ހާލަތު:

ޓައިވާނާ ގުޅޭގޮތުން ޚާރިޖީ ވަޒީރު ވިދާޅުވީ، "20 ނުވަތަ 30 އަހަރު ފަހުން ވާނެ ގޮތެއް އަހަންނަކަށް ނޭނގޭ. ނަމަވެސް އަހަރެމެންގެ ސްޓޭންޑަކީ މިހާރު އޮތް ހާލަތު ބަދަލުކުރުމަށް އަހަރެމެން ތާއީދު ނުކުރާކަން، އަދި ބާރުގެ ބޭނުންކޮށްގެން ހާލަތު ބަދަލުކުރުމާ އަހަރެމެން ދެކޮޅު،" ކަމަށެވެ.

އޭނާ އިތުރަށް ވިދާޅުވީ ޗައިނާގެ ފަރާތްތަކާ ބައްދަލުވުންތަކުގައި ވޮޝިންޓަނުން މި ކަން ވަރަށް ސާފުކޮށް ބުނެފައިވާނެ ކަމަށެވެ. ނަމަވެސް ޗައިނާއިން މި މައްސަލަ ދެކެނީ މުޅިން ތަފާތު ގޮތަކަށް ކަމަށާއި އެއީ ޗައިނާއަށް ވަރަށް ހައްސާސީ މައްސަލައެއް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

ހިއްސާ ކުރައްވާ!